ރިލްވާން މައްސަލައިގައި ތުހުމަތުވާ ފަނޑިޔާރު ޖަވާބުދާރީ ނުވެ، އިސްތިއުފާދެއްވައިފި

މާޗް 18، 2018: ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ޖޭއެސްސީން އައްޔަން ކުރި ހަސަން އަލީ ފަނޑިޔާރު ކަމުގެ ހުވާ ކުރެއްވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ރަހީނުކޮށް ގެއްލުވާލި މައްސަލައިިގައި ތުހުމަތު ކުރެވޭ ހައި ކޯޓުގެ ފަނޑިޔާރު ހަސަން އަލީ ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އަށް ޖަވާބުދާރީނުވެ، އިސްތިއުފާ ދެއްވައިފި އެވެ.

ފަނޑިޔާރު ހަސަން އަލީއަށް ތުހުމަތު ކުރެވެނީ، 2014 ވަނަ އަހަރު ރިލްވާން ގެއްލިފައި ވަނިކޮށް، އޭނާ ރާއްޖެއިން ބޭރަށްގޮސް މަރުވެފައިވާ ކަން ދެއްކުމަށްޓަކައި ފޭކް ޓްރެވަލް ޑޮކިއުމެންޓެއް ހެދުމަށް މަޝްވަރާކުރެއްވި މައްސަލައެކެވެ. އޭރު ހަސަން އަލީ ހުންނެވީ އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމުގަ އެވެ. މި މަޝްވަރާތައް އޭނާ ކުރެއްވީ ފުލުހުންގެ އިންޓެލިޖެންސްގައި އޭރު މަސައްކަތް ކުރި ދެ ފުލުހަކާ ގުޅިގެން ކަމަށް މަރު ކޮމިޝަންގެ ތަހުގީގަށް ވަނީ ހާމަވެފަ އެވެ.

ޖޭއެސްސީން ވަނީ، މި މައްސަލައާ ގުޅުގެން އެ ކޮމިޝަނުން މައްސަލަ ބަލާ ނިމެންދެން މިދިޔަ އަހަރު ސެޕްޓެމްބަރު މަހުން ފެށިގެން ހަސަން އަލީ ސަސްޕެންޑްކޮށްފަ އެވެ.

ޖޭއެސްސީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، ހަސަން އަލީއަށް ތުހުމަތު ކުރެވޭ އެ މައްސަލައާ ގުޅިގެން އޭނާގެ ސުލޫކަށް އަސަރުކުރުވާފަދަ ކަމެއް ހިނގާފައިވޭތޯ ބެލުމަށް އެކޮމިޝަނުން ކުރި ތަހުގީގުގެ މަސައްކަތްތައް ނިންމައި، ފަނޑިޔާރު އަލީ ހަސަން ޖަވާބުދާރީވުމަށްޓަކައި މި މަހުގެ 12 ވަނަ ދުވަހު ތަހުގީގު ރިޕޯޓް އޭނާއަށް ފޮނުވި ކަމަށެވެ. އެހެން ނަމަވެސް، ޖަވާބުދާރީވުމަށް ފަނޑިޔާރަށް ގާނޫނުން ލިބޭ ހަތް ދުވަހުގެ މުއްދަތުގައި އޭނާ ޖަވާބުދާރީނުވެ، މިއަދު އޭނާ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށް ޖޭއެސްސީގެ ބަޔާނުގައި ބުންޏެވެ.

"ހަތް ދުވަހުގެ މުއްދަތު ހަމަވެ، ފަހު އަޑުއެހުމަށް 21 ޖުލައި 2020ގައި [މިއަދު] ހާޒިރުވުމަށް، 20 ޖުލައި 2020 [އިއްޔެ] އަންގާފައި ވަނިކޮށް މިއަދު ފަނޑިޔާރު ހަސަން އަލީ ވަނީ ފަނޑިޔާރުކަމުން އިސްތިއުފާދެއްވާފަ އެވެ" ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

މަރުގެ މައްސަލަތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން އާންމުކުރި ރިޕޯޓުގައި ބަޔާންކޮށްފައި ވަނީ ނޮވެމްބަރު 23، 2013 އިން ފެށިގެން ޖެނުއަރީ 20، 2015 ވަނަ ދުވަހާ ހަމައަށް އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމުގައި ހަސަން އަލީ ހުންނެވިއިރު، ރިލްވާން ރާއްޖެއިން ބޭރަށް ގޮސް ހަނގުރާމައިގައި މަރުވެފައިވާކަން ދެއްކުމަށްޓަކައި، އޭނާގެ ޕާސްޕޯޓެއް ހަދައިދިނުމަށް އިންޓެލިޖެންސް ދެ ފުލުހަކު އޭނަގާތު އެދުނު ކަމަށެވެ.

އެގޮތަށް އެދުމުން ރަސްމީކޮށް ލިޔުމަކުން އެދިގެން ނޫނީ އެފަދަކަމެއް ނުކުރެވޭނެކަމަށް ހަސަން އަލީ ވިދާޅުވި ކަމަށާއި ޖަވާބުގައި ރަސްމީ ލިޔުމެއް ނުގެނެވޭނެކަމަށް އެ ދެމީހުން ބުނިކަމަށް އެ ރިޕޯޓުގައިވެ އެވެ.

ރަސްމީ ލިޔުމެއް ނުގެނެވޭނެކަމަށް ބުނުމުން އެމީހުން ބޭނުންނަމަ ރިލްވާންގެ އަސްލު ޕާސްޕޯޓާ އެއްގޮތަށް އެއްޗެއް ހެދިދާނެ ނޫންހޭ ހަސަން އަލީ ވިދާޅުވި ކަމަށްވެސް އެ ރިޕޯޓުގައިވެ އެވެ.

އެކަން މަރު ކޮމިޝަނަށް އެނގިފައި ވަނީ ހަސަން އަލީ ފުލުހުންނަށް ދީފައިވާ ބަޔާނުން ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.

https://sun.mv/123891

comment ކޮމެންޓް