ސުޝާންތުގެ ވާހަކަ ކިޔައިދޭ ފިލްމަށް ސައްޗިން

ފިލްމުގައި ސުޝާންތުގެ ރޯލު ކުޅޭނީ ސައްޗިން--

މިދިޔަ މަހު މަރުވި އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތްގެ ވާހަކަ ކިޔައިދޭ ފިލްމަށް ޓިކްޓޮކް ތަރި ސައްޗިން ތިވާރީ ހަމަޖައްސައިފި ކަމަށް ޕްރޮޑިއުސަރު ވިޖޭ ޝޭކަރް ގުޕްތާ ބުނެފި އެވެ.

ސުޝާންތުގެ ހަޔާތުން އިންސްޕަޔާވެގެން އުފައްދާ މި ފިލްމު ޕްރޮޑިއުސްކުރަނީ ވިޖޭ ޝޭކަރް ގުޕްތާ އެވެ. މި ފިލްމުގެ ސްކްރީންޕްލޭ ލިޔަނީ ރާކޭޝް ކުމާރެވެ. ފިލްމުގެ ފަސްޓްލުކް މިހާރު އާންމުކޮށްފައިވާއިރު މި ފިލްމަށް ދީފައިވާ ނަމަކީ "ސުއިސައިޑް އޯ މާޑާ؟: އަ ސްޓާ ވޯޒް ލޮސްޓް"އެވެ. މި ފިލްމަކީ ސުޝާންތު ބޮލީވުޑަށް އައިސް އޭނާ އަށް ކުރިމަތިލާންޖެހުނު ތަފާތު ކަންތައްތަކުގެ މައްޗަށް ތައްޔާރުކުރާ ފިލްމެކެވެ.

ޓިކްޓޮކް ތަރި ސައްޗިން އަކީ ސުޝާންތު އާއި ވައްތަރުވެގެން ސޯޝަލް މީޑިއާގައި ވަރަށް އާންމުވި ތަރިއެކެވެ. ސައްޗިން އާ އެކު ފިލްމުގެ ޕޯސްޓަރެއް ވެސް މިހާރު ދައްކާލާފައިވާއިރު ގުޕްތާ ބުނީ މި ފިލްމުގެ ޝޫޓިން އަންނަ ސެޕްޓެމްބަރު މަހު ފެށުމަށް ނިންމާފައިވާ ކަމަށާއި ފިލްމު ޝޫޓްކުރާނީ މުމްބާއިގެ އިތުރުން ޕަންޖާބުގައި ކަމަށެވެ. އަދި މި ފިލްމު މި އަހަރު ޑިސެމްބަރު މަހު ސްކްރީންތަކަށް ގެނައުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ފިލްމުގެ ޕޯސްޓަރު: މި ފިލްމުގައި ބޭރުން އަންނަ އެކްޓަރުގެ ރޯލު ކުޅޭނީ ސައްޗިން---

"ސުޝާންތުގެ މަރާއެކު އެންމެން ވެސް މިތިބީ ޝޮކެއްގައި. ސުޝާންތު ފަދައިން ހުރިހާ އެކްޓަރުންނެއް ބޮލީވުޑަށް އައީ އެމީހުންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް. ބޮލީވުޑްގައި ގޯޑްފާދާއެއް ނެތި ކުޑައަވަށަކުން ބޮލީވުޑަށް އަންނަ ޒުވާނަކަށް ތަހައްމަލުކުރަން ޖެހޭ ކަންތައްތަކެއް މި ފިލްމުގައި ކިޔައިދޭނެ،" ގުޕްތާ ބުންޏެވެ.

އޭނާ ބުނީ މި ފިލްމުގެ ޒަރިއްޔާއިން ބޮލީވުޑްގެ ބޮޑެތި ތަރިންގެ އަސްލު ސިފަ ފެނިގެންދާނެ ކަމަށެވެ. އަދި އެމީހުން ބޭރުން އަންނަ އެކްޓަރުންނާ މެދު ކަންތައް ކުރާ ގޮތް ވެސް ވަރަށް ރަނގަޅަށް މި ފިލްމުން ދައްކުވައިދޭނެ ކަމަށެވެ.

"ސުއިސައިޑް އޯ މާޑާ؟: އަ ސްޓާ ވޯޒް ލޮސްޓް" ޑައިރެކްޓްކުރާނީ ޝާމިކް މާލިކް އެވެ.

comment ކޮމެންޓް