މިއަހަރުގެ ބެލެންޑިއޯ ހޮވުން ކެންސަލް ކޮށްފި

މެސީ، އަދި ރޮނާލްޑޯ ބެލެންޑިއޯ އެވޯޑާ އެކު ---

ކޮރޯނާ ވައިރަހުގެ ސަބަބުން ބައެއް ލީގުތައް ކެންސަލްކޮށް، ހުރިހާ ކުލަބުތަކަށާއި، ކުޅުންތެރިންނަށް ހަމަހަމަ ފުރުސަތެއް ލިބިފައި ނުވާތީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު (ބެލެންޑިއޯ އެވޯޑް) މިއަހަރު ނުދޭން ނިންމައިފި އެވެ.

ފްރާންސްގެ ޕަބްލިކޭޝަންސް އިން ކޮންމެ އަހަރަކުވެސް ހޮވާ ބެލެންޑިއޯ އެވޯޑް ލިބޭ ކުޅުންތެރިޔާ މިފަހަރު ނުހޮވަން ނިންމާފައިވާ އިރު މިއީ 1956 ވަނަ އަހަރު އެ އޯވޯޑް ތައާރަފު ކުރި ފަހުން އެވޯޑް ނުދީ ނިންމާލާނެ ފުރަތަމަ ފަހަރެވެ.

މީގެ ކުރިން ފީފާއާއި ފްރާންސްގެ ޕަބްލިކޭޝަންސް ގުޅިގެން ދެމުން އައި އެވޯޑާއި ވަކިން ފީފާއިން އެންމެ މޮޅު ކުޅުންތެރިޔާ ހޮވަން ފެށީ 2016 ވަނަ އަހަރު އެވެ. ނަމަވެސް ގިނަ ބައެއްގެ ނަޒަރުގައި އަދިވެސް ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓުބޯޅައިގެ އިނާމަކީ ބެލެންޑިއޯ އެވެ.

ބެލެންޑިއޯ އެވޯޑްގައި ގައުމީ ޓީމުތަކުގެ ކެޕްޓަނުންނާއި ކޯޗުން އަދި ނޫސްވެރިންނަށް ވެސް ވޯޓް ލެވޭއިރު، މިއަހަރުގެ އެވޯޑް ކެންސަލް ކުރީ ތާރީހަށް ބަލައި އެ އެވޯޑުގެ އަގު ހިފެހެއްޓުމުގެ ގޮތުން ކަމަށް އެވޯޑް ހޮވާ ފްރާންސްގެ ފުޓުބޯޅަ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

"އެވޯޑުގެ އަގު ހިފެހެއްޓުމަށާއި، ކުޅުންތެރިންނަށް އެންމެ އިންސާފުވެރި ގޮތަކަށް ވާނީ މިފަހަރުގެ އެވޯޑް ނުހޮވުން." ފްރާންސްގެ ފުޓުބޯޅަ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ކޮރޯނާ ވައިރަސް ކޮންޓްރޯލްވުމެއް ނެތި ގިނަ ގައުމުތަކެއްގައި ފެތުރެން ފެށުމާ އެކު ޔޫރޮޕުގެ ފުޓުބޯޅަ މުއްދަތެއް ނެތް ގޮތަށް ފަސް ކުރީ މާޗު މަހުގެ ކުރީކޮޅެވެ. އޭގެ ފަހުން ގައުމުތަކުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ފަހު މިހާރު ބައެއް ގައުމުތަކުން ވަނީ ފުޓުބޯޅަ ސީޒަން ކެންސަލް ކޮށްފަ އެވެ.

އޭގެ ތެރޭގައި ފްރާންސްގެ ލީގާއި، ބެލްޖިއަމް އަދި ނެދަލެންޑްސްގެ އިތުރުން އާޖެންޓީނާގެ ފުޓުބޯޅަ ސީޒަންވެސް ވަނީ ނިމުމަކަށް ގެނެސްފަ އެވެ.

އެހެން ކަމުން އެގައުމުތަކުގެ ލީގުގައި ކުޅޭ ކުޅުންތެރިންނަށް މިފަހަރުގެ ބެލެންޑިއޯއަށް ވާދަކުރުމުގެ ފުރުސަތު ހަނުވާނެ ކަމަށާއި، އެއާ އެކު ބެލެންޑިއޯ ހޮވައިފި ނަމަ އެ ކުޅުންތެރިންގެ ހައްގުތަކެއް ގެއްލޭނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކުޅުންތެރިޔާއަށް ދިން ބެލެންޑިއޯ އެވޯޑް ހާސިލް ކުރީ ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އާއި އެމެރިކާގެ އަންހެން ޓީމުގެ މޭގަން ރެޕިނޯ އެވެ. މެސީގެ އެ އެވޯޑާ އެކު އޭނާ އެ ޝަރަފު ހޯދި އަދަދު ވަނީ ހަޔަކަށް އަރައިފަ އެވެ. މެސީއާއި ދެން އެންމެ ގާތުން ފަސް އެވޯޑާ އެކު ވާދަކުރަނީ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

comment ކޮމެންޓް