ބޮޑު ބަލިމަޑުކަމެއް ފެތުރި، ގައުމުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް މިސްކިތްތައް ބަންދުކުރާ ހާލަތެއް އަންނަ ނަމަ، ރައްޔިތުނަގެ މަޖިލިސް ވެސް ބަންދުކުރެވޭނެ ކަމަށް ޑރ. އަލީ ނިޔާފް ވިދާޅުވެއްޖެއެވެ.
ޑރ. ނިޔާފް މިހެން ވިދާޅުވީ ސިއްހީ ނުރައްކަލެއް އިއުލާނުކޮށް ނެރޭ ގަރާރު 48 ގަޑިއިރުތެރޭ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށް ހަދަން އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލަށް މަޝްވަރާ ހޯދުމަށް މިހާރު ކުރިއަށްދާ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
ޑރ. ނިޔާފް ވަނީ ބިލުގައި ހުރި ބައެއް މާއްދާތަކާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައިިފައެވެ. އެގޮތުން ސިއްހީ ކުއްލި ނުރައްކާ އިއުލާނުކޮށްފައި އޮންނަ ހާލަތެއްގައިވިޔަސް އާންމުކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބާއްވާ އުސޫލުން މަޖިލީހުން ބޭނުންވާ ތަނެއްގައި ޖަލްސާ ބޭއްވޭ ގޮތަށް ހިމަނަން އޮތުމުން ޑރ. ނިޔާފް ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
ޑރ. ނިޔާފް ވިދާޅުވީ ބައްޔެއް ފެތުރެމުން ދާއިރު މިސްކިތްތައް ބަންދުކޮށް، ދީނުގެ އެންމެ މުހިންމު އެއް ކަންތައް ހުއްޓުވޭއިރު، ޒަމާނީ ވަސީލަތް ބޭނުން ނުކޮށް އެއް ތަނެއްގައި، ސެކިއުރިޓީ ނުލިބޭ ހާލަތެއްގައި ބަލި ފެތުރޭނެ ހާލަތަކާ ގުޅޭގޮތުން ސިއްހީ ދާއިރާއިން ކަނޑައަޅާފައި އޮތް މިންގަނޑަކަށް ނުފެތޭ ހާލަތެއްގައި އެއްވެސް ބަޔަކަށް ބައްދަލުވުމެއް ނުބޭއްވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"މިސްކިތެއް ހުއްޓުވޭ ހާލަތަކަށް އަޅުގަނޑުމެންނަށް ދެވެންޏާ ރައްޔިތުންގެ މަޖިލިސް ހުއްޓުވޭނެ ހާލަތަކަށް ނުދާންވީ އެއްވެސް ސަބަބެއް ނެތް،" ޑރ. ނިޔާފް ވިދާޅުވިއެވެ.
މީގެ އިތުރުން މަޖިލީހަށް ލިބިދީފައިވާ ބޮޑެތި ބާރުތަކާ ގުޅިގެން ވެސް ޑރ. ނިޔާފް ކަންބޮޑުވުންް ފާޅުކުރެއްވިއެވެ. ބިލުގައި ބުނެފައި ވަނީ ގަރާރުގެ ވަކިބައެއް އަދި މުޅި ގަރާރު އެކުގައި ފާސްކުރުމާއި، ގަރާރު ބާތިލުކުރުމާއި، މަޖިލީހަށް ގެންނަން ފެންނަ ބަދަލު ގަރާރަށް ގެނައުމުގެ ބާރު މަޖިލީހަށް ދިނުމަށް ވަނީ ހިމަނައިފަައެވެ.
ޑރ. ނިޔާފް ވިދާޅުވީ އެޕިޑެމިކް އެއް ޕެންޑެމިކް އަކަށް ބަދަލުވެ، މުޅި ދުނިޔޭގައި އެ ބަލިމަޑުކަން ފެތުރެމުން ދާއިރު ޑޮކްޓަރުންނާއި އެކަމާ ހަވާލުވެ ތިިބި މީހުންނަށް ބާރު ނުފޯރާ ވަރުގެ ޕޮއިންޓުތަކެއް ބިލުގައި ހުރި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"މިސާލަކަށް ބުނަންޏާ ސިކުނޑިއަށް ލޭކޮޅެއް އަތުވެއްޖެއްޔާ އެއަށް ފަރުވާ ކުރާނެ ގޮތް އިނގޭނީ ނާރުގެ އޮޕަރޭޝަން ޑޮކްޓަރަކަށް ނޫނިއްޔާ ނާރުގެ ބޭސްފަރުވާ ކުރާ ޑޮކްޓަރަކަށް. އެންމެ ބޮޑަށް،" ޑރ. ނިޔާފް ވިދާޅުވިއެވެ.
ޑރ. ނިޔާފް ވިދާޅުވީ ގަރާރު ބާތިލުކުރުމުގެ ބާރު މަޖިލީހަށް ދިން ނަމަވެސް، އޭގެ ކުރިއަށް ސިއްހީ މާހިރުންގެ ލަފަޔާއެކު ގަރާރު ބާތިލްކުރުމުގެ ބާރު މަޖިލީހަށް ދިނުމުން މައްސަލައެއް ނެތް ކަމަށެވެ.
"އެތަންކޮޅު ނުލައިފިއްޔާ އެއް ބައެއް އަތުން ބާރު ނަގާއިރު އަނެއް ބަޔަކަށް މި ލިބޭ ބާރަކީ ބޮޑު ގައުމެއްގައި ކާރިސާއެއް ފެތުރިގެންދާއިރު އޭތި މައިތިރި ނުވާވަރުގެ ބާރެއް. އަޅުގަނޑަށް ހަމަގައިމުވެސް އެހާ ލައިޓްކޮށް އެތަން ދުއްވާލާކަށް އަޅުގަނޑުގެ ހިތް ގަބޫލުނުކުރާތީ ހަމަ ބުނެލީ،" ޑރ. ވިދާޅުވިއެވެ.
ޑރ. ނިޔާފްގެ ވާހަކަތަކާ ގުޅިގެން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ބަންދުވެފައި އޮތުމަށް ގާނޫނުއަސާސީ ތަން ނުދޭ ކަމަށެވެ.
ގާނޫނު އަސާސީގައި ބުނަނީ ދައުލަތުގެ ތިން ބާރު އަބަދުވެސް ދެމިއޮންނަން ޖެހޭނެ ކަމަށާއި ވަކިން ހާއްސަކޮށް ރައްޔިތުންގެ މަޖިލިސް ދެމިއޮންނަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"އެއީ ވަރަށް ގިނަ ރައްޔިތުން އިންތިހާބުކޮށްފަ ރައްޔިތުންގެ ފަރާތުން އަބަދުވެސް ވާހަކަ ދައްކާ، ކަންކަން ނިންމަާ ސިޔާސަތު ކަނޑައަޅަން ނިންމާފަ ތިބި ބަޔަކަށް ވާތީވެ، ގާނޫނުއަސާސީ ހަމަ އެއްގޮތަކަށް ވެސް ޖާގަނުދެނީ ރައްޔިތުންްގެ މަޖިލީހެއް އެއްކޮށް ބަންދުވެފައި އޮންނަން ފުރުސަތު ނުދޭތީ އަޅުގަނޑަށް ހީވަނީ ރައީސުލްޖުމްހޫރިއްޔާ އިއުލާނުކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ރައްޔިތުންްގެ މަޖިލީހުން އެބަ ދައުރެއް އެބަ އަދާކުރޭ،" އިމްތިޔާޒް ވިދާޅުވިއެވެ.
އިމްތިޔާޒް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރާ މެދު ގޮތް ނިންމުމުގެ ބާރުވެސް މަޖިލީހަށް ލިބިގެންވާ ކަމަށެވެ. އެހެންކަމުން ދައުލަތުގެ އެންމެ މަތީ ވެރިޔާ އިއުލާނުކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތުވެސް އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެ ގަރާރުގެ ބައިބައި ބާތިލުކުރުމާ، މުއްދަތު އިތުުރުކުރުމާ ކުޑަ ކުރުމާ އެއަށް ރުހުން ދިނުމުގެ ބާރު މަޖިލީގަށް ލިބިދީފައިވާ ކަމަށެވެ.
"އެހެންވީމާ އަޅުގަނޑަށް ހީވަނީ ރައްޔިތުންގެ މަޖިލީހުގެ ދައުރެއް އަބަދުވެސް އޮންނަން ޖެހޭނެ ހެން. އަނެއްކާ ސިއްހީ ކުއްލި ނުރައްކަލާ ގުޅިގެން މިހާރު އަމަލުކުރަމުންް އަންނަ ގާނޫނުގައި ހުރި މާއްދާތަކަށް ބަލާލާކަމަށް ވާއިރު އަޅުގަނޑުމެން މި ފާހަގަ ކުރަނީ ސިއްހީ ޓެކްނިކަލް ކަންކަން، ރައްޔިތުންގެ މަޖިލީހުގެ އޭގެ ޑިޒިޝަން މޭކް ކުރާ ވާހަކައެއް ނޫން. އޭގަ އެބަ އާދޭ އިގްތިސޯދީ ވާހަކަތަކަކާ ބައިިތަކަކާ މުޅި ގައުމަށް ދިމާވާ ވަރަށް ގިނަ ހުރިހާ ޒާތެއްގެ މައްސަލަތައް އެބަ ފެންމަތިވޭ. އޭގެ ތެރޭގައި ގާނޫނީ މައްސަލަތައް. ހައްގުތަކުގެ މައްސަލަތައް،" މެމްބަރު ވިދާޅުވިއެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ގިނަ ހައްގުތަކެއް ހިފެހެއްޓޭކަން ފާހަގަކުރައްވަމުން އިމްތިޔާޒް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ދައުރެއް މުހިންމު ވަނީ އެހެންވެ ކަމަށެވެ.
ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ވިދާޅުވީ ކުރިން ގާނޫނު އޮތް ގޮތުން މަޖިލީހުގެ ޖަލްސާތައް ބޭއްވޭނެ ގޮތެއް ކަނޑައެޅިފައި ނެތް ކަމަށާއި، ބިލުގައި ބުނެފައި އެވަނީ ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެދާނެ ކަމަށް ބަލައި ޒަމާނީ ވަސީލަތް ބޭނުންކޮށްގެން ދުރުގައި ތިބެގެން ވެސް މަޖިލީހުގެ ޖަލްސާތައް ބޭއްވޭނެ ވާހަކަ ކަމަށެވެ.
"އެހެންވީމަ އަޅުގަނޑަށް ހީވަނީ ނިޔާފުގެ ކަންބޮޑުވުމަށް ހައްލެއް ލިބޭހެން މި މާއްދާއިން،" މެމްބަރު ވިދާޅުވިއެވެ.
ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވީ މެޑިކަލް އެކްސްޕާޓެއްގެ ހައިސިއްޔަތުން ޑރ. ނިޔާފް ފާހަގަކުރެއްވި ކަންބޮޑުވުންތައް ބަލައިގަންނަ ކަމަށާއި އެހެން ނަމަވެސް ކަންތައްތައް ވެގެންދާނީ ސިއްހީ މާހިރުން އެދިވަޑައިިގަންނަވާ ގޮތަށް ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ އެއްވެސް ހާލެއްގައި ނުރައްކާތެރި ބަލިމަޑުކަމެއްގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނެއް ނުކުރައްވާނެ ސިއްހީ އެކްސްޕާޓުންގެ ނޫނީ ޑޮކްޓަރުންގެ ލަފާ ނުހޯއްދަވައެއް،" އަފީފް ވިދާޅުވިއެވެ.
ހަމައެއާއެކު މިފަދަ ހާލަތްތަކުގައި މަޖިލީހުގެ ޖަލްސާތައް ބާއްވަންޖެހޭ ސަބަބުތައް ވަރަށް ގިނަ ކަމަށެވެ. އަދި އެފަދަ ހާލަތެއްގައި ސިއްހީ މާހިރުންގެ ފަރާތުން ހޯދަންޖެހޭ މަޝްވަރާ އާއި ލަފާ ނުހޯއްދަވައި ރައްޔިތުންްގެ މަޖިލީހުގެ ރައީސް، މަޖިލީހުގެ ޖަލްސާއެއް ނުބާއްވާނެ ކަމަށެވެ.