ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މޫސުން ގޯސްވުން އެކަށީގެންވާ ކަމަށް ލަފާކޮށް މޯލްޑިވްސް މީޓިއޯރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ވަނީ މިރޭގެ 21:45 އިން ފެށިގެން 02:35ގެ ނިޔަލަށް ވައިޓް އެލާޓް ނެރެފައެވެ.
އެގޮތުން ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ބާރަށް ވައި ޖެހި ކަނޑު ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
މެޓް އޮފީހުން ބުނެފައިވަނީ ވައިޓް އެލާޓް ނެރެފައިވާ މުއްދަތުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ގަޑިއަކު 22 މޭލާއި 27 މޭލުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މިދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުގެ ކަނޑުތައް އާންމުގޮތެއްގައި ގަދަ ދުވަސްކޮޅަކަށް ވުމުން ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް ވަނީ ކަނޑުމަތީގެ ދެ ހާދިސާއެއް ހިނގާފައެވެ.