އިސްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ޓްވިޓާ އެކައުންޓް ހެކްކުރިކަމަށް ދެކެވެމުންދާ ވާހަކަތައް އިސްރާއިލްގެ ސަރުކާރުން ދޮގުކޮށްފިއެވެ.
ޓުވިޓާގައި އެތައް މިލިއަން ފޮލޯވަރުން ތިބޭ އެމެރިކާގެ ބައެއް މަޝްހޫރު ޝަހުސިއްޔަތުންނާއި ކުންފުނިތަކުގެ އެކައުންޓުތައް މިދިޔަ ބުދަ ދުވަހު ވަނީ ހެކްކޮށްފައެވެ.
ހެކްކުރި އެކައުންޓުތަކުގެ ތެރޭގައި ބިލިއަނަރުންގެ އެކައުންޓްތައްވެސް ހިމެނެއެވެ. އޭގެ ތެރޭގައި އީލަން މަސްކް، ޖެފް ބޭޒޯސް އަދި ބިލް ގޭޓްސްގެ އެކައުންޓުތައް ހިމެނެ އެވެ. އަދި ކުރީގެ ރައީސް ބަރަކް އޮބާމާ އާއި ކުރީގެ ނައިބު ރައީސް ޖޯ ބައިޑެންގެ އިތުރުން ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓްގެ އެކައުންޓުވެސް ހިމެނެ އެވެ.
ހެކްކުރި އެކައުންޓްތަކުގެ ތެރޭގައި ނަތަންޔާހޫގެ އެކައުންޓްވެސް ހިމެނޭކަމަށް އެމެރިކާގެ މީޑިއާތަކުންވެސް ރިޕޯޓްކުރިއެވެ. ހަމަ އެފަދައިން ޗައިނާގެ މީޑިއާތަކާއި އިސްރާއިލްގެ ނޫހެއް ކަމަށްވާ ޓައިމްސް އޮފް އިސްރާއިލްއިންވެސް ހަމައެގޮތަށް ރިޕޯޓްކޮށްފައިވެއެވެ.
އެކައުންޓުތައް ހެކްކޮށްފައި ވަނިކޮށް އޭގެން ކުރި ޓްވީޓުތަކުގައި ވަނީ ބިޓްކޮއިން ވޮލެޓް އެޑްރެހެއް ދިނުމަށް ފަހު، އެ އެޑްރެހަށް ފައިސާ ފޮނުވަން ބުނެފަ އެވެ. އަދި އެ ފޮނުވާ މިންވަރެއްގެ ދެ ގުނަ އަނބުރާ ދޭނެ ކަމަށް ބުނެފަ އެވެ.
އިނގިރޭސިވިލާތުގެ ލަންޑަންގައި ހުންނަ އިސްރާއިލްގެ އެމްބަސީން ބުނީ ނަތަންޔާހޫގެ އެކައުންޓް ހެކްކޮށް އެފަދަ ޓުވީޓުތަކެއް ކުރިމަށް ބުނެ ސޯޝަލް މީޑިއާގައި އެނބުރު ސްކްރީން ޝޮޓްތައް ފޭކް ކަމަށެވެެ.
ނަތަންޠާހޫގެ ޓުވީޓެއް ކަމަށް ބުނެ ދައުރުވި ސްކްރީން ޝޮޓްގައި އިނީވެސް ހިބްރޫ ބަހުން ލިޔެފައެެވެ. ހެކްކުރި އެހެން އެކައުންޓްތަކުގެ ޓުވީޓުގައި އިނީ އިނގިރޭސިން ލިޔެފައި ހުރި ޓުވީޓުތަކެކެވެ.