ތެމި ފޯވެގެން ނަމާދުގައި ތިބި ބަޔަކަށް ދިއްކޮށްލީ ކުޑަ!

ވާރެއާ ތެމިގެން ނަމާދު ކުރަމުންދިޔަ ދެމީހަކަށް މީހަކު ކުޑަ ދިއްކޮށްލައިގެން ތިބި މަންޒަރަށް ގިބަ ބައެއްގެ ތައުރީފު ދަނީ ލިބެމުން --- ފޮޓޯ : ނާޒިމް ހަސަން / ޓްވިޓާ

މާލޭގެ ފުރަބަންދަށް ލުއި ދިނުމަށްފަހު އަލުން ހުކުރު ނަމާދު ކުރަން ފެށިތާ މިއީ ދެވަނަ ހުކުރެވެ. އެހެން ހުކުރު ތަކާ ހިލާފަށް މިއަދު ހުކުރު ގަޑީގައި މާލެއަށް ދިޔައީ ބޯކޮށް ވާރޭ ވެހެމުންނެވެ. އޭގެ ސަބަބުން މިސްކިތު ބޭރުގައި ސަފު ހަދައިގެން ނަމާުދކުރަން ތިބި ގިނަ މީހުން ތެމިފޯވި އެވެ. ނަމަވެސް އެއާއެކު ފެނިގެން ދިޔަ މަންޒަރުތަކުން ސޯޝަލް މީޑިއާގައި އެތައް ބައެއްގެ ތައުރީފު ލިބެން ފަށައިފި އެވެ.

މިއަދުގެ ހުކުރު ނަމާދުކުރަމުންދިޔަ އިރު ބޭރުގައިވެސް އެތައް ބަޔަކު ނަމާދު ކުރަމުން ދިޔައެވެ. ނަމަވެސް އެގަޑީގައި ވެހެމުންދިޔައީ ބޯކޮށް ވާރެ އެވެ. ނަތީޖާއެއްގެ ގޮތުން ބޭރުގައި ތިބި މީހުން ނަމާދު ކުރީ ބޯވާރޭގަ އެވެ.

ނަމާދުކޮށްގެން އެތައް ބަޔަކު އަނބުރާ ގެއަށް ދާން ފެށިއިރު، ޖަމާއަތުގައި ލައްވާ ނުލާ ތިބި ބަޔަކު މިސްކިތުގެ ބޭރުގައި ބޯ ވާރޭގައި ނަމާދު ކުރަމުންދިޔަ އެވެ.

މާލޭ މިސްކިތެއްގެ ބޭރުގައި ދެ މީހަކު ނަމާދު ކުރަން ތިބި މަންޒަރު ދައްކުވައިދޭ ފޮޓޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. އެ ދެމީހުން ނަމާދު ކުރަމުން ދިޔައީ ވާރޭގަ އެވެ. ނަމަވެސް އާންމުންގެ ސަމާލުކަން އަތުލާފައިވަނީ އެ ސަބަބާ ހުރެއެއް ނޫނެވެ.

ނަމާދު ކުރުމަށްފަހު ކުޑައަޅައިގެން ދިޔަ މީހަކު، ބޯވާރޭ ތެރޭ މަގުމަތީގަިއ ނަމާދުކުރަމުން ތިބި ދެ ދެމީހުންނަށް ކުޑައިން ހިޔާ އަޅައިދިން މަންޒަރު ދައްކުވައިދޭ ފޮޓޯއަށް އެތައް ބައެއްގެ ސަމާލުކަން ދަނީ ލިބެމުންނެވެ. ވާރެއިން ތެމިފޯވެފައިވާ ދެމީހުންނާ ދިމާލަށް ކުޑަ ދިއްކޮށްލައިގެން އޭނާ ހުރީ ދެ މީހުން ނަމާދުކޮށް ނިމެންދެނެވެ.

އެ މަންޒަރުގެ އިތުރުން ހަމަ އެފަދަ މަންޒަރެއް މިއަދު މާލޭގެ ބަރުބަރީ މިސްކިތް ކައިރިންވެސް ވަނީ ފެނިގެން ގޮސްފަ އެވެ. ވާރެއާއެކު ނަމާދު ކުރަމުންދިޔަ މީހަކަށް އެހެން މީހަކު ކުޑައިން ހިޔާކޮށްދޭ މަންޒަރެވެ.

އެ ފޮޓޯއާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި ފަރާތަކުން ބުނީ، "އިންސާނިއްޔަތު އަދިވެސް މަރުނުވެ" ދިރިއޮތްކަން އެ ފޮޓޯއިން ސާބިތުކޮށްދޭ ކަމަށެވެ. އަދި އަނެއް ބަޔަކު ބުނީ އެއީ ވަރަށް ބޮޑު ހެޔޮ ކަމެއް ކަމަށާއި ރީތި ނަމޫނާއެއް ކަމަށެވެ.

ކޮންމެއަކަސް އެ ފޮޓޯތައް ދަނީ ސޯޝަލް މީޑިއާގައި މަގުބޫލުކަން ބޮޑުވެ ދައުރުވަމުންނެވެ. އަދި އެތައް ބައެއްގެ ތައުރީފު އެމީހުންގެ އަމަލަށް ދަނީ ލިބެމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު