ރާއްޖޭއިން ބޭރުން މީހުން ގެނެސް މަސައްކަތްކުރުވާއިރު އެމީހުންނާ ރިވެތިކޮށް މުއާމަލާތުކޮށް މުސާރަދިނުމާއެކު ވޯކް ޕާމިޓުގެ މަސައްކަތް ކުރުމަކީ އެމީހުން ގެންނަ ފަރާތްތަކުގެ ޒިންމާއެއް ކަމަށާއި އެއީ ދީނީ އަދި ދުނިޔެވީ ވާޖިބެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
މިއަދުގެ ހުކުރު ހުތުބާގެ މައުލޫއަކީ "އިންސާނީ ވަގުފާރި – ޒަމާނީ އަޅުވެތިކަން"މި އެވެ.
ހުތުބާގައި ބުނެފައިވަނީ އިންސާނުންގެ ވަގުފާރީގެ ސަބަބުން މުޅި އިންސާނިއްޔަތަށް ވަނީ ބޮޑެތި މުސީބާތްތަކެއް ކުރިމަތިވެފައި ކަމަށެވެ. އެގޮތުން ރަނގަޅު މުސާރައެއް ދޭނެކަމަށް ބުނެ ހައްލައިގެން އެތައް ލައްކަ މީހުން އެހެން ގައުމުތަކަށް ފޮނުވަނީ ކެހިވެރި އޮޅުވާލުމެއްގެ ތެރޭގައި ކަމަށްވެސް ބުނެފައިވެ އެވެ. އަދި ގޭގައި މަސައްކަތް ކުރުމުގެ ނަމުގައި ގައުމުތަކަށް ގެންދާ އަންހެނުން ލައްވައިވެސް ހަށި ވިއްކުމާއި ޖިންސީ ފަތުރުވެރިކަމުގެ މަސައްކަތްކުރާ ކަމަށް ހުތުބާގައި ފާހަގަކޮށްފައިވެ އެވެ.
ރާއްޖެއަށް ތަފާތު މަސައްކަތްތަކަށް ގެންނަ ބިދޭސީންގެ އިންސާނީ ހައްގުތަކުގެ މަތީން ހަނދާން ކުރަން ޖެހޭނެ ކަމަށް ހުތުބާގައި ބުނެފައިވެ އެވެ. އެގޮތުން އެމީހުންނަށް ކާން ދިނުމާއި ނިދުމާއި ބޭސްފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަކީ އެމީހުން ގެންނަ ބައެއްގެ ޒިންމާއެއް ކަމަށް ހުތުބާގައި ބުނެފައިވެ އެވެ.
ވޯކް ޕާމިޓް ހަމަޖެއްސުމުގެ އިތުރުން އެ ފަރާތްތަކުންގެ ވޯކް ޕާމިޓް ހަދައިދިނުމުގެ މަސައްކަތް ކުރަން ޖެހޭނީވެސް ބިދޭސީން ގެންނަ ފަރާތްތަކުން ކަމަށް ހުތުބާގައި ފާހަގަކޮށްފައިވެ އެވެ.
ރާއްޖޭގައި ތަފާތު މަސައްކަތް ކުރުވުމަށް ބިދޭސީން ގެންގުޅޭ ފަރާތްތަކުން އެމީހުންނާ މެދު އިހުމާލުވެ އެމީހުންގެ ހައްގުތައް ނުދޭނަމަ އެ ހައްގުތައް ހޯދަން މަސައްކަތް ކުރަން ޖެހޭނެ ކަމަށް ހުތުބާގައި ބުނެފައިވެ އެވެ. އެހެން ނަމަވެސް އެ ހައްގުތައް ހޯދަން ޖެހޭނީ ގާނޫނީ އިމުގެ ތެރެއިން ކަމަށްވެސް ހުތުބާގައި ފާހަގަކޮށްފައިވެ އެވެ.
ހުތުބާގައި ފާހަގަކޮށްފައިވަނީ ހައްގުތައް ހޯދުމަށް މަސައްކަތް ކުރާއިރު ހަމަނުޖެހުން ހިންގައި ސަރުކާރާއި ރައްޔިތުންގެ މުދަލަށް ގެއްލުން ދީގެން ނުވާނެ ކަމަށެވެ.