އިއްޔެ 212 މީހުން އައި އިރު، އެންމެ ގިނައީ ތުރުކީ ފަތުރުވެރިން

ޖުލައި 15، 2020: ކޮވިޑް19އާ ގުޅިގެން ތިން މަހަށްވުރެ ގިނަ ދުވަހަށް ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަތޭކަ ދިހަ ދުވަހަށްފަހު ރާއްޖޭގެ ބޯޑަރު އިއްޔެ ހުޅުވާލުމުން 212 މީހަކު ރާއްޖެ އައި ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެ ރާއްޖެ އައި މީހުންގެ ތެރޭ ހިމެނެނީ 38 ދިވެހިންނާއި 104 ފަތުރުވެރިން އަދި 65 ބިދޭސީ މަސައްކަތު މީހުންނާއި އެހެން ބޭނުންތަކުގައި ރާއްޖެ އައި ފަސް މީހެކެވެ.

ފަތުރުވެރިންގެ ތެރެއިން އެންމެ ގިނައީ ތުރުކީވިލާތުގެ ފަތުރުވެރިންނެވެ. އެގައުމުން 14 ފަތުރުވެރިން އައި އިއު އެމެރިކާ އަށް ނިސްބަތްވާ 12 ފަތުރުވެރިއަކު އިއްޔެ ރާއްޖެ އައިސްފައިވެއެވެ.

އަދި ނެދަލެންޑްސް އަށް ނިސްބަތްވާ ނުވަ ފަތުރުވެރިޔަކާއި ޖަރުމަނުގެ އަށް ފަތުރުވެރިޔެއްގެ އިތުރުން ސްވިޒަލެންޑްގެ ހަތް މީހެއް އަދި އެހެން ގައުމުތަކަށް ނިސްބަތްވާ ޖުމްލަ 54 ފަތުރުވެރިން އިއްޔެ އައިސްފައިވެއެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލިއިރު އިއްޔެ އެންމެ ފުރަތަމަ އައިސްފައިވަނީ ގަތަރު އެއާވޭސްގެ މަތިންދާ ބޯޓެކެވެ. އިއްޔެ ސްރީލަންކަން އިންވެސް ވަނީ ރާއްޖެއަށް ފްލައިޓެއް ބާއްވައިފައެވެ.

މިއަދު އެމިރޭޓްސް އިންވެސް ރާއްޖެއަށް ފްލައިޓެއް ބާއްވާފައިވާއިރު، ގަތަރު އަދި ސްރީލަންކަން އިންވެސް މިއަދު އޮޕަރޭޓު ކުރާނެއެވެ. މީގެ އިތުރުން މިމަހުގެ ތެރޭ އިއްތިހާދު އެއާވޭސް އިންވެސް ރާއްޖެއަށް ފްލައިޓުތައް ބާއްވާނެއެވެ.

ގަތަރު، އިއްތިހާދު އަދި އެމިރޭޓްސް އަކީވެސް ޔޫރަޕާއި މެދުއިރުމަތިން ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އުފުލާ ތިން އެއާލައިނެވެ.

އޮގަސްޓުމަހުގެ ތެރޭ ދަތުރު ފަށަން ތާވަލުކޮށްފައިވާ އެއާލައިންތަކުގެެ ތެރޭގައި ގަލްފް އެއާ، ބްރިޓިޝް އެއާވޭސް، ހޮންކޮންގް އެއާލައިންސް އަދި އިންޑިގޯގެ އިތުރުން ސިލްކް އެއާއާއި ސިންގަޕޯ އެއާލައިންސް ހިމެނެއެވެ.

މިމަހުގެ 23 ވަނަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މި އަހަރު ރާއްޖެއަށް 850،000 ފަތުރުވެރިން ގެނައުން ކަމަށެވެ. ރާއްޖޭގެ ބޯޑަރު ބަންދުކުރި އިރު 300،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވެ އެވެ.

comment ކޮމެންޓް