އެއްވެ އުޅުމުގެ މިނިވަންކަން ހަނިކޮށް ޖަމިއްޔާ ޖަމާއަތްތަކުގެ މަސައްކަތަކާއި މިނިވަން ކަމަށް ބުރޫ އަރާފަދަ ގޮތަކަށް ސަރުކާރުން އިއުލާނުކުރުމާ ގުޅިގެން ބައެއް މަދަނީ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމާ ބެހޭ ގާނޫނަށް 2016 ވަނަ އަހަރު ގެނައި އިސްލާހެއްގައި، މާލޭގައި މުޒާހަރާކޮށް އެއްވެ އުޅެވޭނެ ތަނެއް ހޯމް މިނިސްޓަރު ކަނޑައަޅަންޖެހޭނެކަމަށް ބުނެފައިވާ އިރު، އޭރުގެ ހޯމް މިނިސްޓަރު ކަނޑައަޅާފައިވަނީ އެ ތަނަކީ އަލިމަސް ކާނިވާ ސަރަހައްދު ކަމަށެވެ. މިހާރު ސަރުކާރު ހިންގާ އަދި ކުރީގެ އިދިކޮޅު ސިޔާސީ ފަރާތްތަކުން މި ނިންމުމާ މެދު އޭރު ފާޑު ކީ ނަމަވެސް ކުރީގެ ސަރުކާރުގައި ހޯމް މިނިސްޓްރީގެ އެ ނިންމުން ބަދަލުކޮށްފައެއް ނުވެއެވެ. ހޯމް މިނިސްޓްރީން އިއްޔެ ވަނީ 2016 ވަނަ އަހަރުގެ އެ ނިންމުން ހަނދުމަކޮށްދޭކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.
މީގެ އިތުރުން ޖަމިއްޔާތަކުގެ ކަންކަން ބަލަހައްޓާ ޔޫތު މިނިސްޓްރީންވެސް އިއްޔެ ބަޔާނެއް ނެރެ، ބައެއް ޖަމިއްޔާތަކުން ގައުމީ ސަލާމަތާ ރާއްޖޭގެ އާންމު މަސްލަހަތަށް އުނިކަން އަންނަ ގޮތަށް ހިންގާ ހަރަކާތްތަކަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކާކަމަށް ބުނެ، އެ ޖަމިއްޔާތަކަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފައިވެއެވެ.
ރާއްޖޭގައި ހިންގާ ދެ މަދަނީ ޖަމާއަތް ކަމުގައިވާ ޓްރާންސްޕޭރެންސީ މޯލްޑިވްސްއާއި ފެމިލީ ލީގަލް ކްލިނިކުން މިއަދު ނެރުނު ނޫސްބަޔާންތަކެއްގައި ވަނީ މި ދެ ކަމާ ބެހޭގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެގޮތުން، އެއްވެ އުޅުމުގެ މިނިވަންކަން ހަނިވާ ގޮތަށް 2016 ވަނަ އަހަރު ނިންމި ނިންމުން ދެމެހެއްޓުމަށް ސަރުކާރުން ނިންމާފައިވާތީ އެކަން ކުށްވެރިކުރާ ކަމަށާއި، އެ ނިންމުން ވަގުތުން އުވާލައި އަދި ގާނޫނުއަސާސީގައިވާ އިބާރާތާ އެއްގޮތަށް ކުރިން ހުއްދަ ނުހޯދައި އެއްވެ އުޅުމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށް ޓްރާންސްޕޭރެންސީއާއި ފެމިލީ ލީގަލް ކްލިނިކުން ގޮވާލިއެވެ.
މީގެ އިތުރުން އެ ދެ ޖަމިއްޔާއިން ބުނީ ބިދޭސީ މަސައްކަތްތެރިން އެމީހުންގެ ހައްގު ހޯދަން މުޒާހަރާކުރަމުންދާ ދަނޑިވަޅެއްގައި އެކަމާ ގުޅޭ ބައެއް ކަންކަމަކީ ގައުމީ ސަލާމަތަށް ނުރައްކަލެއްކަމަށް ގައުމީ ސަލާމަތާ ބެހޭ ކައުންސިލުން ސަރުކާރަށް ލަފާދީ އަދި އެކަން ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ސަރުކާރުން ނިންމާފައިވާ އިރު، ޔޫތު މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނަކީ ބިދޭސީ މަސައްކަތްތެރިންގެ ހައްގުގައި ވަކާލާތުކުރާ ޖަމިއްޔާތަކުގެ މަސައްކަތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަންކަމަށް ހިތްވަރުދިނުން ކަމަށް ދޭހަވާ މޭރުމަކުން އޮތް ބަޔާނެއް ކަމަށެވެ.
އެކަމުގެ ސަބަބުން ޖަމްއިއްޔާތައް އުފައްދައި ހިންގުމުގެ ހައްގަށް އުނިކަން ލިބި ޖަމްއިއްޔާ ޖަމާއަތްތައް ހަރަކާތްތެރިވާން އޮތް ޖާގަ ހަނިވެގެންދާކަމެއް ކަމުގައި ދެކޭ ކަމަށް ޓްރާންސްޕޭރެންސީއިން ވަނީ ބުނެފައެވެ.
ޓްރާންސްޕޭރެންސީއިން އިތުރަށް ބުނެފައިވަނީ އިޖުތިމާއީ ބަދަހިކަން ކުރިއަރުވައި މުޖުތަމައުގައިހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމަށް އެންމެ އިސްދައުރެއް އަދާކުރާ ފަރާތްތަކަކީ ޖަމިއްޔާތައް ކަމަށެވެ.
އެހެންކަމުން ސަރުކާރުން ޖަމްއިއްޔާ ޖަމާއަތްތަކުގެ މަސައްކަތަށް ބުރޫއަރާނެ ސިޔާސަތުތަކުން ދުރުހެލިވެ، ޖަމްއިއްޔާ ޖަމާއަތްތަކުގެ މަސައްކަތްތައް ހުރަހެއްނެތި ކުރުމުގެ ޖާގަ ތަނަވަސްކޮށް އެކަމަށް މަގުފަހިކޮށްދިނުމަށް ޓްރާންސްޕޭރެންސީއިން ވަނީ އެދިފައެވެ.
އަދި އެއްވެ އުޅުމުގެ ހައްގަކީ އަސާސީ އިންސާނީ ހައްގެއް ކަމަށާއި ދިވެހި ރައްޔިތުންނާއި ރާއްޖޭގައި އުޅޭ ފަރާތްތަކުން އެމީހުންގެ ހައްގުތަކަށް ވަކާލާތުކޮށް އަޑު އުފުލަން އޮތް އެންމެ މުހިއްމު އެއްގޮތަކީ އެއްވެ އުޅުމުގެ މިނިވަންކަން ކަމަށްވެސް އެ ދެ ޖަމިއްޔާއިން ބުންޏެވެ.
އެހެންކަމުން އެއްވެ އުޅުމުގެ މިނިވަންކަން ހަނިވާގޮތަށް ހަދާފައިވާ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތައް އުވާލައި އެއްވެ އުޅުމުގެ މިނިވަން ކަން ފަހިކޮށްދިނުމަށް ޓްރާންސްޕޭރެންސީއާއި ފެމިލީ ލީގަލް ކްލިނިކުން ވަނީ ގޮވާލާފައެވެ.