އަދީބަށް ކުރި ދައުވާތައް ބާތިލު ކުރި ގާޒީގެ މައްސަލަ ބަލަން ޖޭއެސްސީއިން ނިންމައިފި

ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ މައްޗަށް ދައުލަތުން އިއްވި ހަތް ދައުވާ ކްރިމިނަލް ކޯޓުން ބޭރުކުރަން ނިންމެވި ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލއެއް ތަހުގީގު ކުރަން ނިންމައި، ޖުޑިޝަލް ސާވިސް ކޮމިޝަނުން އެކަމަށް ކޮމެޓީއެއް އެކުލަވާލައިފިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން، މިި ސަރުކާރުގައި އެސެޓް ރިކަވަރީ ކޮމިޝަނާއި، އޭސީސީއާއި، ފުލުހުންގެ ގުޅިގެން ހިންގި ތަހުގީގަށް ފަހު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ގާޒީ އިސްމާއިލް ރަޝީދު ބާތިލުކުރެއްވީ އަދީބާއެކު ދައުލަތުން ހެދި އިއުތިރާފު އެއްބަސްވުންތަކާ ބެހޭގޮތުން މައްސަލައިގެ އިބްތިދާއީ މަރުހަލާގައި، ގޮތެއް ނިންމަވަމުންނެވެ.

އެ ނިންމެވުމާ ގުޅިގެން އިއްޔެ ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވަނީ ގާޒީ އިސްމާއިލް ރަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި އޭނާ އެ ނިންމެވުން ނިންމެވީ ހުށަނާޅާ މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް، އަމިއްލައަށް ފެންނަ ފެނުމަކަށް ކަމަށް ވިދާޅުވެ، އޭނާގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

މިހާރު އިސްމާއިލް ރަޝީދުގެ މައްސަލަ ވަނީ ޖޭއެސްސީއަށް ހުށަހަޅާފައެވެ. ޖޭއެސްސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އިސްމާއިލް ރަޝީދާ ދެކޮޅަށް ހުށަހެޅި މައްސަލައަކީ އަދީބުގެ ހަތް ދައުވާގެ މައްސަލައިގައި، އޭނާ، ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުން އަމަލު ކުރަން ޖެހޭ ސުލޫކީ މިންގަޑާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލައެކެވެ.

ޖޭއެސްސީއިން ބުނީ އެ މައްސަލަ ބަލަން ނިންމައި، އެކަމަށް ތަހުގީގު ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.

އަދީބުގެ މައްޗަށް އިއްވި ހަތް ދައުވާއަކީ އިއުތިރާފުވާން ޝަރުތުކޮށް ލުއިކޮށް އިއްވި ހަތް ދައުވާއެކެވެ. އެއީ ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާއާއި، މަނީ ލޯންޑަރިންގެ ދެ ދައުވާއާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.

އެ ދައުވާތައް ބާތިލު ކުރަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުން އިސްތިއުނާފު ކުރަން ޕީޖީ އޮފީހުން މިއަދު ވަނީ ހުށަަހަޅައިފައެވެ.

comment ކޮމެންޓް