އަތޮޅު ޕޯޓްތަކަށް ގެންނަ މުދާ އެ ރަށުގައި ގުދަން ކުރުން ލާޒިމް ކުރަން ފާސްކޮށްފި

ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު --- ފޮޓޯ/ މަޖިލިސް

ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމްކޮށްފައިވާ ޕޯޓުތަކަށް އެތެރެކުރާ މުދަލުން 50 ޕަސެންޓް ޑިއުޓީ މާފުކުރަން ބޭނުންވާނަމަ އެ މުދަލެއް އެ ޕޯޓް ހުންނަ ރަށުގައި ގުދަން ކުރަން ގާނޫނުން ލާޒިމް ކުރަން މަޖިލީހުން ފާސްކޮށްފި އެވެ.

އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ހުށަހަޅާފައިވާ އިސްލާހުތަށް ދިރާސާ ކުރުމަށް ފަހު މުޅި މަޖިލީހުގެ ކޮމިޓީއިން ނިންމާފައިވަނީ އައްޑޫ އަދި ކުޅުދުއްފުށީގައި ގާއިމް ކޮށްފައިވާ ޕޯޓުތަކަށް އެތެރެ ކުރާ ބައެއް މުދަލުގެ 50 ޕަސެންޓް ޑިއުޓީ ކަނޑާލާށެވެ. މިއަދު މަޖިލީހުން ފާސްކުރީ ސިނގިރެޓާއި އޫރުމަސް ފިޔަވައި އެހެން ހުރިހާ މުދަލެއް އެ ދެ ޕޯޓަށް އެތެރެކުރާ ނަމަ 50 ޕަސެންޓް ޑިއުޓީ ކަނޑާލާށެވެ.

ނަމަވެސް އެގޮތަށް ޑިއުޓީ މާފުކޮށްދޭނީ އެ ޕޯޓެއް ހިމެނޭ ރަށުގައި ގުދަން ކުރާ މުދަލުން ކަމަށް ހިމަނައި ގާނޫނު ވަނީ މިއަދު އިސްލާހު ކޮށްފަ އެވެ.

"މި ގާނޫނުގެ ދަށުން މާލެ ފިޔަވައި އެހެން ސަރަހައްދުތަކަށް އެތެރެކުރެވޭ ތަކެތީގެ ތެރެއިން އިމްޕޯޓް ޑިއުޓީ މައާފުކޮށްދެވޭނީ އެ ސަރަހައްދީ ބަނދަރު ނިސްބަތްވާ ރަށުގައި ގުދަން ކުރެވޭ ނުވަތަ ސަރަހައްދީ ބަނދަރު ނިސްބަތްވާ ރަށުގެ ލޯކަލް ބަނދަރުން ބޭރުކުރެވޭ މުދަލަށެވެ." ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުލްލަތީފު ހުށަހަޅައި މިއަދު މަޖިލީހުން ފާސްކުރި އިސްލާހުގައި ބުނެފައިވެ އެވެ.

އެގޮތަށް ފާސްކުރަން ޖަލްސާގައި ބައިވެރިވި 58 މެމްބަރުން ވަނީ ވޯޓު ދެއްވައިފަ އެވެ.

comment ކޮމެންޓް