ޕީޖީ ޝަމީމް ހުންނެވީ ކަރަންޓީނަކު ނޫން: ޑރ. ނަޒްލާ

ޑރ. ނަޒްލާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ ---

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ހުންނެވީ ކަރަންޓީގައި ނޫން ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކެއްގައި ބުނީ ކޮވިޑަށް ޕޮޒިޓިވްވި މުވައްޒަފަކާ ޑައިރެކްޓް ކޮންޓެކްޓްވުމުން ޕީޖީ ޝަމީމް ގޭގައި ކަރަންޓީނުވެގެން ހުރުމަށް އެޗްޕީއޭ އިން އަންގާފައިވާ ކަމަށެވެ.

އަދި ޝަމީމް މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވީ އެޗްޕީއޭގެ އެންގުމާ ޚިލާފަށް ކަމަށް ސޯޝަލް މީޑިއާގައި ވާހަކަތައް ދައުރުވިއެވެ.

ނަމަވެސް ކޮވިޑާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ އެއީ ދޮގު ވާހަކަތަކެއް ކަމަށެވެ.

"ޕީޖީ ހުންނެވީ އަޅުގަނޑުމެން އަންގައިގެން ކަރަންޓީނަކު ނޫން. އަޅުގަނޑުމެން ކޮންޓެކްޓް ޓްރޭސިން ހެދިއިރު އެބޭފުޅާ އެއްވެސް ކޮންޓެކްޓެއްގެެ ޑެފިނީޝަންއަށް ފިޓްވާގޮތަކަށް ނޫން ހުރީ. އެހެންވީމާ އެބޭފުޅާ ހުންނެވީ ކަރަންޓީނަކު ނޫން،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޕީޖީ ޝަމީމާ ގުޅޭގޮތުން އެފަދަ ވާހަކަތަކެއް ދައުރުކޮށްފައި މިވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރަށް ކުރި ހަތް ދައުވާ ބާތިލް ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅީ ގާނޫނާ ޚިލާފަށް ކަމަށް މިއަދު ވިދާޅުވެފައި ވަނިކޮށެވެ. އަދި އެ ނިންމުން ނިންމެވި ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

comment ކޮމެންޓް