މިނިސްޓްރީން މަޖިލީހަށް: ދީނީ ޝިއާރުތަކާމެދު އިތުބާރު ގެއްލޭ ގޮތަށް އަމަލު ނުކުރޭ

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިނީ ޝިއާރުތަކާމެދު އިތުބާރު ގެއްލޭ ގޮތަށް އަމަލު ނުކުރުމަށް އިސްލާމިކް މިނިސްޓްރީން ހުރިހާ މުއައްސަސާތަކަށް އިލްތިމާސްކޮށްފިއެވެ.

އިިސްލާމިކް މިނިސްޓްރީން މިގޮތަށް އިލްތިމާސްކޮށްފައި މި ވަނީ، މިއަހަރު ޒަކާތް ބެހި ފަގީރުންގެ ލިސްޓު އެކުލާވާލި ގޮތާމެދު ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވަތީ، އެކަމާ ގުޅިގެން މަޖިލީހުން ގޮތްތަކެއް ނިންމާފައިވަނިކޮށެވެ. މަޖިލީހުން ނިންމާފައިވަނީ، ޒަކާތް ބެހުމުގައި ކޮންމެ އަހަރަކުވެސް ފަގީރުންގެ ލިސްޓު މުރާޖައާ ކުރުމަށް ފަހު، ޒަކާތުގެ ފައިސާ ބެހުމަށް އިސްލާމިކް މިނިސްޓްރީއަށް އެންގުމަށެވެ.

ޒަކާތާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނީ، ޒަކާތް ނެގުމާއި ބެހުމުގެކަންކަން އިސްލާމީ ޝަރީއަތުގެ ހަމަތަކާ އެއްގޮތަށް އިސްލާހުކޮށް، ގެންނަން ޖެހޭ ގިނަ ބަދަލުތަކެއް މިނިސްޓްރީން މީގެ ކުރިންވެސް ގެނެސްފައިވާ ކަމަށެވެ. އަދި އެ ނިޒާމް ހަރަުދަނާކޮށް، މީގެ ކުރިން މުޅި ނިޒާމާމެދު ގެއްލިފައިވާ އިތުބާރު އަލުން އިއާދަކުރުމަށްޓަަކައި އެކަށީގެންވާ ގިނަ ފިޔަވަޅުތަކެއް އަޅައި، ގިނަ ކުރިއެރުންތަކެއް ހާސިލުކޮށްފައިވާ ކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައެވެ.

މިއަހަރުގެ ފިތުރު ޒަކާތް ބަހާފައި ވަނީ، ހިޖްރީ ގޮތުން މިއަހަރު ކުރީކޮޅު 2 ސަފަރު 1441 ގައި އެކުލަވާލެވުނު ލިސްޓަށެވެ. އެއީ މީލާދީ ގޮތުން މިދިޔަ އަހަރު އޮކްޓޯބަރު އެކެކެވެ. އަދި އެ މައުލޫމާތު މަޖިލީހާވެސް ހިއްސާކޮށްފައިވާނެ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

"އިސްމްދީނުގެ ތިންވަނަ ރުކުން ކަމުގައިވާ ޒަކާތުގެ ޝިއާރާއި އެ ނޫންވެސް އިސްލާމީ ދީނުގެ މަތިވެރި ޝިއާރުތައް ގައިމުކުރުމުގައި މިނިސްޓްރީން އަމަލުކުރަމުންދާ ގޮތާމެދު އާންމުންގެ ހިތްތަކުގައި ޝައްކު އުފެދި، އިތުބާރު ގެއްލޭފަދަ އެއްވެސް ކަމެއް ނުކުރުމަށް ދިވެހި ރައްޔިތުންނާއި އެންމެހާ މުއައްސަސާތަކަށް ގޮވާލަމެވެ." މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

މިހާރު ހިޖްރީ ގޮތުން ހިނގަމުންދާ 1441 ވަނަ އަހަރުގެ ފިތުރު ޒަކާތް ބެހުމަށްޓަކައި، ރޯދަ މަހުގެ ކުރިން ފަގީރުންގެ ދަފްތަރު މުރާޖައާ ކުރުމަށް މިނިސްޓްރީން މަސައްކަތްތަކެއް ކުރި ނަމަވެސް، ފުރަބަންދުގެ ހާލަތު މެދުވެރިވުމުގެ ސަބަބުން އެ މަސައްކަތް ކުރެވޭ ގޮތެއް ނުވި ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި ފުރަބަންދުގެ ހާލަތުގައު އެ ލިސްޓު މުރާޖައާކޮށް، ހުށަހަޅަން ޖެހޭ ލިޔުންތައް އޮންލައިންކޮށް ހުށަހަޅުމަށް ހުޅުވާލިނަަމަ، ފަގީރު ހާލަތުގައި ތިބި އެތައް ބަޔަކަށް އެ ފުރުސަތު ގެއްލިގެންދާނެ ކަމަށާއި އެއީ އެންމެ އިންސާފުވެރި ގޮތަށްވެސް ނުވާނެ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައެވެ.

މިނިސްޓްރީން ބުނީ، މިއަހަރު އެކުލަވާލި ލިސްޓަށް ޒަކާތް ބަހާފައިވަނީ އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ކަމާ ބެހޭ އިދާރާތަކުންވެސް ދެއްވި ލަފަޔާއެކު ކަމަށެވެ.

ވޭތުވެ ދިޔަ އަހަރު އެކުލަވާލާފައިވާ ފަގީރުންގެ ލިސްޓަށް ޒަކާތު ފައިސާ ބެހި މައްސަލާގައި ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ސިޓީއެއް ފޮނުއްވީ ނިމިދިޔަ އަހަރު އެކުލަވާލާފައިވާ ފަގީރުންގެ ލިސްޓަށް މިއަހަރު ޒަކާތު ފައިސާ ބެހުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ވިދާޅުވެ އެވެ.

އެމައްސަލަ ބަލައި އިޖުތިމާއީ ކޮމިޓީއިން ނިމާފައިވަނީ ޒަކާތު ފައިސާ ފަގީރުންނަށް ބެހުމުގައި އިންސާފުވެރިވުމަށް އިސްލާމިކް މިނިސްޓްރީއަށް އެންގުމަށާއި ކޮންމެ އަހަރަކުވެސް ފަގީރުންގެ ލިސްޓު މުރާޖައާ ކުރުމަށް އެންގުމަށެވެ. އިޖުތިމާއީ ކޮމިޓީގެ އެ ނިންމުން މިއަދު ފާސްކުރީ މަޖިލީހުގެ 58 މެމްބަރުންގެ ވޯޓާ އެކު އެވެ.

comment ކޮމެންޓް