ސިއްހީ ކުއްލި ނުރައްކާ އިއުލާނުކުރާ ގަރާރަށް މަޖިލީހުގެ ރުހުން ހޯދާ ބިލު ބަލައިގެންފި

މޭ، 26، 2020: "ނިއު ނޯމަލް"ގެ ދަށުން ރައްޔިތުން މަޖިލީހުގެ ތަޅުމުގައި ފުރަތަމަ ބޭއްވި ޖަލްސާ: އެޗްޕީއޭގެ ލަފާގެ މަތިން މެންބަރުން ތިއްބަވަނީ މާސްކް އަޅައިގެން އަދި ދުރުދުރުގައި -- ފޮޓޯ/ މަޖިލިސް އިދާރާ

ސިއްހީ ނުރައްކަލެއް އިއުލާނުކޮށް ނެރޭ ގަރާރު 48 ގަޑިއިރުތެރޭ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށް ހަދަން އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު މަޖިލީހުން ބަލައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްކުރީ 58 މެމްބަރުންގެ ވޯޓުންނެވެ. ބިލު ބަލައިގަނެ، ދިރާސާކުރުމަށް މިހާރު ވަނީ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަށް ފޮނުވައިފަ އެވެ.

ޖުޑީޝަރީ ކޮމެޓީއަށް ބިލު ފޮނުވަން ރިޔާސަތުން ނިންމެވީ، ބިލުގެ އިބްތިދާއީ ބަހުސްގައި މެމްބަރުން ދެއްކެވި ވާހަކަތަކަށް ބަލާއިރު، ސިއްހީ ކަންކަމާއި އިޖުތިމާއީ ކަންކަމަށް ވުރެ ބޮޑަށް ގާނޫނީ މައްސަލަތަކެއް މެމްބަރުން ފާހަގަކުރެއްވުމުންނެވެ.

އާންމު ސިއްހަތުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު އެވެ.

އާންމު ސިއްހަތުގެ ގާނޫނުގެ ނަމްބަރުތަކެއް އިތުރުކުރަން ބިލުގައި ވަނީ ހިމަނާފަ އެވެ. އެގޮތުން އެ ގާނޫނުގެ ދަށުން ސިއްހީ ކުއްލި ނުރައްކާ އިއުލާނުކުރުމަށް ނެރޭ ގަރާރު، އެގަރާރު ނެރޭތާ 48 ގަޑިއިރު ތެރޭގައި މަޖިލީހަށް ހުށަހަޅަން ޖެހޭ ގޮތަށް ވަނީ ހުށަހަޅާފަ އެވެ. އަދި ސިއްހީ ކުއްލި ނުރައްކާ އިއުލާނުކުރާ ވަގުތަކީ މަޖިލީހުގެ ދައުރެއް ހިނގަމުންދާ ވަގުތެއް ނަމަ ބަންދު ދުވަސްތައްވެސް ހިމަނައިގެން 14 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލިސް އެއްކޮށް އެ ގަރާރު މަޖިލީހުން ފާސް ކުރުމަށް ހުށަހަޅަން ޖެހޭ ގޮތަށްވެސް ގާނޫނަށް ހުށަހެޅި އިސްލާހުގައި ވަނީ ހިމަނާފަ އެވެ.

ސިއްހީ ކުއްލި ނުރައްލާ އިއުލާނު ކުރި ނަމަވެސް ވަކިކަންކަން ކުރުމުގެ ބާރު މަޖިލީހަށް ލިބިދެވޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅާފައިވެ އެވެ. އެގޮތުން ކުއްލި ނުރައްކާ އުވާލުމުގެ ބާރުވެސް މަޖިލީހަށް ލިބިދެވޭ ގޮތަށް ވަނީ އިސްލާހު ހުށަހަޅާފަ އެވެ.

މަޖިލީހަށް ލިބިދޭ ބާރުތައް

  • ގަރާރުގެ ވަކިބައެއް އަދި މުޅި ގަރާރު އެކުގައި ފާސްކުރުން
  • މުއްދަތު އިތުރުކުރެވޭ ކޮންމެ ފަހަރަކު 30 ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް މުއްދަތު އިތުރުކުރުން
  • ގަރާރު ބާތިލުކުރުން
  • މަޖިލީހަށް ގެންނަން ފެންނަ ބަދަލު ގަރާރަށް ގެނައުން

ސިއްހީ ކުއްލި ނުރައްކާ އިއުލާނުކުރާ ގަރާރުގެ މުއްދަތު އިތުރުކުރަން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ފެންނަ ނަމަ، އިއުލާނުކޮށްފައިވާ ކުއްލި ނުރައްކާ ހާލަތު ނިމުމުގެ ކުރިން މަޖިލީހަށް ހުށަހަޅައި ރުހުން ހޯދަން ޖެހޭނެ ކަމަށްވެސް އިސްލާހުގައި ވަނީ ބުނެފަ އެވެ.

ހަރަދުކުރެވޭނީ މަޖިލީހުން ހުއްދަދޭ މިންވަރަކަށް

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް އެފަދަ ހާލަތެއްގައި ހަރަދުކުރާނެ ގޮތެއްވެސް ގާނޫނަށް ހުށަހެޅި އިސްލާހުގައި ވަނީ ހިމަނާފަ އެވެ. އެގޮތުން އެއްވެސް ސަބަބަކާ ހުރެ ސިއްހީ ކުއްލި ނުރައްކަލެއް ދިމާވާ ހާލަތުގައި ހޭދަކުރާނެ ފައިސާ ބަޖެޓުގައި ހިމަނާފައި ނެތް ނަމަ އަދި ބަޖެޓުގައި ހިމަނާފައިވާ މިންވަރަށް ވުރެ އިތުރަށް ފައިސާ ބޭނުންވާ ނަމަ ފައިސާ ބޭނުންވާ މިންވަރެއް ތަފްސީލު ބަޔާންކޮށް މަޖިލީހަށް ހުށަޅަން ޖެހޭނެ ކަމަށް އިސްލާހުގައި ވަނީ ބުނެފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުން ހުއްދަ ކުރާ މިންވަރަކަށް ކަނޑައަޅާ އުސޫލުގެ މަތިން މެނުވީ އެފައިސާ ބޭނުން ކޮށްގެން ނުވާނެ ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.

އޭގެއިތުރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކުރާ ހަރަދުތަކުގެ ތަފްސީލު، ކޮންމެ މަހަކު ހިނގާ ހަރަދު ޖެހިގެން އަންނަ މަހުގެ 15 ގެ ކުރިން ވަޒީރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށްވެސް އިސްލާހުގައި ވަނީ ބުނެފަ އެވެ. އަދި ލަފްސީލު ހުށަހަޅާއިރު ކުރިއަށް އޮތް 30 ދުވަހަށް ހަރަދުވާނެ ކަމަށް ލަފާކުރާ އަދަދުގެ ތަފްސީލުވެސް ހުށަހަޅަން ޖެހޭނެ ކަމަށް ވަނީ ބުނެފަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު ނިމޭތާ 30 ދުވަހުގެ ތެރޭހައި އެ ހާލަތުގައި ހިނގާދިޔަ ހުރިހާ ހަރަދެއްގެ އޮޑިޓެއް ރައީސުލްޖުމްހޫރިއްޔާ، އޮޑިޓަ ޖެނެރަލް އަދި މަޖިލީހަށް ހުށަހަޅަން ޖެހޭގޮތަށްވެސް ބިލުގައި ވަނީ ހިމެނާފަ އެވެ.

މަޖިލީހުން ކަނޑައަޅާތަނެއްގައި މަޖިލީހުގެ ޖަލްސާ ބޭއްވޭނެ

ސިއްހީ ކުއްލި ނުރައްކާ އިއުލާނުކޮށްފައި އޮންނަ ހާލަތެއްގައިވިޔަސް އާންމުކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބާއްވާ އުސޫލުން މަޖިލީހުން ބޭނުންވާ ތަނެއްގައި ޖަލްސާ ބޭއްވޭ ގޮތަށް ހިމަނަން ވަނީ އިސްލާހު ހުށަހަޅާފަ އެވެ.

އެ ހާލަތުގައި ޖަލްސާ ބާއްވާއިރު އޭގެ ސަބަބުން މަޖިލީހުގެ މެމްބަރުންނަށާއި އިދާރާގެ މުވައްޒަފުންނަށް ނޭދެވެ ސިއްހީ އަސަރެއްކޮށްފާނެތޯ މަޖިލީހުގެ ރައީސް ކަށަވަރު ކުރަން ޖެހޭނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. އަދި އެހާލަތުގައި ރައްކާތެރިވާން އެޅޭނެ ފިޔަވަޅުތައް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މަޖިލީހަށް އަންގަންވާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

އެ އިސްލާހުތަކަށް އަމަލުކުރަން ފަށާނީ ގާނޫނު މަޖިލީހުގެ ފާސްކޮށް ތަސްދީގު ކުރެވި ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން ކަމަށް ވަނީ ބުނެފަ އެވެ.

comment ކޮމެންޓް