މާދަމާ ބޯޑަރުތައް ހުޅުވާއިރު ފްލައިޓުތައް އޯވާ ބުކް ވަނީ

ގަތަރު އެއާވޭސްގެ ފްލައިޓެއް ވީއައިއޭގައި ---

ކޮވިޑް19 އާއި ގުޅިގެން މާޗު 27 އިން ފެށިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު މާދަމާ އަލުން ބޯޑަރު ހުޅުވާލާއިރު ރާއްޖެއަންނަ ފްލައިޓުތައް އޯވާ ބުކްވެފައިވާ ކަމަށް ބުނެފި އެވެ.

އެމްއޭސީއެލް އިން އާންމުކޮށްފައިވާ ޝެޑިއުލްގައިވާގޮތުން މާދަމާ ބޯޑަރު ހުޅުވާލާއިރު ރާއްޖެ އަށް އެންމެ ފުރަތަމަ އަންނާނީ ގަތަރު އެއާވޭސްގެ ފްލައިޓެކެވެ. ފްލައިޓު ވީއައިއޭ އަށް ލޭންޑު ކުރަން ޝެޑިއުލްގައި ވާގަޑިއަކީ ހެނދުނު 8:25 އެވެ.

މި މަހު ރާއްޖެ އަންނަން ދެން ޝެޑިއުލް ކޮށްފައިވަނީ އެމިރޭޓްސް އަދި އިއްތިހާދު އެއާވޭސް އެވެ.

އެމިރޭޓްސްގެ ދަތުރުތައް ފަށަން ތާވަލުކޮށްފައިވަނީ ޖުލައި 16 އިން ފެށިގެންނެވެ. ދުބާއީއާއި މާލެއާ ދެމެދު ހަފްތާއަކު ފަސް ދުވަހު ފްލައިޓު ބާއްވަން ޝެޑިއުލްކޮށްފައިވާއިރު އިއްތިހާދު އެއާވޭސްގެ ދަތުރުތައް މިމަހުގެ 18 ގައި ފަށަން ވަނީ ތާވަލު ކޮށްފަ އެވެ. އެ އެއާލައިނުން އަބޫދާބީ އާއި މާލެއާ ދެމެދު ހަފްތާއަކު ދެ ފްލައިޓު ބާއްވާނެ އެވެ.

މި ތިން އެއާލައިނަކީވެސް ޔޫރަޕާއި މެދުއިރުމަތިން ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އުފުލާ ތިން އެއާލައިނެވެ. ރާއްޖެއަށް އަލުން ދަތުރުފަށާއިރު، މި އެއާލައިނުތަކަށް ބާރު ބޮޑެވެ.

މިހާތަނަށް 12 އެއާލައިނަކުން ވަނީ ރާއްޖެއަށް ދަތުރު ފަށަން ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

އޮގަސްޓުމަހުގެ ތެރޭ ދަތުރު ފަށަން ތާވަލުކޮށްފައިވާ ގަލްފް އެއާ، ބްރިޓިޝް އެއާވޭސް، ހޮންކޮންގް އެއާލައިންސް އަދި އިންޑިގޯގެ އިތުރުން ސިލްކް އެއާއާއި ސިންގަޕޯ އެއާލައިންސް އަދި ސްރީލަންކަން ހިމެނެ އެވެ.

ސްވިޒަލޭންޑުގެ އެޑެލްވައިސް ދަތުރުތައް ސެޕްޓެމްބަރުގައި ފަށަން ތާވަލުކޮށްފައިވާއިރު، ޓާކިޝް އެއާގެ ދަތުރުތައް އޮކްޓޯޯބަރު މަހު ފަށަން ވަނީ ތާވަލުކޮށްފަ އެވެ.

ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލާއިރު ވީއައިއޭއަށް އަންނަ އިންޓަނޭޝަނަލް ފްލައިޓުތަކަށް ހާއްސަ ޑިސްކައުންޓު ދޭން އެމްއޭސީއެލްއިން ވަނީ ނިންމައިފަ އެވެ. އެގޮތުން ވީއައިއޭއަށް ދަތުރުކުރާ ޝެޑިއުލްޑް ފްލައިޓުތަކުން ނަގާ ގްރައުންޑް ހޭންޑްލިން، ލޭންޑިން، ނެވިގޭޝަން އަދި ޕާކިން ޗާޖުން ޑިސްކައުންޓުތަކެއް ދޭނެކަމަށް އެމްއޭސީއެލްއިން ބުންޏެވެ.

ޖުލައި 15 އިން އޮގަސްޓުމަހުގެ ނިޔަލަށް އޮޕަރޭޓުކުރަން ފަށާ އެއާލައިންތަކަށް، އޮކްޓޯބަރު މަހުގެ 27 ގެ ނިޔަލަށް 100 ޕަސެންޓް ޑިސްކައުންޓު ދޭން ނިންމާފައިވާ އިރު ސެޕްޓެމްބަރުން ފެށިގެން އޮކްޓޯބަރު 27ގެ ނިޔަލަށް ދަތުުރު ފަށާ އެއާލައިންތަކަށް އެ މުއްދަތުގެ ތެރޭގައި 75 ޕަސެންޓް ޑިސްކައުންޓް ދޭނެ އެވެ. އަދި އޮކްޓޯބަރު 28 އިން ފެށިގެން މާޗު 26 ގެ ނިޔަލަށް 50 ޕަސެންޓް ޑިސްކައުންޓް ދޭނެ އެވެ.

މިއީ ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކަށް ދޭ ހާއްސަ ފުރުސަތުތަކެއް ކަމަށާއި އެއާލައިންތަކަށް ދޭ ޑިސްކައުންޓާއެކު ގިނަ އެއާލައިންތަކަކުން ރާއްޖެއަށް ދަތުރުފަށައި، ރާއްޖޭގެ ޓޫރިޒަމަށް ކުރިއެރުން އަންނާނެ ކަމަށް ގަބޫލުކުރާ ކަމަށް އެމްއޭސީއެލްއިން ބުންޏެވެ.

ކޮވިޑާ ގުޅިގެން ބޯޑަރުތައް ބަންދުކޮށް ފަތުރުވެރިން އައުން ހުއްޓިފައިވާއިރު ރާއްޖޭގެ އިގްތިސާދަށް ދަނީ މިކަމުގެ އަސަރު ކުރަމުންނެވެ.

މާދަމާ ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލާއިރު 41 ރިސޯޓު އޮޕަރޭޝަނުގައި އޮންނާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.

މިމަހުގެ 23 ވަނަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މި އަހަރު ރާއްޖެއަށް 850،000 ފަތުރުވެރިން ގެނައުން ކަމަށެވެ. ރާއްޖޭގެ ބޯޑަރު ބަންދުކުރި އިރު 300،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވެ އެވެ.

comment ކޮމެންޓް