ޑިޖިޓަލް ވަސީލަތްތައް ބޭނުން ކުރުމަށް ބާރުއެޅުމަށާއި، އުރީދޫގެ ޕައިލެޓް ޕްރޮޖެކްޓެއްގެ ދަށުން އެ ގްރޫޕުގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އޮފީހަށް ހާޒިރުނުވެ މަަސައްކަތްތައް ކުރިއަށް ގެންދެވޭ މުވައްޒަފުން މިއަހަރު ނިމެންދެންވެސް މަސައްކަތް ކުރާނީ ގޭގައި ތިބެގެން ކަމަށް އެ ގްރޫޕުން ބުނެފިއެވެ.
ކޮވިޑް19 އާއި ގުޅިގެން އުރީދޫ އިން އެކުންފުނީގެ މުވައްޒަފުންގެ މަސައްކަތްތަކަށް ދިން ލުއި އިތުރަށް ދަންމާލާފައި މިވަނީ، މުވައްޒަފުންނަން ފަސޭހަ، މާހައުލެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމަށެވެ.

އުރީދޫ އިން ބުނީ އެ ގްރޫޕުގެ ދަށުން މަސައްކަތްކުރާ ކޮންޓްރެކްޓު އަދި ދާއިމީ މުވައްޒަފުންނަށް ފްލެކްސިބަލްކޮށް ގޭގައި މަސައްކަތް ކުރުމަށް އެ މުވައްޒަފުންގެ މެނޭޖުމެންޓުތަކުގެ އިރުޝާދާއެކު ފުރުސަތު ދޭނެ ކަމަށެވެ. ކުންފުނީގެ މުވައްޒަފުންގެ ތެރެއިން، އެ މުވައްޒަފަކު މަސައްކަތްކުރާ ގައުމެއްގައި ކޮވިޑް19 އޮތް ހާލަތަށްބަލައި، މަސައްކަތަށް ފަސޭހަ އިންތިޒާމުތައް ހަމަޖައްސައިދޭންވެސް އުރީދޫ އިން ވަނީ ނިންމައިފައެވެ.
މިއީ ކޮމިޔުނިކެޝަން އަދި ޓެކްނޮލަޖީގެ ދާއިރާގައި ހަރަކާތްްތެރިވާ ކުންފުންޏެއްގެ ހައިސިއްޔަތުން ޒަމާނީ، ވޯކް ކަލްޗާއަކާ ދިމާލަށް ކުންފުންޏަށް ދިޔުމަށް ފާއިތުވި ދުވަސްތަކުގައި ލިބުނު ތަޖުރިބާ މުހިއްމުކަން އުރީދޫ ގްރޫޕުން ފާހަގަ ކުރިއެވެ.
އުރީދޫ ގްރޫޕުގެ ސީއީއޯ ޝައިހް ސައުދު ބިން ނަަސީރް އަލްޘާނީ ވިދާޅުވީ ކޮވިޑް19 އާއެކު އެ ކުންފުނިން ޑިޖިޓަލް ޓްރާންސްފޮމޭޝަން އަށް ކުރާ ދަތުރުގެ އާ ބާބެއް ފެށިއްޖެ ކަމަށެވެ. މިއާއެކު ވަށައިޖެހޭ ޑިޖިޓަލް ކަލްޗާއެއް ބިނާކުރުމުގެެ ފުރުސަތު އެ ކުންފުންޏަށް ލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ މި ކުންފުނިވެސް އަދި ކުންފުނީގައި މަސައްކަތް ކުރާ ގޮތްވެސް ބަދަލުވާނެ ކަމެއް. މުވައްޒަފުން، ދުރުގައި ތިބެގެން މަސައްކަތް ކުރަން ޖެހމުން ސޯޝަލީ ޑިސްޓެންސްޑް ކަމަށް އިހުސާސްވާނަމަ، އެކަން ބަދަލުވާނެހެން، ފިޒިކަލީ ބައްދަލުވެގެން މަސައްކަތް ނުކުރިިނަމަވެސް، ޓީމެއްގެ ގޮތުގައި މަސައްކަތް ކުރެވޭނެ އިންތިޒާމުތައްވެސް ހަމަޖެހޭނެ،" ސީއީއޯ ވިދާޅުވިއެވެ.

އުރީދޫ ކުންފުނިން ބުނީ، ފާއިތުވި މަސްތަކުގައި ކުންފުނީގެ މުވައްޒަފުންނަށް ލިބުނު ތަޖުރިބާއާއެކު އުރީދޫގައި މަސައްކަތުގެ އާ ކަލްޗާއެއް އުފެއްދޭނެ ކަމަށް ސީއީއޯ ވިދާޅުވިއެވެ.
މާޗު މަހުން ފެށިގެން އުރީދޫޫ ކުންފުނީގެ އެތައް ސަތޭކަ މުވައްޒަފުންނެއް މަސައްކަތް ކުރަމުންދަނީ ގޭގައި ތިބެގެންނެވެ.