އިންޑިއާއާ ޖަދަލުކޮށްފިނަމަ އުޖާލާ މަންޒަރު ނުފެންނާނެ: މަޖިލިސް ރައީސް

ރައީސް ނަޝީދު: އިންޑިއާއާ ޖަދަލުކޮށްފިނަމަ އުޖާލާ މަންޒަރު ނުފެންނާނެ ކަމަށް ވިދާޅުވި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަވައްޓެރި އިންޑިއާއާ ޖަދަލުކޮށްފިނަމަ، ދިވެހީންނަށް އުޖާލާ މަންޒަރެއް ނުފެންނާނެ ކަމަށް ރައްޔިތުންގެ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝިދު ވިދާޅުވެއްޖެއެވެ.

އިންޑިއާ ސަރުކާރުން އައުޓްޑޯ ޖިމް ވަސީލަތްތައް ހަދިޔާ ކުުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ރަސްމިއްޔާތުގައި އިިންޑިއާއަށް ވަރަށް ބޮޑަށް ތައުރީފުކޮށް ރައީސް ނަޝީދު ވަނީ ވާހަކަ ދައްކަވާފައެވެ.

އެމަނިކުފާނު ވިދާޅުވީ، އިންޑިއާއަކީ، މުއްސަނދި ތަރައްގީވެފައިވާ ގައުމެއް ކަމަށެވެ. އަދި ވަރަށް އަވަސް ބާރު މިނުގައި އެ ގައުމު ތަރައްގީވަމުންދާ ކަން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ. އެގޮތުން ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން ފަސް ބިލިއަނަށްވާއިރު، އިންޑިއާގެ ޓްރިވްޑަރަމްގެ އެކަނި ގައުމީ އުފެއްދުންތެރިކަމަކީ، 30 ބިލިއަން ޑޮލަރު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އެބަ ފެނޭ [އިންޑިއާގެ] މި އަވަސް ބާރު ތަރައްގީ. އަޅުގަނޑުމެންނަށް އެބަ އެނގޭ ރާއްޖޭގެ ރައްޔިތުން އެދި ގޮވަނީ، އާންމު ހާލަތު ރަނގަޅުވުމަށްކަން. ޖީބަށް އެއްޗެއް ވަނުމަށް ކަން. ވަޒީފާގެ ފުރުސަތު ލިބުމަށްކަން. ބޯހިޔާވަހިކަން ލިބުމަށްކަން. އަމިއްލަ ސިއްހަަތު އޮތުންކަން. ދަރިންނަށް ކިޔަވައި ދެވުންކަން. ރާއްޖޭގެ ރައްޔިތުން އަބަދުމެ އެ އާދޭސް ކުރަނީ އެމީހުންނަށް އުންމީދެއް ހޯދައި ދިނުމަށް، ތަނަވަސް ދިރުއުޅުމެއް ހޯދައި ދިނުމަށް،" ރައީސް ނަޝިދު ވިދާޅުވިއެވެ.

ގަލޮޅު ދަނޑުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ނަޝީދު ވާހަކަ ދައްކަވަނީ: ރާއްޖޭގެ ރައްޔިތުން ދެކޭ ތަރައްގީ އިންޑިއާއެކު ހޯދޭނެ ކަމަށް ވިދާޅުވި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހީން އެ ދެކޭ އުންމީދާއި ތަނަވަސް ދިރިއުޅުން އިންޑިއާ މެދުވެރިކޮށް ހޯދޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެކަންކަން ހާސިލު ކުރުމަށްޓަކައި ރަނގަޅު ގޮތް ހޯދުމަށް ވިސްނުން ބަދަލު ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އިންޑިއާ ކަނޑުގައިވެސް، އަދި ދުނިޔޭގައިވެސް މަގާމެއް ހޯދޭނެ. އެ މަގާމަކީ، އަޅުގަނޑު ދެކޭ ގޮތުގައި، އިންޑިއާއާ ޖަދަލުކޮށް ނުވަތަ ބޮޑާ ހޭކުމުގެ ރޫހެއްގައި [އިންޑިއާ] ފޫހިވާ ގޮތެއްގައި އުޅެފިނަމަ، މިދެންނެވި އުޖާލާ މަންޒަރު ހޯދަން ދަތިވާނެ،" އިންޑިއާގެ ސަފީރުވެސް ބައިވެވެވަޑައިގެންނެވި އެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ބޯދާ ވިސްނުމުގައި ނުވަތަ ކިލަނބު ވެފައި މިވާ ހަޔާތުގައި ތިބެ ޣަރަގުވެދާކަށް ނުވާނެ. އަޅުގަނޑުމެންގެ ދަރިންނާއި ދަރިންގެ ދަރިންނަށް ރަނގަޅު ގޮތް ހޯދައި ދިނުމަށް ރަނގަޅު ބުއްދި އަޅުގަނޑުމެން ނެރެން ޖެހޭނެ. އަޅުގަނޑުމެންނަށް ކަށަވަރު އިންޑިއާ ތަރައްގީއާ ގުޅުނީމަ، އަޅުގަނޑުމެންގެ އާންމުދަނީ އިތުރުވާކަން،"

އިންޑިއާގެ ސަރުކާރުން ހިލޭ އެހީގައި ފޯރުކޮށްދޭ އައުޓްޑޯ ޖިމްގެ ވަސީލަތްތައް ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ރައީސް ނަޝިދު ވަނީ އިންޑިއާއަށް ވަރަށް ބޮޑަށް ތައުރީފުކުރައްވައި ވާހަކަ ދައްކަވާފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ގައުމިއްޔަތު ބިނާވެފައިވަނީ އިސްލާމް ދީނާއި، އަމިއްލަ ވަންތަކަން ދަމަހައްޓައި، މިނިވަންކަން ދެމެހެއްޓުމެގެ މައްޗަށް ކަމަށެވެ. އަދި އެ މިނިވަންކަން ދެމެހެއްޓޭނީ އިންޑިއާއާއެކު ކަމަށް ރައީސް ނަޝިދު ވިދާޅުވިއެވެ.

"ދިވެހީންނާއި އިންޑިއާ އޮތް ގުޅުމުން، ދިވެހީންނަށް ސާފުވެފައި އޮތް އެންމެ ބޮޑު ހަގީގަަތަކީ، ދިވެހީންގެ މިނިވަންކަން ދެމެހެއްޓެން އޮތް އެންމެ ބުއްދިވެރި އެއް ގޮތަކީ، އިންޑިއާއާއެކު އަޅުގަނޑުމެން ވިސްނަމުން ކަންކަން ކުރަމުން ދިޔުންކަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ޖިއޮގްރަފިކަލީ ގޮތުން ރާއްޖެ މިއޮތް ސަރަހައްދަކީ، މުހިންމު ސަރަހައްދެންކަން ފާހަގަ ކުރައްވައި، ރައީސް ނަޝީދު ވިދާޅުވީ، މި ސަރަހައްދުން ދަތުރު ކުރާ ބޭރުގެ އުޅަނދުތައް މުދާ ހިފައިގެން ދަތުރު ކުރަނީ ރާއްޖެ ހުރަސްކޮށް ކަމަށާއި އެހެން ކަމުން އިންޑިއާގެ އަވަށްޓެރި ގައުމެއްގެ ގޮތުގައި ރާއްޖެއަށް އޮތް ވަޒީފާ ބޮޑު ކަމަށެވެ.

"އިރުން ހުޅަނގަށް، ހުޅަނގުން އިރަށް، ގާތް ގަނޑަކަށް ހުރިހާ މުދަލެއް ދަތުރު މި ކުރަނީ ރާއްޖެ ހުރަސްކޮށް. އެހެންވީމަ ދިވެހީންނަށް މި ކަނޑުގައި، އަދި އިންޑިއާގެ އަވަށްޓެރިއެއްގެ ގޮތުގައި އަދާކުރަން ޖެހޭ ވަޒީފާ [އަދި] އިންޑިއާ ކަނޑުގެ އަހުލުވެރިންގެ ގޮތުގައި ވިސްނަން ޖެހޭ ވިސްނުން، ބަހައްޓަން ޖެހޭ ބުއްދިވެރިކަން ރާއްޖޭގެ ރައްޔިތުންވެސް ވެރިންވެސް ޒަމާނުއްސުރެ ބަހައްޓާވާ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ރާއްޖެއާއި އިންޑިއާ ދެމެދު އޮތީ ވަރަށް ވަރުގަދަ ގާތް ގުޅުމެއް ކަމަށެވެ. އަދި މިހާރު މިއޮތް ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެ ކަން ޔަގީން ކުރާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގަލޮޅު ދަނޑުގައި ބޭއްވި ރަސްމިއްޔާތަކީ، ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ "ދުޅަހެޔޮ ހަށިހެޔޮ" ސިއްހަތެއްގައި ރައްޔިތުން ބޭތިއްބުމުގެ ސިޔާސަތުގެ ތެރޭގައި ހިމެނިގެން އިންޑިއާގެ ސަރުކާރުގެ އެހީގައި ރާއްޖޭގެ 61 ރަށެއްގައި އެޅުމަށް ނިންމާފައިވާ އައުޓްޑޯ ޖިމްތަކަށް ބޭނުންވާ ސާމާނު ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތެކެވެ. މި ރަސްމިއްޔާތުގައި ވަޒީރުންނާއި މަޖިލިސް މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އިންޑިއާއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ރައީސް ނަޝީދު ވާހަކަ ދެެއްކެވި އިރު، އެމަނިކުފާނު ދަނީ، އެކި ފަހަރު އެކި ދުވަސް މަތިން ޗައިނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުންނެވެ.

comment ކޮމެންޓް