ދުވާފަރުން 48 މީހަކު އެކަހެރިކޮށް، ބައެއް ފިޔަވަޅުތަކަށް ލުއި ދީފި

ރ. ދުވާފަރު: އެ ރަށުގައި ހޯމް ކަރަންޓީނުން ދޫކޮށްލި ތިން މީހަކު ކޮވިޑަށް ވަނީ ޕޮޒިޓިވްވެފައި ---

ރ. ދުވާފަރުން ޕޮޒިޓިވްވި މީހުންނާ ދިމާވި 48 މީހަކު އެކަހެރިކޮށް، އަޅާފައިވާ ބަައެއް ފިޔަވަޅުތަކަށް ލުއި ދީފި އެވެ.

މާލެ އިން ދުވާފަރަށް ގޮސް ގޭގެ ކަރަންޓީނުން ދޫކޮށްލާފައިވަނިކޮށް ތިން މީހަކު ޕޮޒިޓިވްވީ، މިދިޔަ ހޮނިހިރު ދުވަހުއެވެ. އެމީހުން ކަރަންޓީނުން ދޫކޮށްލި ފުރަތަމަ ޓެސްޓުން ނެގަޓިވްވުމާ ގުޅިގެންނެވެ. ނަމަވެސް ދެވަނަ ފަހަރަށް ޝައްކު ކުރެވިގެން ހެދި ޓެސްޓުން އެ މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

ދުވާފަރު ކައުންސިލްގެ ރައީސް އިބްރާހިމް ނަސީރު މިއަދު 'ސަން' އަށް ވިދާޅުވީ، އެ ތިން މީހުންގެ ކޮންޓެކްޓް ޓެރޭސިން އިން ނިމިފައިވާ ކަމަށާއި އެ މީހުންނާ ބައްދަލުވި 48 މީހަކު މިހާރު ގޭގައި ކަރަންޓީން ކޮށްފައިވާ ކަމަށެވެ. ނަމަވެސް އަދި މިހާތަނަށް އެމީހުންގެ ސާމްޕަލް ނަގާފައިވާ ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރެއާ ހަމައަށް [އެޗްޕީއޭ އިން] މައުލޫމާތު ދީފައިވަނީ ފުރަތަމަވެސް ސާމްޕަލް ނަގާ ގޮތަށް. އަދި ސާމްޕަލް ނެގުމަށްފަހު، 14 ދުވަހު ކަރަންޓިން ފުރިހަމަ ކުރުމަށްފަހު، އަނެއްކާވެސް ސާމްޕަލް ނަގަން. އެޗްޕީއޭ އިން ނިންމަވާނީ ކޮން ގޮތަކަކަށް ކަމެއް ނޭނގެ. އެޗްޕީއޭގެ އިރުޝާދުތަކާ އެއްގޮތަކަށް މިދަނީ އަމަލު ކުރަމުން،" އިބްރާޙިމް ނަސީރު ވިދާޅުވިއެވެ.

ދުވާފަރުން ތިން މީހުން ޕޮޒިޓިވްވުމާ ގުޅިގެން އެރަށް ވަނީ ފުރަބަންދުކޮށް، މީހުން ތަންތަނަށް އެއްވުން މާނާ ކޮށްފައެވެ. އެގޮތުން މިސްކިތްތަކާއި ކެފޭ ރެސްޓޯރެންޓްތައްވެސް ބަންދު ކުރިއެވެ.

ނަސީރު ވިދާޅުވީ، ކޮންޓެކްޓް ޓްރޭސިން ނިމުމާއެކު ބައެއް ފިޔަވަޅުތަކަށް ލުއި ދިނުމަށް އެޗްޕީއޭ އިން އަންގާފައިވާ ކަމަށެވެ. އެގޮތުން ރަށަށް އަރާ ފޭބުން ފިޔަވާ އެހެން ހުރިހާ ފިވަޅުތަކަށް ލުއި ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މީހުން ތަންތަނަށް އެއްވެ އުޅުމާއި، މިސްކިތް ބަންދުކޮށްފައި އޮތް އޮތުމާއި ކެފޭ ރެސްޓޯރެންޓްތައް މިހާރު ވަނީ ހުޅުވާފައި. ނަމަވެސް ރަށަށް އަރާ ފޭބުން މަނާވާނެ،" ނަސީރު ވިދާޅުވިއެވެ.

ނަސީރު ވިދާޅުވީ، ބައެއް ފިޔަވަޅުތަކަށް ލުއި ދިނުމަށް އެޗްޕީއޭ އިން ނިންމުމުން އެކު، ބައެއް ފަރާތްތަކުގެ ކަންބޮޑުވުންތައްވެސް އެބަހުރި ކަމަށެވެ. އޭނާގެ އިލްތިމާސަކީ، ހަރުކަށި ފިޔަވަޅުތަކެއް އަޅައިގެން ނަމަވެސް ވައިރަސް ހުއްޓުވުމަށްޓަކައި ކުރެވެން ހުރި ކަންތައްތައް ކަމާ ބެހޭ ފަރާތްތަކުން ކުރުން ކަމަށް ނަސީރު ވިދާޅުވިއެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ، 2،700 އަށް ވުރެ މަތިވެފައެވެ. ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ، 2،284 އަށް އަރާފައެވެ. ދުވާފަރުގެ އިތުރުން ދެން ފުުރަބަންދުގައި އޮތީ، މަލެ ސިޓީ އަދި ނ. ކުޑަފަރި އެވެ.

https://sun.mv/139843

comment ކޮމެންޓް