ފްރޮންޓްލައިން އެލަވަންސް ނުދޭތީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި

ޝީޔާމް: ފްރޮންޓްލައިން މީހުންނަށް އެލަވަންސް ނުދެތީ އޭނާ ވަނީ ކުއްލި މައްސަލައެއް ހުށަހަޅާފައި --- ފޮޓޯ/ މަޖިލިސް

ކޮވިޑް-19އާ ދެކޮޅަށް ފްރޮންޓްލައިން ނުވަތަ ކުރީ ސަފުގައި މަސައްކަތް ކުރާ މީހުންނަށް އެލަވަންސެއް ދޭން ސަރުކާރުން އިއުލާންކުރި ނަމަވެސް އެ އެލަވަންސް ނުދޭތީ ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މި ކުއްލި މައްސަލަ ހުށަހެޅުއްވީ ނައިފަރު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމެވެ.

އޭނާ ހުށަހެޅި ކުއްލި މައްސަލައިގައި ބުނީ، ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފަރާތް ތަކަށް ހާއްސަ އެލަވަންސެއް ދޭނެ ކަމަށް ސަރުކާރުން އިއުލާންކޮށްފައިވީ ނަމަވެސް، މިހާތަނަށް އެއްވެސް ފަރާތަކަށް އެ އެލަވްންސް ނުލިބޭތާ އެތައް ދުވަހެއް ވެފައިވާ ކަމަށެވެ.

ކުރީ ސަފުގައި މަސައްކަތް ކުރި ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ އެހީތެރިންނާއި ސަލާމަތީ ހިދުމަތްތަކުގެ ބޭބޭފުޅުންނާއި އެއާލައިންތަކުގެ މުވައްޒަފުން އަދި އެހެނިހެން ދާއިރާތަކުން ވެސް ހަރަކާތްތެރިވީ ފަރާތްތަކުން ފުރާނަ އަތް މައްޗަށް ލައިގެން ވީ ވަރަށް ބޮޑު ގުރުބާނީއެއް ކަމަށް ޝިޔާމްގެ ކުއްލި މައްސަލައިގައި ވަނީ ބުނެފަ އެވެ. އަދި އެ ފަރާތްތަކަށް އެލަންވަންސް ނުލިބި މިހާ ގިނަ ދުވަސްވުމަކީ، ކަންބޮޑުުވުމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވި އެވެ.

ކުއްލި މައްސަލައިގައި ސަރުކާރަށް އޭނާ ގޮވާލާފައިވަނީ ވީހާ ވެސް އަވަހަކަށް އެފަރާތްތަކަށް އެލަންސް ދިނުމަށެވެ.

ފްރޮންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަ އެލަވަންސެއްގެ ގޮތުގައި ދުވާލަކު، 500-250 ރުފިޔާއާ ދެމެދުގެ އަދަދެއް ދޭން ސަރުކާރުން އިއުލާން ކުރީ މިދިޔަ މޭއި މަހު ހަތް ވަނަ ދުވަހުއެވެ. އެލަވަންސް ދިނުމަށް ސަރުކާރުން ނިންމީ ތިން ގިންތިއަކަށް ބަހާލައިގެންނެވެ. އެގޮތުން އެންމެ ހައިރިސްކް، ފަރާތްތަކަށް ކޮންމެ ދުވާލަކަށް، 500 ރުފިޔާ އަދި ދެވަނަ ގިންތީގެ ފަރާތްތަކަށް ދުވާލަކަށް 250 ރުފިޔާ އަދި އެންމެ ލޯ ރިސްކް ފަރާތްތަކަށް ދުވާލަކަށް 200 ރުފިޔާ ދެވޭނެ އެވެ.

comment ކޮމެންޓް