ރާއްޖެ-އިންޑިއާއިން ވައިގެ ދަތުރުތަކުގެ އެއްބަސްވުމެއް ގާއިމްކުރަނީ

އެއާ އިންޑިއާގެ ފްލައިޓެއް --

ރާއްޖެއާ އިންޑިއާއާ ދެމެދު އެއާ ޓްރެވަލް ބްރިޖެއް ގާއިމްކުރަން ރާއްޖެއިން އިންޑިއާ ސަރުކާރުގެ ކިބައިން އެދިއްޖެ އެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން އިންޑިއާ އަދިވެސް ބައިނަލްއަގުވާމީ ފްލައިޓްތަކަށް ހުޅުވައެއް ނުލަ އެވެ. އަދި ރާއްޖެއިން ވެސް ބޯޑަރު ބަންދުކުރި ގޮތަށް އަދި ނުހުޅުވަ އެވެ.

އިންޑިއާއިން މިހާރު ނިންމާފައިވަނީ މިމަހުގެ 13 އިން ފެށިގެން ސިންގަޕޫރު އަދި ޖަރުމަނު ފަދަ ބައެއް ގައުމުތަކަށް ބޯޑަރު ހުޅުވާލުމަށެވެ. އަދި ރާއްޖެއިންވެސް މިމަހުގެ 15 އިން ފެށިގެން ބޯޑަރު ހުޅުވާލުމަށް ވަނީ ނިންމައިފަ އެވެ.

ފޮރިން މިނިސްޓްރީގެ މީޑިއާ ޑިރެކްޓަރު މިއުވާން މުހައްމަދު "ސަން" އަށް މިއަދު ވިދާޅުވީ އިންޑިއާއާ ދެމެދު ވައިގެ ދަތުރުތައް ފަށަން މިހާރު ވާހަކަތައް ދެކެވެމުންދާ ކަމަށެވެ. އަދި އަމާޒަކީ ހުރިހާ ބޭނުމަކަށްވެސް ދަތުރުކުރެވޭނެ ގޮތް ހެދުންކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އިންޑިއާގެ ނޫހެއްކަމަށްވާ އިންޑިއަން އެކްސްޕްރެސްއިން ބުނީ އެއާ ކޮރިޑޯއެއް ދެ ގައުމުގެ ދެމެދުގައި ހެދުމުން އިންޑިއާގެ ބައެއް އެއާޕޯޓްތަކުން ރާއްޖެއަށް ލިމިޓެޑް ފްލައިޓްތަކެއް ބާއްވާނެ ކަމަށެވެ. އަދި އެއާއެކު ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާގެ 6000 އެއްހާ ރައްޔިތުންނަށް އެނބުރި ރާއްޖެ އައުމަށް މަގުފަހިވެގެންދާނެކަމަށްވެސް ބުނެފައިވެއެވެ.

ރާއްޖެއަށް އަންނަ އިންޑިއާގެ މީހުން ފުރުމުގެ ކުރިން ކޮވިޑަށް ޓެސްޓްކުރާނެކަމަށްވެސް ބުނެފައިވެއެވެ.

އިންޑިއާގެ ނޫހުން އިތުރަށް ބުނީ މިހާރު ކުރިއަށްދާ މަޝްވަރާތަކުގެ ތެރެއިން ދެތިން ދުވަހެއްގެ ތެރޭގައި އެކަންތައްތައް ހަމަޖެހޭނެކަމަށް ބެލެވޭ ކަމަށެވެ. އަދި އެއާ ކޮރިޑޯއެއް ހެދުމުން އިންޑިއާއިން މި ދަނޑިވަޅުވެސް ރާއްޖެއާއެކު އޮތްކަން އެނގޭނެކަމަށްވެސް އިންޑިއާގެ އޮފިޝަލުންނާ ހަވާލާދީ އިންޑިއަން އެކްސްޕްރެސް ނޫހުން ބުންޏެވެ.

އެއާ ކޮރިޑޯއެއް ހަދަން ނިންމިއިރު އިންޑިއާގައި އަދިވެސް ހަލުވިކަމާއެކު ކޮވިޑް ދަނީ ފެތުރެމުންނެވެ. އެގޮތުން މިހާތަނަށް 878،000 އަށްވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވާއިރު ބަލީގައި 23،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އިންޑިއާގެ 25،000 އެއްހާ ރައްޔިތުން ރާއްޖޭގައި މަސައްކަތް ކުރެއެވެ. ނިިމިގެން ދިޔަ ސަރުކާރުގައި އިންޑިއާއާ ރާއްޖެއާ ދެމެދު ގުޅުން ގޯސްވެ އިންޑިއާގެ ރައްޔިތުންނަށް ރާއްޖޭގައި ވަޒީފާތައް އަދާކުރުމަށް ވިސާ ލިބުމުގައި ދަތިތައް ކުރިމަތިވިޔަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވި ފަހުން ވަނީ އެކަން ހައްލުވެފައެވެ.

ފަހަކަށް އައިސް އިންޑިއާއަކީ ރާއްޖޭގެ ޓޫރިޒަމްގައިވެސް މުހިންމު މާކެޓެކެވެ. އެގޮތުން މިދިޔަ އަހަރު އިންޑިއާއިން 166،000 މީހުން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ.

comment ކޮމެންޓް