އެންއައިސީން ހުސްވި މަގާމުތަކަށް ކުރިމަތިލާން ހުޅުވާލައިފި

ރައީސް އޮފީސް

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ތިން މެމްބަރަކު އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެންއައިސީގެ ނައިބު ރައީސް ހައްސާން ހަމީދާއި ކޮމިޝަނު މެމްބަރުން އަހްމަދު އަމީން އަދި ޚަދީޖާ އަބްދުﷲ ވަނީ ކޮމިޝަނުން އިސްތިއުފާ ދެއްވާފައެވެ.

އެބޭފުޅުން އިސްތިއުފާ ދެއްވާފައި ވަނީ ތިން ބޭފުޅުން ހިމެނޭގޮތަށް، ކޮމިޝަންގެ ހަތަރު މެމްބަރަކު ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމާފައި ވަނިކޮށެވެ.

ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެންއައިސީގެ މެންބަރުކަމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ޖުލައި 19، 20 އަދި 21 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށް ކަމަށެވެ.

އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލާން އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުންނާއި، ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ބުނެ، މަގާމުން ވަކިކުރަން ފެންނަ ކަމަށް ނިންމި ހަތަރުވަނީ މެމްބަރަކީ އެންއައިސީގެ ރައީސްގެ މަގާމުގައި ހުންނެވި އަހްމަދު ސުލައިމާން އެވެ. އެ ހަތަރު މެމްބަރުންނަކީވެސް ކުރީ ސަރުކާރުން އެންއައިސީއަށް އައްޔަންކުރި ބޭފުޅުންނެވެ.

ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ އެންއައިސީގައި ދެން އިންނަވަނީ އެ ކޮމިޝަނަށް މި ސަރުކާރުން އައްޔަން ކުރެއްވި، ކާނަލް (ރޓޑ) އަހްމަދު ޖިހާދު އެވެ. ޖިހާދު ކޮމިޝަނަށް އައްޔަންކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

އެންއައިސީއަށް މެމްބަރުން އައްޔަންކުރެއްވުމާއި ވަކި ކުރެއްވުމުގެ ބާރު އޮންނާނީ ރައީސަށެވެ.

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުން ކުރާ ގާނޫނާ ހިލާފު އަމަލުތައް ބަލައި ތަހުގީގު ކުރުން ހިމެނެ އެވެ. އަދި އެފަދަ އަމަލެއް ކަމަށް ތުހުމަތު ކުރެވޭ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފި ކަމަށް ނުވަތަ ހިންގަން އުޅޭ ކަމަށް ތުހުމަތުކޮށް، އެފަދަ މައްސަލައެއް ހުށަހަޅައިފި ނަމަ އެކަމެއް ވެސް ބަލައި ތަހުގީގު ކުރަން އެ ކޮމިޝަނަށް ލާޒިމުވާނެ އެވެ.

comment ކޮމެންޓް