އަމީތާބް ކޮވިޑަށް ޕޮޒިޓިވްވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

ބޮލީވުޑްގެ މެގަސްޓާ އަމީތާބް ބައްޗަން

ބޮލީވުޑްގެ މެގަސްޓާ އަމީތާބް ބައްޗަން (77އ) ކޮވިޑް19 އަށް ޕޮޒިޓިވްވެ، ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފިއެވެ.

އަމީތާބް ކޮވިޑަށް ޕޮޒިޓިވްކަން ހާމަކުރީ އޭނާ ކުރި ޓުވީޓެެއްގައެވެ.

އަމީތާބް ބުނީ އޭނާ ހޮސްޕިޓަލަށް ބަދަލުކުރީ މިއަދު ކަމަށާއި، ކަމާބެހޭ ފަރާތްތަކަށް އަންގަންޖެހޭ ކަންކަން ހޮސްޕިޓަލުން އަންގަމުން އަންނަ ކަމަށެވެ.

އަމީތާބް ކޮވިޑަށް ޕޮޒިޓިވް ވުމާއެކު، އޭނާގެ އާއިލާއާއި، ހުރިހާ ސްޓާފުން ވަނީ ކޮވިޑަށް ޓެސްޓުކޮށްފައެވެ. ނަމަވެސް އެމީހުންގެ ނަތީޖާތައް އަދި ލިބިފައިނުވާކަމަށް އަމީތާބް ވަނީ ބުނެފައެވެ.

އަމީތާބް ވަނީ ފާއިތުވި 10 ދުވަހު އޭނާއާ ކްލޯޒް ކޮންޓެކްޓްވި އެންމެން ބައްޔަށް ޓެސްޓުކުރަން އެދިފައެވެ.

މި ހަބަރާއެކު ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އަމީތާބަށް މެސެޖުތައް ފޮނުވަމުންނެވެ. އަދި ހިތާމަފާޅުކުރަމުންނެވެ.

ކޮވިޑް19 އަކީ އުމުރުން ދުވަސްވީ މީހުންނާއި އެހެން ބަލިތަކުގައި އުޅޭ މީހުންނަށް ނުރައްކާތެރި ބައްޔެކެވެ.

އިންޑިއާގައި ހަލުވިކަމާއެކު ބަލި އަންނަނީ ފެތުރެމުންނެވެ. މިހާތަނަށް އެގައުމުން 849,782 މީހަކަށް ބަލިޖެހިފައި ވާއިރު، ބަލީގައި 22,684 މީހަކު ވަނީ މަރުވެފައެވެ.

comment ކޮމެންޓް