ރައީސް ޔާމީނާ ބެހޭގޮތުން ދޮގު މައުލޫމާތު ފަތުރާ މީޑިއާތަކާ ދެކޮޅަށް ފިޔަވަޅު އަޅާނަން: ވަކީލުން

ރައީސް ޔާމީން މިއަދު ފުލުސް އޮފީހަށް ހާޒިރު ކުރަނީ --- ފޮޓޯ/ ޕީޕީއެމް

މި މަހުގެ އަށް ވަނަ ދުވަހު ހައިކޯޓުގައި އޮތް ރައީސް ޔާމީންގެ އަޑުއެހުމެއްގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަކާ ގުޅޭގޮތުން، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިން ގެނެސްދިން ހަބަރެއްގައި ދޮގު މައުލޫމާތު ހިމަނާފައިވާ ކަމަށް ބުނެ ޕީއެސްއެމްއާއި، އެމަނިކުފާނާ ބެހޭގޮތުން ދޮގު މައުލޫމާތު ފަތުރާ އެހެން މީޑިއާތަކަށް އެޅެން ހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެމަނިކުފާނުގެ ވަކީލުން މިއަދު ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީ މެރިވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ރައީސް ޔާމިންގެ މައްޗަށް ސާބިތުވެ، މިިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް ހުކުމް ކުރީ ފަސް އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރާށެވެ. އެ ހުކުމްގެ އިސްތިއުނާފު މައްސަލަ ހައިކޯޓުގައި ކުރިއަށްދާއިރު އެ މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބޭއްވީ މި މަހުގެ އަށް ވަނަ ދުވަހުއެވެ.

މި މަހުގެ އަށް ވަނަ ދުވަހު ހައިކޯޓުގައި އޮތް އަޑުއެހުމުގައި ރައީސް ޔާމީން ދެއްކެވި ވާހަކަތައް ކިޔައިދެމުން ޕީއެސްއެމްގައި ލިޔެފައި ވަނީ، ގއ. ވޮޑަމުލާ އަކީ އެމަނިކުފާނާ ގުޅުން އޮންނަ ރަށެއް ނޫން ކަމަށާއި، އެ ރަށް ދީފައި ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ދެ ރައްޓެހިންނަށް ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށެވެ. އަދި އެ ރަށް ދޭން ވެގެން އަދީބު ރައީސް ޔާމީންގެ އަރިހުގައި އެދިވަޑައިގެންނެވި ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި ކަމަށްވެސް ޕީއެސްއެމްގައި ލިޔުނެވެ. ނަމަވެސް، އެ މައްސަލަ ދަށު ކޯޓުގައި ހިނގި އިރު، ވޮޑަމުލާ އަކީ ކޮން ރަށެއްކަން އެނގިވަޑައިގެންނެވީވެސް ކޯޓުގައި އެ ރަށުގެ ވާހަކަ ދެކެވުމުން ކަމަށް ރައީސް ޔާމީން ވިދާޅުވިކަންވެސް ޕީއެސްއެމްއިން ފާހަގަކުފިއެވެ.

ޕީއެސްއެމްގެ އެ ހަބަރާ ގުޅިގެން ވަކީލުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރައީސް ޔާމީން ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި އިތުރުފުޅު ހައްދަވާފައި ނުވާ ކަމަށެވެ. ވޮޑަމުލާ ކިޔާ ރަށެއް އޮންނަކަން އެމަނިކުފާނަށް އެނގިވަޑައިގެންނެވީ ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށް ބަޔާނުގައިވެއެވެ. ނަމަވެސް އެއީ އިތުރުފުޅެއް ނޫން ކަމަށް ބުނެފައިވެއެވެ.

"މި މައްސަލައިގެ ތަހުގީގު މޯލްޑިވްސް ޕޮލިސް ސާވިސްއިން ކުރެއްވިއިރު އެއްވެސް އިރެއްގައި ގއ. ވޮޑަމުލާއެވެ ކިޔުނު ރަށެއްގެ ވާހަކައެއް ފާހަގަކޮށް، އެ ރަށާ ގުޅޭގޮތުން އެމަނިކުފާނާ އެއްވެސް ސުވާލެއް ކޮށްފައި ނުވެއެވެ. އަދި ތަހުގީގު ނިންމައި ކްރިމިނަލް ކޯޓުގައި ދައުވާ އުފުލި އިރުގައިވެސް، އެ ރަށުގެ ވާހަކައެއް ދައުލަތުން ފާހަގަކޮށްފައި ނުވެއެވެ. އެ ރަށުގެ ވާހަކަ ދައުލަތުން ފާހަގަކޮށްފައި ވަނީ ދައުވާ އުފުލި އަޑުއެހުމުގެ ފަހުން ބޭއްވި އެހެން އަޑުއެހުމެއްގައި އިބްތިދާއީ މަރުހަލާގެ މެދަކާ ހިސާބުންނެވެ. މި ދެންނެވި ރަށާ ގުޅޭ މައުލޫމާތު ރައީސް އަބްދުﷲ ޔާމީންއަބްދުލްގައްޔޫމަށް އެނގިވަޑައިގެންނެވީ މި ދެންނެވި ހިސާބުންނެވެ."

ހައިކޯޓުގެ އަޑުއެހުމުގައި ރައީސް ޔާމީން އެ ރަށާއި އަހުމަދު އަދިބާ، ގުޅޭގޮތުން ފާހަގަކުރެއްވި މައުލުމާތަކީ ހައިކޯޓުގައި މި މަހުގެ އަށް ވަނަ ދުވަހު އޮތް އަޑުއެހުމުގެ ކުރިން، ވަކީލުން ހޯއްދަވައިދެއްވައި، ރައީސް ޔަމީނާ ހިއްސާ ކުރެއްވުމުން، އެމަނިކުފާނަށް ލިބިވަޑައިގެންނެވި މައުލޫމާތުތަކެއް ކަމަށްވެސް ވަކީލުން ވިދާޅުވިއެވެ. އެ ރަށް ދޭން ވެގެން އަދީބު ރައީސް ޔާމީންގެ އަރިހުގައި އެދިވަޑައިގެންނެވި ކަމަށް ރިޕޯޓު ކުރި ވާހަކަތައްވެސް އެމަނިކުފާނުގެ ވަކީލުން ދޮގުކުރެއްވިއެވެ.

"އެއްވެސް ހާލެއްގައި އެ ރަށް ދޭން ބޭނުންވެގެން އޭރު އަހުމަދު އަދީބު ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ގާތުގައި ދެންނެވި ކަމަކަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި އެމަނިކުފާނު ވިދާޅުވެފައެއް ނުވެއެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެމަނިކުފާނު އެއްވެސް ހާލެއްގައި އިތުރުފުޅުއް ހައްދަވާފައި ނުވާކަމުގައި ދަންނަވަމެވެ."

ޕީއެސްއެމްއިން ފެތުރި އެ ހަބަރަކީ ބްރޯޑްކާސްޓު ކުރުމާއި މީޑިއާގައި ހަބަރު ފެތުރުމުގެ ސުލޫކީ މިންގަނޑުތައް މުގުރާލައި، ފެތުރި ދޮގު ހަބަރެއް ކަމަށް ވަކީލުންގެ ބަޔާނުގައިވެއެވެ. އަދި މައްސަލައިގެ ހަގީގަތް ގެނެސްދިނުމުގެ ބަދަލުގައި ރައްޔިތުންނަށް ހަގީގަތް އޮޅުވާލައި ރައީސް ޔާމީނާ މެދު ނުބައި ތަސައްވުރެއް އުފެދޭ ގޮތަށ ޕީއެސްއެމްއިން ހަބަރު ފަތުރާ ކަމަށް ވަކީލުން ތުހުމަތުކުރެއްވިއެވެ. އެގޮތުން ޕީއެސްއެމްގެ ކުޑަކުދިންގެ ޕްރޮގްރާމެއްގައި ރައީސް ޔާމީންގެ އަބުރުފުޅަށް ހުތުރުވާ ރައިވަރެއް ކުޑަކުއްޖެއް ލައްވާ ލިޔުއްވިކަމަަށްވެސް އެ ބަޔާނުގައިވެއެވެ

"...އެފަދަ ކަންކަމާ މެދު އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅުތައް އަޅަމުންގެންދާނެ ކަމުގައި ޕަބްލިކް ސާވިސް މީޑިއާއާއި، އަދި އެފަދައިން އަމަލު ކުރާ އެހެން މީޑިއާތަކުގެ ސަމާލުކަމަށްޓަކަައި ދަންނަވަމެވެ." ރައީސް ޔާމީންގެ ވަކީލުންގެ ބަޔާނުގައިވެއެވެ.

ވޮޑަމުލާގެ މައްސަލައިގެ އިސްތިއުނާފު ހައިކޯޓުގައި ކުރިއަށްދާއިރު، އެ ހުކުމުގައި ދައްކަން އެންގި ފަސް މިލިއަން ޑޮލަރު ދައްކާފައި ނުވާތީ ދައުލަތުން އެމަނިކުފާނުގެ މައްޗަށް މަދަނީ ދައުވާ ކުރަން ވަނީ ނިންމައިފައެވެ. އޭގެ އިތުރުން އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑަރިންގެ އިތުރު ދެ ދައުވާއެއްވެސް ވަނީ އުފުލައިފައެވެ.

comment ކޮމެންޓް