މި ހާލަތުގައި ދުރުގައި ތިބެ ކުރާ ނަމާދު ސައްހަވާނެ: މައުމޫން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ޖަމާއަތުގައި ނަމާދު ކުރާއިރު ސަފު ހެދުމުގައި އެންމެ ރަނގަޅު ގޮތަކީ ކައިރި ކައިރީގައި ތިބުން ކަމުގައި ވިޔަސް، އެކަށީގެންވާ ސަބަބަކަށްޓަކައި ދުރު ދުރުގައި ތިބި ނަމަވެސް ނަމާދު ސައްހަ ވާނެ ކަމަށް ކުރީގެ ރައީސް އަދި ދީނީ އިލްމުވެރިޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ކޮވިޑް19 އާ ގުޅިގެން މާލޭގެ މިސްކިތްތަކުގައި ޖަމާއަތް ހެދުން މަދުކަނޑާލާފައި އޮންނަތާ ތިން މަހަށް ވުރެ ގިނަ ދުވަސް ފަހުން، އިއްޔެ ވަނީ ޖަމާއަތުގައި ހުކުރު ނަމާދުކޮށްފައެވެ.

އެހެން އިސްލާމީ ގައުމުތަކުގައި ޖަމާއަތް ހަދާއިރު ގައިދުރުކަން ބެހެއްޓި ނަމަވެސް އިއްޔެ މާލޭގައި ޖަމާއަތް ހެދިއިރު މާސްކު އަޅައިގެން ތިބި ނަމަވެސް އެއްވެސް ވަރަކަށް ގައިދުރުކަން ބަހައްޓާފައެއް ނުވެއެވެ.

އަދި މާލެއިން އަނެއްކާވެސް ކޮވިޑް19 އަށް ޕޮޒިޓިވް މީހުން ފެންނަ މިންވަރު އިތުރުވަމުންް އަންނަ އިރު، ނަމާދުގެ ޖަމާއަތުގައި ގައިދުރުކަން ނުބަހައްޓާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އަދި ބައެއް ދީނީ އިލްމުވެރިންގެ މެދުގައި ވަނީ މިކަމާ މެދު ހިޔާލުތަފާތުވުން އުފެދިފައެވެ.

އެ މައްސަލައިގައި ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބައެއް ހާލަތްތަކުގައި ދުރުދުރުގައި ތިބެ ކުރާ ނަމާދު ސައްހަ ވާނެ ކަމަށާއި، މިހާރު ދިމާވެގެން މިއުޅެނީ އެފަދަ ސަބަބެއް ކަމަށެވެ.

"ދުނިޔޭގެ އެހެން އިސްލާމީ ގައުމު ތަކުގައިވެސް މިދުވަސް ކޮޅު ޖަމާއަތުގައި ސަފު ހަދަނީ ގައި ދުރުކުރުމުގެ އުސޫލާ އެއްގޮތްވާ ގޮތުމުގެ މަތިން،" މައުމޫން ވިދާޅުވިއެވެ.

ކޮވިޑް19 ފެތުރިޔަ ނުދިނުމަށް އެޅި ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލީ މާޗު 18 ވަނަ ދުވަހުން ފެށިގެންނެވެ. އެއީ ހުރިހާ ނަމާދެއްވެސް ހިމެނޭ ގޮތަށެވެ.

މިސްކިތުގައި ނަމާދުކުރުމަށް ހުއްދަ ދީ، މިސްކިތްތައް އާންމުންނަށް ހުޅުވާލީ ޖޫން 14 ވަނަ ދުވަހުގެ މަޣްރިބް ނަމާދުން ފެށިގެންނެވެ. އަދި މި މަހުގެ އެއް ވަނަ ދުވަހު މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރަން ހުއްދަ ދިނަސް، ހުކުރު ނަމާދު ޖަމާއަތުގައި ކުރަން ހުއްދައެއް ނުދެއެވެ. ހުކުރު ކުރުމުގެ ހުއްދަ ދިނީ އިއްޔެއިން ފެށިގެންނެވެ.

comment ކޮމެންޓް