ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސްއިން އެމެރިކާއަށް ދިޔުން މަނާކޮށްފި

ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް އިން އެމެރިކާއަށް ދިޔުން ވަނީ މަނާކޮށްފަ -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (ޖުލައި 11): ޕާކިސްތާނުގެ ގައުމީ އެއާލައިނުން މި ދުވަސްވަރު އެމެރިކާއަށް ދަތުރު ކުރަން އެ އެއާލައިނަށް ދީފައި އޮތް ހުއްދަ އެގައުމުން ބާތިލުކޮށްފި އެވެ.

މިއަހަރުގެ ކުރީކޮޅު އެމެރިކާއިން ވަނީ ކޮރޯނާވައިރަސް ބަލިމަޑުކަމާ ގުޅިގެން، އެގައުމުގައި ތިބި ޕާކިސްތާނުގެ ރައްޔިތުން އަނބުރާ ގެންދިޔުމަށް ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ)އިން 12 ދަތުރެއް ކުރުމަށް ހުއްދަ ދީފަ އެވެ. އޭގެ ތެރެއިން ހަތް ދަތުރެއް ޕީއައިއޭއިން ވަނީ މިހާތަނަށް ކޮށްފަ އެވެ.

އަލްޖަޒީރާގައިވާ ގޮތުން އެމެރިކާގެ ޑިޕާޓްމެންޓް އޮފް ޓްރާންސްޕޮޓޭޝަންއިން އެ ހުއްދަ ބާތިލުކޮށްފައި ވަނީ ޕާކިސްތާނުގެ ބައެއް ޕައިލެޓުންނަށް ލައިސެންސް ދިން ގޮތާ ބެހޭ ގޮތުން މައްސަލަތަކެއް ފެންމަތިވުމުންނެވެ.

އެ ޑިޕާޓްމެންޓުން ފާހަގަ ކުރި މައްސަލަތައް ގުޅިފައި ވަނީ މިދިޔަ މެއި މަހު ޕީއައިއޭގެ ބޯޓެއް ކަރާޗީއަށް ވެއްޓި، 97 މީހަކު މަރުވި ހާދިސާއާ ގުޅިގެން ކުރިއަށް ގެންދިޔަ ތަހުގީގަކާ އެވެ. އެ ތަހުގީގަށް އެނގުނު ގޮތުގައި ޕާކިސްތާނުގެ 860 ޕައިލެޓުންގެ ތެރެއިން 262 ޕައިލެޓުން އިމްތިހާނުގައި މަކަރު ހެދި ނަމަވެސް އެގައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ)އިން ވަނީ އެމީހުންނަށް ލައިސެންސް ދީފަ އެވެ.

އެ ހޯދުންތަކާ ގުޅިގެން ޕާކިސްތާނުގެ ސަރުކާރުން ވަނީ މިިހާތަނަށް ސީއޭއޭގެ ފަސް އޮފިޝަލަކު މަގާމުން ދުރުކޮށްފަ އެވެ. އަދި ޕީއައިއޭގެ 434 ޕައިލެޓުންގެ ތެރެއިން 141 ޕައިލެޓުން އުދުހުން ވަނީ މަނާކޮށްފަ އެވެ.

އެ ތަހުގީގާ ގުޅިގެން، ޕީއައިއޭއިން ޔޫރަޕްގެ ގައުމުތަކަށް ދަތުރު ކުރުންވެސް ކުރިއަށް އޮތް ހަ މަހަށް ވަނީ މަނާކޮށްފަ އެވެ.

comment ކޮމެންޓް