ވެރިކަންކުރާ ޕާޓީން ސިންގަޕޫރުގެ އިންތިޚާބު ކާމިޔާބުކޮށްފި

ސިންގަޕޫރުގެ ބޮޑުވަޒީރުލީ ސިއެން ލޮންގް

ސިންގަޕޫރު (ޖުލައި 11): ސިންގަޕޫރުގެ ޕާލަމެންޓަށް މެންބަރުން އިންތިޚާބު ކުރުމަށް އިއްޔެ ބޭއްވި އާންމު އިންތިޚާބު އެގައުމުގައި ވެރިކަންކުރާ ޕީޕަލްސް އެކްޝަން ޕާޓީ ކާމިޔާބުކޮށްފިއެވެ.

ސިންގަޕޫރުގެ އިންތިޚާބުތަކާބެހޭ އިދާރާއިން ބުނީ ވަގުތީ ނަތީޖާއަށް ބަލާއިރު ޕީޕަލްސް އެކްޝަން ޕާޓީން ޕާލަމެންޓްގެ 93 ގޮނޑީގެ ތެރެއިން 83 ގޮނޑި ކާމިޔާބު ކޮށްފައިވާ ކަމުގައެވެ. އިދިކޮޅު ޕާޓީ ކަމަށްވާ ވޯކާސް ޕާޓީ އަށް ލިބިފައިވަނީ ޕާލަމެންޓްގެ އެންމެ 10 ގޮނޑިއެވެ.

އިއްޔެ ސިންގަޕޫރު ގަޑިން ހެނދުނު 8 ގައި ވޯޓުލުން ފަށާފައިވާއިރު ވޯޓު ލުން ނިންމާލާފައިވަނީ ހަވީރުއެވެ. މިދުވަސްވަރު އިންތިޚާބު ބޭއްވުމުގެ ސަބަބުން ސިންގަޕޫރުގައި ކޮވިޑް-19 އިތުރަށް ފެތުރިދާނެކަމުގެ އިންޒާރު ބައެއް ފަރާތްތަކުން ދީފައިވެއެވެ. ނަމަވެސް ސިންގަޕޫރުގެ އިންތިޚާބުތަކާބެހޭ އިދާރާއިން ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކާއެކުގައެވެ. މިގޮތުން ގައިދުރުވުމާއި މާސްކް އެޅުމާއި އަންގި ބޭނުންކުރުމާއި ވޯޓުލާ މީހުންގެ ހަށިގަނޑުގެ ފިނިހޫނުމިން ބެލުމާއި ވޯޓުލާ މީހުންގެ ފޯނުތަކުގައި ކޮންޓެކްޓް ޓްރޭސިން އެޕް އަޅާފައި ހުރިތޯ ބެލުންފަދަ ރައްކާތެރި ކަމުގެ އެތަށް ކަމެއް ވޯޓުލީ ފަރާތްތަކަށް އަމާޒުކޮށްގެން ކޮށްފައިވެއެވެ.

ވޯޓުލުމަށް ދާ މީހުންގެ ކިޔޫ

ކޮވިޑް-19 ސިންގަޕޫރުގައި ވަކިވަރަކަށް ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް އެ ރޯގާ އަލުން ފެތުރިދާނެކަމުގެ ބިރު އެގައުމުން އިޙްސާސް ކުރެއެވެ. މިހާތަނަށް ސިންގަޕޫރުގައި 45،000 އަށްވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހި، އަދި 26 މީހުން މަރުވެފައިވެއެވެ.

1965 ވަނައަހަރު ސިންގަޕޫރަށް މިނިވަންކަން ލިބުމަށްފަހު އެދުވަސްވަރުން ފެށިގެން މިހާތަނަށްވެސް އެގައުމުގައި ވެރިކަން ކުރަމުން ގެންދަނީ ޕީޕަލްސް އެކްޝަން ޕާޓީންނެވެ. އެއީ ސިންގަޕޫރުގެ ބާނީ ލީ ކުއާން ޔޫގެ ޕާޓީއެވެ. މިހާރުގެ ބޮޑުވަޒީރު ލީ ސިއެން ލޮންގްވެސް ނިސްބަތްވެ ވަޑައިގަންނަވަނީ އެޕާޓީއަށެވެ.

(ނޫސް އެޖެންސީތައް)

comment ކޮމެންޓް