ޑިމާންޑާ އެއްވަރަށް ޑޮލަރު ފޯރުކޮށްދިނުމަށް ހުރިހާ ފިޔަވަޅެއް އަޅާނެ: ގަވަރުނަރުު

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް -- ފޮޓޯ/ ރައީސް އޮފީސް

ކޮވިޑް19 އާ ގުޅިގެން ދިމާވެފައިވާ ދަތިކަމުގައި ވެސް، އެކި ސްޓްރެޓަޖީތައް ބޭނުންކޮށްގެން ޑޮލަރަށް އޮތް ޑިމާންޑާ އެއްވަރަށް ޑޮލަރު ފޯރުކޮށްދިނުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅާނެ ކަމުގެ ޔަގީންކަން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ދެއްވައިފިއެވެ.

ޑޮލަރު ލިބުން ދަތިވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ބޮޑުތަަން އުފުލެމުން އަންނާތީ ވިޔަފާރިވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ގަވަރުނަރު މީޑިއާއަށް ވިދާޅުވީ ކޮވިޑް19 ފެތުރުމުގެ ސަބަބުން އެކިގައުމުތަކުގެ ބޯޑަރުތައް ބަންދުކުރުމާއި ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތް މުޅިންހެން ހުއްޓުމަކަށް އައުމުން، ޓޫރިޒަމްގެ ސިނާއަތުން ރާއްޖޭގެ ބޭންކިން ނިޒާމަށް ލިބެމުން އައި ޑޮލަރު ސަޕްލައި ހުއްޓިފައިވާ ކަމަށެވެ.

އަދި ކޮވިޑުގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސާދަށް އައިސްފައިވާ ހީނަރުކަމުގެ ތެރެއިންވެސް އެމްއެމްއޭގެ ދައުރު ފުރިހަމައަށް އަދާކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް އަލީ ހާޝިމް ވިދާޅުވިއެވެ.

ގަވަރުނަރު ވިދާޅުވީ ކޮވިޑްގެ ހާލަތު އައުމުގެ ކުރިންވެސް ރާއްޖޭގައި ޑޮލަރަށް އުފެދިފައި އޮންނަ ޑިމާންޑާ އެއްވަރަށް ޑޮލަރު ފޯރުކޮށްދިނުމަށް އެމްއެމްއޭއިން އެކި ސްޓްރެޓަޖީ ބޭނުން ކުރާ ކަމަށާއި އޭގެ ތެރޭގައި ރާއްޖޭން ބޭރުން ޑޮލަރު އެތެރެކުރުންވެސް ހިމެނޭ ކަމަށެވެ.

"މިފަދަ ސްޓްރެޓަޖީތައް ބޭނުންކޮށްގެން ޑޮލަރަށް އޮތް ޑިމާންޑާ އެއްވަރަށް ޑޮލަރު ފޯރުކޮށްދިނުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅާނެ ކަމުގެ ޔަގީންކަން އަރުވަން،" ގަވަރުނަރު ވިދާޅުވިއެވެ.

ގަވަރުނަރު ވިދާޅުވީ ‎މިހާރުވެސް ކޮވިޑް ހާލަތާއި ގުޅިގެން އާންމު ވިޔަފާރިތަކާއި، އެކި އެސްއޯއީތަކަށް ޑޮލަރު ފޯރުކޮށްދިނުމަށްޓަކައި ކުރިއަށް ވުރެ އިތުރަށް ބޭންކުތަކަށް ޑޮލަރު ދޫކުރަމުން އަންނަ ކަމަށާއި އެގޮތުން ކާނާގެ ބާވަތްތަކާއި ބޭސް ފަދަ ޒަރޫރީ ތަކެތި އެތެރެކުރުމަށް ހާއްސަކޮށްގެން ޑޮލަރު ދޫކުރަމުން އަންނަ ކަމަށެވެ.

"‎ދައުލަތުގެ ރަސްމީ ރިޒާވް ތަންދޭ މިންވަރަކުން، ޑޮލަރު ފެސިލިޓީސްތައް މެދުވެރިކޮށްގެން ކަމުގައި ވީނަމަވެސް ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖައްސަމުން ގެންދާނެ ކަމުގެ ޔަގީންކަން އަރުވަން،" ގަވަރުނަރު ވިދާޅުވިއެވެ.

އިގްތިސާދީ ގޮތުން ކުރިމަތިވާ މިފަދަ ބޮޑެތި ގޮންޖެހުންތަކުން އަރައިގަނެވޭނީ އަމިއްލަ ފަރުދުންނާއި، ދައުލަތުގެ އެކި އިދާރާތަކާއި، ވިޔަފާރިތަކާއި ސިނާއަތްތައް އެކުގައި މަސައްކަތްކޮށްގެން ކަމަށް ވެސް ގަވަރުނަރު ވިދާޅުވިއެވެ.

comment ކޮމެންޓް