އަދީބުގެ މައްސަލަތަކުގެ އަޑުއެހުން ތާވަލުކުރުމަށް ފަހު ކެންސަލްކޮށްފި

އޭޕްރީލް 28، 2019: ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ސުޕްރީމް ކޯޓު ބޭރުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ނައިބު ރައީސް، އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަތް ދައުވާގެ އަޑުއެހުން މިއަދު ކްރިމިނަލް ކޯޓުގައި ތާވަލުކުރުމަށްފަހު އެ އަޑުއެހުން ކެންސަލްކޮށްފި އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން، އަދީބުގެ މައްޗަށް އުފުލާފައި ވަނީ، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.

މި މައްސަލަތަކުގެ އަޑުއެހުމެއް މިއަދު 13:00އަށް ކްރިމިނަލް ކޯޓުގައި ތާވަލުކުރި ނަމަވެސް، މިހާރު އެ އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ.

ކްރިމިނަލް ކޯޓުން ބުނި ގޮތުގައި، އެ އަޑުއެހުން ކެންސަލް ކުރީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް މިއަދު ޑިސްއިންފެކްޓު ކުރާތީ ވަކީލުންނަށް އޮފީހަށް ގޮސް ވީޑިއޯ ކޮންފަރެންސް ކޯލު މެދުވެރިކޮށް ބައިވެރިނުވެވޭނެތީ އެވެ. އަދި އަޑުއެހުމުގެ ގަޑި މެންދުރު ފަހު 3:00 އަށް ބަދަލުކުރިއަސް އެ ގަޑީގައި ޖަލުގެ ވީޑިއޯ ކޮންފަރެންސް ކޮޓަރި ބޭނުން ނުކުރެވޭނެތީ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އަދީބުގެ މައްޗަށް ދައުލަތުން މިހާރު އުފުލާފައި ވަނީ ޖުމްލަ ހަތް ދައުވާ އެކެވެ. އެ ހަތް މައްސަލައިގެ އަޑުއެހުމެއް މިހާތަނަށް ބޭއްވިފައި ނުވެ އެވެ.

ޕީޖީއާ އެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން އެ ހަތް މައްސަލައިގައިވެސްް އަދީބު ދައުވާއަށް އިއުތިރާފުވާނެ ކަމަށް މީގެ ކުރިން ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފަ އެވެ. އިއުތިރާފުވުމުން އެ ހަތް މައްސަލައިގައި އޭނާގެ މައްޗަށް އެންމެ ގިނަވެގެން އަންނާނީ ޖުމްލަ ވިހި އަހަރުގެ ޖަލު ހުކުމެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ދައުރުގެ ތެރޭގައިވެސް އަދީބުގެ މައްޗަށް ގިނަ އަދަދެއްގެ ދައުވާތަކެއް ކުރި އެެވެ. މި ސަރުކާރުގައި އެ ހުރިހާ ދައުވާތައް އަނބުރާ ފޮނުވާލައި އަލުން ދައުވާ ކުރީ އެވެ. މިހާރު އަދީބާ ދެކޮޅަށް ކޮށްފައިވާ ހަތް ދައުވާ އަކީ އެސެޓް ރިކަވަރީ ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި ފުލުހުން ގުޅިގެން ހިންގި ތަހުގީގަކަށްފަހު ކުރި ދައުވާތަކެކެވެ.

comment ކޮމެންޓް