އެމެރިކާގައި އޮންލައިންކޮށް ކިޔަވަން ޖެހޭ ބޭރުގެ ދަރިވަރުން ފޮނުވާލަން އުޅޭ މައްސަލަ ކޯޓަށް

ހާވާޑް އިން ވަނީ އެޔުނިވާސިޓީން ކުރިއަށް އޮތް ސެމިސްޓާގައި ހުރިހާ ކްލާސްތައް ބާއްވާނީ އޮންލައިންކޮށް ކަމަށް ބުނެފަ -- ފޮޓޯ: ބްލޫމްބާގް

ވޮޝިންޓަން (ޖުލައި 9): އެމެރިކާގައި ޑިގްރީއަށް ކިޔަވާ ބޭރުގެ ދަރިވަރުންގެ ތެރެއިން މުޅިންވެސް އޮންލައިން ކްލާސްތައް ނަގަން ޖެހޭ ދަރިވަރުންނަށް ވިސާ ނުދޭން ނިންމި ނިންމުމާ ދެކޮޅަށް އެގައުމުގެ ކޯޓަކަށް މައްސަލަ ހުށަހަޅައިފި އެވެ.

އެމެރިކާގެ އިމިގްރޭޝަންސް އެންޑް ކަސްޓަމްސް އެންފޯސްމެންޓް (އައިސް)އިން މިދިޔަ ހޯމަ ދުވަހު އިއުލާން ކުރި ގޮތުގައި އެގައުމުގެ ޔުނިވާސިޓީތަކުގައި ހަމައެކަނި އޮންލައިން ކްލާސްތައް ނަގާނެ ބޭރުގެ ދަރިވަރުންނަށް ދެން ވިސާއެއް ނުދޭނެ އެވެ. އަދި އެކުދިން ކިޔަވަން ޖެހޭނީ އަމިއްލަ ގައުމުގައި ތިބެގެންނެވެ.

މީގެ އިތުރުން، މިހާރުވެސް އެމެރިކާގައި ތިބި ބޭރުގެ ދަރިވަރުންގެ ތެރެއިން ހަމައެކަނި އޮންލައިން ކްލާސްތައް ނަގަން ޖެހޭ ދަރިވަރުން، ކްލާސްރޫމް ތެރޭ ކިޔަވަދޭ ޔުނިވާސިޓީއަކަށް ބަދަލު ނުވާ ނަމަ އެ ދަރިވަރުން ޑީޕޯޓު ކުރަން ޖެހިދާނެ ކަމަށް އައިސް އިން ބުންޏެވެ.

އެ އަމުރާ ދެކޮޅަށް އެމެރިކާގެ މެސެޗޫސެޓްްސްގެ ޑިސްޓްރިކްޓު ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ ހާވާޑް އާއި މެސެޗޫސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ)އިންނެވެ. އޭގެ ތެރެއިން ހާވާޑްއިން ވަނީ ކުރިއަށް އޮތް ސެމިސްޓާގައި އެ ޔުނިވާސިޓީގެ ހުރިހާ ކްލާސްތައް ބާއްވާނީ އޮންލައިންކޮށް ކަމަށް ބުނެފަ އެވެ. އަދި އައިސްގެ އަމުރުގެ ސަބަބުން އެ ޔުނިވާސިޓީގެ 5،000 ދަރިވަރުންގެ ކިޔެވުމަށް ބުރޫ އާރާނެ ކަމަށް ހާވާޑްއިން ބުންޏެވެ.

ހާވާޑްގެ ރައީސް ލެރީ ބާކޯ ވިދާޅުވި ގޮތުގައި އެ ގަވާއިދު ހަދާފައި ވަނީ ކްލާސްރޫމްތަކުގައި ކިޔަވައި ދިނުން ފެއްޓުމަށް ކޮލެޖުތަކާއި ޔުނިވާސިޓީތަކަށް ޕްރޮޝަރު ކުރުމަށް ކަމަށް ބެލެވެ އެވެ. އަދި ކޯޓަށް ހުށަހެޅި މައްސަލާގައިވާ ގޮތުން އެ ގަވާއިދުގެ ސަބަބުން ޔުނިވާސިޓީތަކަށް ވަނީ ދަރިވަރުންނާއި ޓީޗަރުންގެ ސިއްހަތަށް ނުރައްކާ އޮތް ނަމަވެސް ކްލާސްރޫމްތަކުގައި ކިޔަވައި ދިނުން ފަށަން ނުވަތަ ބައެއް ކުދިންގެ ކިޔެވުމަށް ހުރަސް އެޅުނަސް އޮންލައިން ކްލާސްތައް ކުރިއަށްގެންދަން މަޖުބޫރުވެފަ އެވެ.

މީގެ އިތުރުން އާ ސެމިސްޓާ ފަށަން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ބައެއް ދަރިވަރުން އެހެން ޔުނިވާސިޓީއަކަށް ބަދަލުވުން ނުވަތަ އެނބުރި ގައުމަށް ދިޔުމަކީ އުނދަގޫ އަދި އަގުބޮޑު ކަމެއް ކަންވެސް އެ މައްސަލާގައި ފާހަގަކޮށްފައިވެ އެވެ.

އެމެރިކާގެ މައިގްރޭޝަން ޕޮލިސީ އިންސްޓިޓިއުޓުން ބުނާ ގޮތުގައި އެ އަމުރުގެ ސަބަބުން ކިޔެވުމަށް ބަދަލުތައް ގެންނަން ޖެހޭނެ ދަރިވަރުންގެ އަދަދު 1.2 މިލިއަން އަރާނެ އެވެ.

comment ކޮމެންޓް