ކޮރޯނާ ވައިރަސް ވައިގެ ތެރެއިން ނުފެތުރޭނެ ކަމުގެ ޔަގީންކަމެއް ނެތް: ޑަބްލިޔޫއެޗްއޯ

ޖެނީވާ (ޖުލައި 9) : ކޮވިޑް-19 ރޯގާ ޖައްސާ ވައިރަސް ކަމަށްވާ "ސިވިއާ އެކިއުޓް ރެސްޕިރޭޓްރީ ސިންޑްރޯމް ކޮރޯނާ ވައިރަސް "2 ނުވަތަ (ސާސްކޯފް 2) ވައިރަސް ވައިގެ ތެރޭގައި ނުފެތުރޭނެ ކަމުގެ ޔަގީންކަން ނެތްކަމަށާއި އެ ވައިރަސް ވައިގެ ތެރެއިން ފެތުރޭކަމުގެ އިލްމީ ހެކިތަކެއް ލިބިފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

ޖެނީވާ ގައި އިއްޔެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޮވިޑް-19 އާބެހޭ ޑަބްލިއުއެޗްއޯގެ ޓެކްނިކަލް ޓީމުގެ ވެރިޔާ ޑރ. މާރިޔާ ކޭޚޯވް ވިދާޅުވީ ކޮވިޑް-19 ޖައްސާ ވައިރަސް ވައިގެ ތެރޭގައި ފެތުރޭކަމުގެ އިލްމީ ހެކި ދުވަހެއް ދުވަހަކަށް ލިބެމުންދާކަމަށާއި އެކަން ކަށަވަރު ކުރުމަށް ޓަކައި ސައެންސްވެރިން ގިނަ ތަޖްރިބާތަކެއް ކޮށްފައިވާ ކަމުގަ އެވެ. ވައިގެ ތެރޭގައި އެ ވައިރަސް ފެތުރޭނަމަ އެއީ އާދަޔާ ޚިލާފު ކަންބޮޑުވުމެއް ކަމަށް އެކަމަނާ ވިދާޅުވި އެވެ.

ޑރ. މާރިޔާ ވިދާޅުވީ މިހެކިތައް ސައެންސްވެރިން ހޯދާފައިވާ އިރު ކޮވިޑް-19 ރޯގާ ޖައްސާ ވައިރަސް ވައިގެ ތެރެއިން ނުފެތުރޭނެކަމަށް މުޅިން ބަލައިގެން ނުވާނެ ކަމަށާއި އެކަމުގެ ޔަގީންކަން ނެތްކަމުގަ އެވެ. ކޮވިޑް-19 ޖައްސާ ވައިރަސް ވައިގެ ތެރޭގައި ފެތުރެނީ ޑްރޮޕްލަޓްސް ނުވަތަ ވައިގެ ތެރެއިން ދަތުރުކުރާ ކުދި ފެންތިކިތައް ނުވަތަ ތެތްކަމުގެ ތެރެއިން ކަމަށް ބައެއް ސައެންސްވެރިންގެ ދިރާސާތަކުން ހާމަވެފައިވާ ކަމަށް ޑރ. މާރިޔާ ވިދާޅުވި އެވެ.

އެމެރިކާގެ ނެޝަނަލް އެކަޑެމީ އޮފް ސައެންސް (އެންއޭއެސް)ގެ "ކޮމިޝަން ފޯ އިމާޖިންގް އިންފެކްޝަސް ޑިޒީޒް އެންޑް ހެލްތް ތްރީޓްސް އޮފް ދަ ޓުވެންޓީ ފަސްޓް ސެންޗަރީ"ގެ ޗެއާމަން ޑރ. ހާވޭ ވެއިންބާގް ވެސްވަނީ ކޮވިޑް-19 ޖައްސާ ވައިރަސް އެއާ ރިސޮލެސް ޑްރޮޕްލަޓްސްގެ ގޮތުގައި ވައިގެ ތެރޭގައި ފެތުރޭކަމުގެ އިލްމީ ހެކި އެމެރިކާގެ ސައެންސްވެރިންގެ ބަޔަކު ވެސް ހޯދާފައިވާ ކަމަށް ވިދާޅުވެ އެކަން ވައިޓް ހައުސްގެ "އޮފީސް އޮފް ސައެންސް އެންޑް ޓެކްނޮލޮޖީ ޕޮލިސީ" އާ ހިއްސާ ކޮށްފައިވާނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮވިޑް-19 ރޯގާ ޖެހެނީ "ސިވިއާ އެކިއުޓް ރެސްޕިރޭޓްރީ ސިންޑްރޯމް ކޮރޯނާ ވައިރަސް "2 (ނުވަތަ ސާސްކޯފް 2) ވައިރަސް އިންނެވެ. މިއި ކޮރޯނާ ވައިރަސް ގެ ވައްތަރެކެވެ. މި ވައިރަސް ވައިގެ ތެރޭގައި ފެތުރޭކަން ބެލުމަށްޓަކައި ދިރާސާތައް ކުރަމުންގެންދާ ސައެންސްވެރިންގެ ތެރޭގައި ތިރީހަށްވުރެ ގިނަ ގައުމުގެ އެތަށް ސަތޭކަ ސައެންސްވެރިން ހިމެނެ އެވެ.

މީގެތެރޭގައި އެމެރިކާ، ޖަރުމަނު، ޗައިނާ، ރަޝިއާ، އިނގިރޭސިވިލާތް ފަދަ ސިއްހީ ދާއިރާގައި ކުރިއެރުންތައް ހޯދާފައިވާ ބޮޑެތި ގައުމުތަކުގެ އިތުރުން ޔޫރަޕާއި އޭޝިއާއާއި އެފްރިކާ އަދި ލެޓިން އެމެރިކާގެ ގައުމުތައްވެސް ހިމެނެއެވެ. މި ތަޖްރިބާތައް ސައެންސްވެރިން ކުރިޔަށް ގެންދިޔައީ އެއްބަޔަކު އަނެއްބަޔަކާ ވިލަރެސް ކޮށްގެން އަދި ޑަބްލިއުއެޗްއޯ ގެ ތަޖްރިބާކާރުންގެ އެހީތެރިކަންވެސް ލިބިގެންކަމަށް ރިޕޯޓްތައް ބުނެއެވެ.

ޑަބްލިއުއެޗްއޯ އިންވަނީ މިއައު ހޯދުމަށް ސައެންސްވެރިން ކުރި ބުރަ މަސައްކަތަށްޓަކައި އެމީހުންނަށް ޝުކުރު އަދާކޮށްފައެވެ. މިއައު ހޯދުމާއެކު ކޮވިޑް-19 އާބެހޭ އިރުޝާދުތަކަށް ބަދަލު ގެންނަންޖެހޭނަމަ ތަޖްރިބާކާރުން ގެ ލަފައާއެކު އެކަމާބެހޭ މައުލޫމާތު ގައުމުތަކާ ހިއްސާކުރާނެކަމަށް ޑަބްލިޔޫއެޗްއޯ ގެ ސައެންސްވެރިންނާބެހޭ އިސްވެރިޔާ ޑރ. ސޫމިއާ ސްވަމިނަތަން ވަނީ ވިދާޅުވެފައެވެ.

ކުރިން އެނގިފައިވާގޮތުން އަދި މައުލޫމާތުވެސް ފަތުރާފައިވާ ގޮތުން ކޮވިޑް-19 ޖައްސާ ސާސްކޯވް 2 ވައިރަސް ފެތުރެނީ ކޮވިޑް-19 ޖެހިފައިވާ މީހަކު ކެއްސައި އަދި ކިނބިހި އަޅާއިރު ނުވަތަ ބާރަށް ވަހަކަ ދައްކާއިރު އެމީހާގެ އަނގައިންނާއި ނޭފަތުން ބުރައިގެންދާ ތެތްތިކިތައް ނުވަތަ (ޑްރޮޕްލެޓްސް ޓްރާންސްމިޝަން) ސީދާ އެހެން މީހެއްގެ އަނގައަށް، ލޮލަށް ނުވަތަ ނޭފަތަށް ސީދާ ގޮތެއްގައި ވާސިލުވުމުންނެވެ. ވައިގެތެރެއިން މި ވައިރަސް ފެތުރޭކަމުގެ އިލްމީ ހެއްކެތް ކުރިން ހޯދިފައެއް ނުވެއެވެ.

ނަމަވެސް ކޮވިޑް-19 ޖެހިފައިވާ ގިނަޔަބަޔކު ބަންދުތަނެއްގައި އުޅޭނަމަ އެތަނެއްގެ އިންޑޯ ވައިގެތެރޭގައި އެރޯގާގެ ވައިރަސް އުޅެފާނެކަމަށް ކުރިންވެސް ސައެންސްވެރިން ލަފާކުރައްވާފައިވެއެވެ. ޚާއްސަކޮށް އެއީ ބަންދުކޮށްފައިވާ ފިނިތަނެއްނަމަ އެތަނެއްގެ އިންޑޯ ވައިގެތެރޭގައި އެވައިރަސް އުޅޭނެކަމަށް ބަލައި ރައްކާތެރި ކަމުގެ ފިޔަވަޅު އަޅަމުން ގެންގޮސްފައިވެއެވެ. ނަމަވެސް ކޮވިޑް-19 ޖައްސާ ވައިރަސް ޑްރޮޕްލެޓްސް ގެ ގޮތުގައި ވައިގެ ތެރޭގައި ފެތުރޭކަން ކުރިން އިލްމީ ހޯދުންތަކުން ކަށަވަރުވެފައެއް ނުވެއެވެ. މި އައު ހޯދުމާބެހޭ ދިރާސާ ރިޕޯޓް އަންނަ ހަފްތާގައި ސައެންސްވެރިން ޝާއިޢު ކުރާނެކަމަށްވެއެވެ.

ކޮވިޑް-19 ޖައްސާ ވައިރަސް އަކީ އައު ވައިރެހަކަށްވާތީ އެވައިރަސްއާ ބެހޭ ހުރިހާ މައުލޫމާތެއް ސައެންސްވެރިންނަށް އަދިވެސް ހޯދިފައެއް ނުވެއެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް