އެންއައިސީގެ ހަތަރު މެމްބަރުން ވަކިކުރަން ކޮމެޓީން ފާސްކޮށްފި

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ މިއަދުގެ ބައްދަލުވުން -- ފޮޓޯ/މަޖިލިސް

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ކުރީ ސަރުކާރުން އައްޔަންކުރި ހަތަރު މެންބަރަކު ވަކި ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އަރުވަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ނިންމައިފި އެވެ.

އެ ހަތަރު މެމްބަރުންނަކީ އެންއައިސީގެ ރައީސް އަހްމަދު ސުލައިމާނާއި ނައިބު ރައީސް ހައްސާން ހަމީދާއި މެމްބަރު އަހްމަދު އަމީންގެ އިތުރުން ހަދީޖާ އަބްދުﷲ އެވެ.

ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ އެންއައިސީގައި ދެން އިންނަވަނީ އެ ކޮމިޝަނަށް މި ސަރުކާރުން އައްޔަން ކުރެއްވި، ކާނަލް (ރޓޑ) އަހްމަދު ޖިހާދު އެވެ. ޖިހާދު ކޮމިޝަނަށް އައްޔަންކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

ޖިހާދު ފިވަޔައި ދެން ތިއްބެވި ހަތަރު މެމްބަރުން އެކަށީގެންވާ ގޮތެއްގައި މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރާ ކަމަށް ފެންނާތީ އެ މެމްބަރުން މަގާމުން ވަކިކުރުމަށް ނިންމައި، އެގޮތަށް ރައީސަށް ލަފާއަރުވަން ހުށަހެޅުއްވީ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް އެވެ. ވިސާމްގެ ހުށަހެޅުން މިއަދު ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

ކޮމެޓީގެ މި ނިންމުން ދެން ފޮނުވާނީ މަޖިލީހުގެ ތަޅުމަށެވެ. ތަޅުމުގައި ކޮމެޓީ ރިޕޯޓަށް ކުރެވޭ ބަހުސަށްފަހު، ކޮމެޓީގެ ނިންމުން ތަޅުމުން ފާސްވެއްޖެނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާއަރުވާނެއެވެ.

އެންއައިސީ އަށް މެމްބަރުން އައްޔަންކުރެއްވުމާއި ވަކި ކުރެއްވުމުގެ ބާރު އޮންނާނީ ރައީސަށެވެ.

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުން ކުރާ ގާނޫނާ ހިލާފު އަމަލުތައް ބަލައި ތަހުގީގު ކުރުން ހިމެނެ އެވެ. އަދި އެފަދަ އަމަލެއް ކަމަށް ތުހުމަތު ކުރެވޭ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފި ކަމަށް ނުވަތަ ހިންގަން އުޅޭ ކަމަށް ތުހުމަތުކޮށް، އެފަދަ މައްސަލައެއް ހުށަހަޅައިފި ނަމަ އެކަމެއް ވެސް ބަލައި ތަހުގީގު ކުރަން އެ ކޮމިޝަނަށް ލާޒިމުވާނެ އެވެ.

comment ކޮމެންޓް