ބ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ބޮޑުފިނޮޅުގައި ބިދޭސީން ހަމަނުޖެހުން ހިންގަން މެދުވެރިވީ، އެރަށުގެ ޑިވެލޮޕަރު ސީލް މޯލްޑިވްސްގެ އިސް މީހަކު ބިދޭސީންނަށް ބިރުދެއްކުމުން ކަމަށް، މައްސަލައިގައި ހައްޔަރުކޮށްފައިވާ ބިދޭސީއަކު ބުނެފި އެވެ.
އެރަށުގައި ބިދޭސީން މުޒާހަރާކޮށް ހަމަނުޖެހުން ހިންގީ ބޮޑުފިނޮޅުގެ ކޮންޓްރެކްޓު މަސައްކަތްތަކެއް ކުރާ އާރުއައިއެކްސް(ރިޒް) ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން މުވައްޒަފުންނަށް މުސާރަ ނުދީގެންނެވެ.
އެ ހަމަނުޖެހުންތަކުގައި ކޮންޓްރެކްޓަރުގެ މުވައްޒަފުން ދިވެހިންތަކެއް ރަހީނުކޮށް، ރަށުގައި ހުރި ތަންތަނަށާއި، ހެވީ މެޝިނަރީތަކަށާއި، ވޯޓާ ޕައިޕްލައިން ތަކަށާއި، އެހެނިހެން ތަކެއްޗަށް ބޮޑެތި ގެއްލުންތައް ވަނީ ދީފައެވެ.
އެ ހަމަނުޖެހުންތަކާ ގުޅިގެން 19 ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރުކުރި މީހުންގެ ތެރެއިން އެއް ބިދޭސީއަކު ވަނީ ހަމަނުޖެހުން ހިނގަން މެދުވެރިވި ސަބަބު ވަރަށް ތަފްސީލުކޮށް، އޭނާގެ ގާނޫނީ ވަކީލާ ހިއްސާކޮށްފައެވެ.
އެ ބިދޭސީ މީހާއާ ހަވާލާދީ އޭނާގެ ގާނޫނީ ވަކީލާ، އާމިނަތު ނަޝްއާ އާދިލް ވިދާޅުވީ ހަމަނުޖެހުން ހިނގަން މެދުވެރިވީ ސީލް މޯލްޑިވްސްގެ މުހައްމަދު އިދްރީސް (މުހައްމަދު) ނަމަކަށް ކިޔާ މީހަކު ބިދޭސީންނަށް ބިރުދައްކާފައި ވަނިކޮށް އެރަށުގައި ތިބި ދިވެހީން ރަށުން ފައިބަން މަސައްކަތް ކުރި ހިސާބުންނެވެ.
"އެއީ ދިވެހީން، މީގެކުރިން ވެސް އެތަނުގައި ތިބީ އެމީހުންނަށްޓަކައި ކަަމަށްވެފައި، މީގެ ކުރީގައިވެސް ސީލް ކުންފުނީގެ ފަރާތުން އެމީހުންނަށް ބިރުދައްކާފައި ވާތީ، ދިވެހިން ފުރައިގެން ދިއުމުން އެމީހުންނަށް އެއްވެސް ރައްކަލެއް ނޯންނާނެ ތީ ކަމަށެވެ." ވަކީލާ ވިދާޅުވިއެވެ.
އަދި ބޮޑުފިނޮޅުގައި ސުޕަވައިޒަރެއްގެ ގޮތުގަައި މަސައްކަތްކުރި ރިޒް ކުންފުނީގެ، "ނައްޓު" ކިޔާ މީހަކު ރަށުން ފޭބުމުން، ސީލް މޯލްޑިވްސްގެ މުހައްމަދު އިދުރީސް ކިޔާ މީހާ ބިދޭސީންނާ ދިމާލަށް "ކަލޭމެންގެ ބޮޑުމީހާ [ރިޒް ކުންފުނީގެ ނައްޓު] ރަށު ގޮސްފިއޭ. މިހާރު މިރަށުގައި ކަލޭމެންގެ އެއްވެސް ބާރެއް ނެތޭ. ދެން ކަލޭމެން މުސާރަނުދީ ޑީޕޯޓުކޮށް ރަށަށް ފޮނުވާލާނަމޭ" ބުނިކަމަށް ވެސް ބިދޭސީ މީހާ ވަނީ ބުނެފައެވެ.
އަދި އެ އިންޒާރާއެކު ގޭންގު ބަޔަކު އެ ރަށަށް އަރަން މަސައްކަތް ކުރި ކަމަށާއި، ބިދޭސީންގެ އަމިއްލަ ސަލާމަތަށްޓަކައި އެކަން ހުއްޓުވަން މަސައްކަތްކުރުމުން، އެމީހުންނަށް ރަށަށް ނޭރުނު ކަމަށް ބުނެފައިވެއެވެ.
އަދި އޭގެ ފަހުން އަނެއްކާވެސް ރޭގަނޑު ބަޔަކު އެރަށަށް އަރަން މަސައްކަތް ކުރާތަން ފެނުމުން، އެއީ ކުރިން ވެސް ރަށަށް އަރައި ތޫނު ހަތިޔާރާއެކު މާރާމާރީ ހިންގަން އައި ގޭންގު މީހުން ކަމަށް ހީކުރެވި އަމިއްލަ ސަލާމަތަށްޓަކައި އަނެއްކާވެސް އެކަން ހުއްޓުވަން މަސައްކަތްކޮށްފައިިވާ ކަމަށެވެ.
"ނަމަވެސް ފަހުންް އެނގުނު ގޮތުގައި ދެވަނަ ފަހަރަށް ރަށަށް އަރަން މަސައްކަތް ކޮށްފައި ވަނީ ފުލުހުން ކަން އެނގުނެވެ. އޭގެ ފަހުން ރަށަށް އެރުމަށް ފުލުހުންނަށް އެއްވެސް ހުރަހެއް އަޅާފައި ނުވާނެ ކަމަށެވެ."
ފުލުހުން އެރަށަށް އަރައި ހަމަނުޖެހުން ހިންގުމުގައި ބައިވެރިވި 19 ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އެމީހުންގެ ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ވެސް މި ހުރިހާ ވާހަކައެއް ހަމަ މިގޮތަށް ކިޔާދީފައި ވާނެ ކަމަށާއި އެހެން ނަމަވެސް ތަރުޖަމާނަކު ހަމަޖައްސައި ނުދީ ލިޔުންތަކެއްފައި ސޮއިކުރުވި ކަމަށް ބިދޭސީ މީހާ ބުނިކަމަށް ވަކީލާ ވިދާޅުވިއެވެ.
އެހެންކަމުން އެ މައްސަލަ މިހާރު ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހަޅަން ނިންމައިފައެވެ.
މިގޮތަށް މި މައްސަލަ ހިނގާފައި ވާއިރު، ހާދިސާ އެހެން ގޮތަކަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވުމާއި ރަށުގައި ބިދޭސީންނަށް ބިރުދައްކާ އޭގެ ފަހުން މާރާމާރީ ހިންގަމް މަސައްކަތް ކުރި ސީލް ކުންފުނީގެ މުހައްމަދު އިދުރީސް ހައްޔަރުނުކޮށް ހެކިތަކަށް ނުފޫޒު ފޯރުވަން ދޫކޮށްލާފައި ހުރުމުން ވެސް ބިދޭސީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ވަކީލާ ނަޝްއާ ވެސް ވަނީ މައްސަލައިގައި ކަން ހިނގާފައިވާ ގޮތުން ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އަދި ބިދޭސީންތަކަކަށް ބިރުދައްކައި، 200 އެއްހާ ބިދޭސީންގެ ފުރާނައަށް ނުރައްކާވާ ގޮތަކަށް ސީލް މޯލްޑިވްސްގެ މުވައްޒަފަކު އަމަލުކޮށްފައި ވާއިރު، އޭނާއާ މެދު ފިޔަވަޅެއް އަޅާފައި ނުވާތީ، އެކަން ވަނީ ކުށްވެރިކުރައްވައިފައެވެ.
އަދި މައްސަލައިގައި ފުލުހުން އަމަލުކޮށްފައިިވާ ގޮތް ބެލުމަށް ހިއުމަަން ރައިޓްސް ކޮމިޝަން އަށާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ވެސް ވަކީލާ ވަނީ ނިންމަވައިފައެވެ.
ނަޝްއާ ވަނީ މި މައްސަލަ ބ. އަތޮޅު ޖުޑީޝަލް ދާއިރާގައި އިންސާފުން ކުރިއަށް ގޮސްދާނެ ކަމާމެދު ސުވާލުއުފައްދަވައިފައެވެ. އޭނާ ވިދާޅުވީ ސީލް މޯލްޑިވްސް ކުންފުނީގެ ހިއްސާދާރުންނަކީ ބ. އަތޮޅަށް ނިސްބަތްވާ ވިޔަފާރިވެރިން ކަމަށް ވެފައި، ބިރުދައްކާ ހަމަނުޖެހުން ހިންގާނެ ކަމަށް މީގެކުރީގައި ވެސް ރިޕޯޓުކޮށްފައިިވާއިރު، ބ. އަތޮޅު ޕޮލިސް ސްޓޭޝަންގެ ފަރާތުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ.
ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުންދާ މީހުންގެ ހަތަރު މަސް ދުވަހުގެ މުސާރަ ކޮވިޑް19 އާ ގުޅިގެން ނުދެވި ވާ ކަމަށް އެތަނުގައި މަސައްކަތް ކުރަމުންދާ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު، މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވަނީ އެއްބަސްވެވަޑައިިގެންފައެވެ.
ރިޒް މޯލްޑިވްސް އިން ބުނީ މުވައްޒަފުންނަށް މުސާރަ ނުދެވި ވަނީ ޑިވެލޮޕަރު ސީލް މޯލްޑިވްސް އާއެކު ވެފައިވާ އެއްބަސްވުމުގައި ބުނާގޮތަށް އެކުންފުންޏަށް ލިބެންޖެހޭ ފައިސާ ލިބިފައި ނުވާތީ ކަމަށެވެ.
ރިޒް ކުންފުނިން ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށް ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީއާއި ފައިސާ ނުދައްކާ މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.