ޓްރީ ޓޮޕްގައި ރައްކާތެރިކަން ޔަގީންކުރަން ޕީސީއާރު އަދި ސެރަމް ޓެސްޓިން

ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓްރީ ޓޮޕް ހޮސްޕިޓަލަށް ހިދުމަތް ހޯދަން ޕޭޝަންޓުންނާއި އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ރައްކާތެރިކަމަށް ޕީސީއާރު އަދި ރެންޑަމް ސެރަމް ޓެސްޓިން ހަދަމުން ގެންދާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ޓްރީ ޓޮޕް، އެ ބައްޔަށް ހާއްސަކޮށް ފެސިލިޓީއަކަށް ބަދަލުކުރުމަށްފަހު މި މަހުގެ އެއްވަނަ ދުވަހުގައި އެ ހޮސްޕިޓަލު ވަނީ އާންމު ހާލަތަށް ގެނެސް ކުރިން ދެމުންދާ ހިދުމަތްތައް ދޭން ފަށާފައެވެ. އެއާއެކު މުވައްޒަފުންނާއި އެތަނަށް ދާ ފަރާތްތަކުގެ ރައްކާތެރިކަމަށް ތަފާތު ގިނަ މަސައްކަތްތަކެއް ދަނީ އެތަނުން ކުރަމުންނެވެ.

އެގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުން އިން ޕޭޝަންޓް ހިދުމަތް ހޯދުމަށް ދާ ހުރިހާ ފަރާތްތަކުން ހޮސްޕިޓަލުގައި އެޑްމިޓް ކުރުމުގެ ކުރީން ޕީސީއާރު ޓެސްޓް ހަދާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އަދި ހޮސްޕިޓަލުގެ މުވައްޒަފުންގެ ރެންޑަމް ސެރަމް ޓެސްޓް ހަދަމުން ގެންދާ ކަމަށްވެސް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެފައިވެއެވެ.

އެ ހޮސްޕިޓަލުން ބުނެފައިވަނީ އެތަނަށް ދާ މީހުންނާއި އެތަނުގެ މުވައްޒަފުންގެ ރައްކާތެރިކަމާއި ސަލާމަތަށް އަޅަމުންދާ ފިޔަވަޅުތަކަކީ ބައިނަލްއަގުވާމީ ސަލާމަތީ މިންގަނޑުތަކުގެތެރޭގައި ހިމެނޭ ފިޔަވަޅުތައް ކަމަށެވެ. އޭގެތެރޭގައި

  • ޓްރީ ޓޮޕް ހޮސްޕިޓަލުން ރައްކާތެރިކަމަށްޓަކައި ޑީކޮންޓެމިނޭޝަން އަދި ޕްރިވެންޓޭޓިވް ކްލީނިން މަސައްކަތްތައް ކުރިއަށްގެންދިޔުން
  • ހޮސްޕިޓަލަށް ވަނުމުގެ ކުރިން ސްކްރީން ކުރެވި، ޓެންޕަރޭޗާ ބަލައި، ދަތުރުކޮށްފައިވޭތޯ ބަލައި އަދި އިތުރު މައުލޫމާތު ސަފުކުރާނެ
  • ހޮސްޕިޓަލަށްދާ ހުރިހާ މީހުންގެ ސަލާމަތައްޓަކައި ހޮސްޕިޓަލުން ފޯރުކޮށްދޭ ސާޖިކަލް މާސްކް ބޭނުންކުރުމަށް ހަމަޖެއްސުން
  • ހޮސްޕިޓަލް ހުއްޓުމެއްނެތި ޑިސްއިންފެކްޓްކޮށް ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުން
  • ގައިދުރުކުރުން ހިޔާރުކުރުމާއި އަދި ހުރިހާ ކައުންޓަރެއްގައި "ޕްލެކްސީ ގްލާސް" ސްކްރީން ހަރުކުރުން
comment ކޮމެންޓް