އެމްޑީޕީ މެމްބަރުން ވިދާޅުވަނީ އޭސީސީ ފެއިލްވެއްޖެ ކަމަށް، އޮޑިޓެއް ހަދަނީ

ރައްޔިތުންގެ މަޖިލީހުގައި ބަޖެޓު ދިރާސާކުރާ ކޮމިޓީގައި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާ ވާހަކަދައްކަވަނީ -- ފޮޓޯ/ މަޖިލިސް

އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބަލާ މައްސަލަތުކުގެ ވާނުވާއެއް ނޭނގޭތީ، މައްސަލަތައް ގޮސްފައިވާ ހިސާބު ބެލުމަށް އެ ކޮމިޝަންގެ އޮޑިޓެއް ހެދުމަށް، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީން ނިންމައިފި އެވެ.

މިނިވަން މުއްސާސާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެޖެންޑާ ކޮށްފައިވާ މައްސަލައަކީ، އޭސީސީން ތަހުގީގު ކުރަމުންދާ މައްސަލަތަކާ ގުޅޭގޮތުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ހުށަހަޅައިފައިވާ ސިޓީގެ މައްސަލައެވެ.

ހަސަން ލަތީފު ހުށަހަޅުއްވާފައިވާ ސިޓީގައި ބުނެފައިވަނީ، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި އެމްޑީޕީންވީ އެންމެ އެއް ބޮޑު ވައުދަކީ، ކުރީ ސަރުކާރުން ހިންގި ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތައް ބަލާނެކަމުގެ ވައުދު ކަމަށެވެ. އެެގޮތުން އޭސީސީގައި ހުރި ކޮރަޕްޝަންގެ މައްސަލަތައް ގޮސްފައިވާ ހިސާބު މަޖިލީހުން ބަލައި، އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައިދިނުމަށް ސިޓީގައި ހަސަން ލަތީފު ވަނީ އެދިވަޑައިގެންފައެވެ.

އެމައްސަލައަށް ކޮމިޓީގައި ވާހަކަ ދައްކަވަމުން ކޮމިޓީގެ މެމްބަރުން ވަނީ، އޭސީސީންގެ މަސައްކަތްތައް ކުރިއަށް ނުދާކަމަށް ބުނެ، އޭސީސީގެ މެމްބަރުންނަށްް ނުރުހުންފާޅުކޮށް ވާހަކަ ދައްކަވާފައެވެ.

މިނިވަން މުއައްސަސާ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން: މެމްބަރުން ވަނީ އޭސީސީއަށް ނުރުހުންފާޅުކޮށް ވާހަކަ ދައްކަވާފައި --- ފޮޓޯ/ މަޖިލިސް

ބިލެއްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވީ، އާ މަޖިލީހުން އޭސީސީއަށް ލީ މެމްބަރުން ވަރަށް ބޮޑަށް ފެއިލްވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، އޭސީސީން ބަލާފައިވަނީވެސް ޖިނާއީ މައްސަލަތަކަށްވުރެ އިދާރީ މައްސަލަތައް ކަމަށެވެ.

"2019 ވަނަ އަހަރު އެ ކޮމިޝަނުން 710 މައްސަލައެއް ނިންމާފައިވޭ. އޭގެ ތެރެއިން 707 މައްސަލަ ނިންމާފައިވަނީ، އެކަށީގެންވާ ހެކި ގަރީނާ ނުލިބޭތީ، ކޮރަޕްޝަންގެ އަމަލެއް ނުހިނެމޭ ކަމަށް ބުނެ. ދައުވާ ކުރަން ޕީޖީއަށް ހުށަހެޅީ، ތިން މައްސަލައެއް. 2020 ވަނަ އަހަރު ޖިނާއީ ދައުވާކުރަން ޕީޖީއާއެކު މަޝްވަރާ ކުރި އިރު، ދައުވާ ކުރަން ހުށަހެޅީ އެންމެ މައްސަލައެއް،" ތަފާސް ހިސާބުތަކަށް ބަލާއިރުވެސް އޭސީސީ ފެއިލްވެފައިވާކަން ފެންނަކަމަށް މެމްބަރު ވިދާޅުވިއެވެ.

މެމްބަރު ހަލީމް ވިދާޅުވީ، އޭސީސީން ބަލާ މައްސަލަތަކުގެ ތަފްސީލު ހޯދުމަށް ޕީޖީން އެދުމުން އެ މައުލޫމާތުވެސް އެ ކޮމިޝަނުން ހިއްސާކޮށްފައި ނުވާ ކަމަށެވެ.

"މި އަޅުގަނޑުމެން ސަރުކާރުން އަލަށް ލީ ހުރިހާ މެމްބަރުން ފެއިލްވެއްޖެ. އެމްއެމްޕީއާރުސީގެ މައްސަލައާއި އޭސީސީން ތަހުގީގު ކުރާ މައްސަލަތަކުގެ ލިސްޓެއް ހަދާފައި ފޮނުވަން [ޕީޖީއިން] އެދުމުން އޭސީސީން ލިޔުމުން ބުނެފައި އެބައޮތް ނުދޭނަމޭ، އެކަން ނުކުރާނަމޭ،" ބިލެއްދޫ ދާއިރާގެ މެމްބަރު ވިދާޅުވިއެވެ.

ހަލީމް ދެއްކި ވާހަކަތައްކަށް ތާއީދު ކުރައްވަމުން، އިނގުރައިދޫ މެމްބަރު ހަސަން އަހްމަދު (ހަސަންޓޭ) ވިދާޅުވީ، ޕީޖީގެ އެންގުމަށް އަމަލު ނުކުރުމުން އޭސީސީ ގާނޫނު އަސާސީއާ ހިލާފުވެފައިވާ ކަމަށެވެ.

"އޭސީސީން އެ ވަނީ ގާނޫނު އަސާސީއާ ހިލާފުވެފައި. އެއީ ޕީޖީ އަންގާ އެންގުންތަކަށް ތަބާނުވެ އެއޮތީ. އެއީ ގާނޫނު އަސާސީއާ އޭސީސީ މެމްބަރުން ހިލާފުވުން،" ހަސަންޓޭ ވިދާޅުވިއެވެ.

ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން: ކޮމިޓީން ވަނީ އޭސީސީގެ އޮޑިޓެއް ހެދުމަށް ފާސްކޮށްފައި --- ފޮޓޯ/ މަޖިލިސް

ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމު ވިދާޅުވީ، ރައްޔިތުންގެ އެތަށް ކަންބޮޑުވުންތައް ހުރި މައްސަލަތައް އޭސީސީގައި ގޮސްފައިވާ ހިސާބު ސާފު ނުވާ ކަމަށެވެ. އަދި އެ މައްސަލަތައް ގޮސްފައިވާ ހިސާބު ސާފުވުމަކީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން އޭސީސީއާއެކު ކޮމިޓީން ބޭއްވި ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް ޝިއުނާ ދެއްވި ޖަވާބަކަށްވެސް އޭނާ ނުރުހުން ފާޅުކޮށް ވާހަކަ ދެއްކެވިއެވެ. ޝިއުނާ ވިދާޅުވެފައި ވަނީ، އޭސީސީން މައްސަލަ ބަލަނީ ކުރީ ސަރުކާރުން ހިނގާފައިވާ މައްސަލައެއްތޯ ނުވަތަ މިހާރު ހިނގާފައިވާ މައްސަލައެއްތޯ ބަލައިގެން ނޫން ކަމަށެވެ.

"އޭސީސީގެ ރައީސަކަށްވެސް އެ ޒާތަށް އަޅުގަނޑުމެންނަށް ޖަވާބުދާރީ ވާންޖެހޭނެ ކަމަށް އަދި ވެވޭނެ ކަމަށް ނުދެކެން. އަޅުގަނޑުމެން މިއުޅޭނީ އަޅުގަނޑުމެންގެ އަމިއްލަ މަސްލަހަތުގެ ވާޙަކައެއް ނޫން މި ދައްކަނީ،" ވިސާމް ވިދާޅުވިއެވެ.

ކޮމިޓީގެ ބައެއް މެމްބަރުން ވަނީ އޭސީސީގެ މެމްބަރުން ހާޒިރުކޮށް ސުވާލުކުރުމަށްވެސް މަޝްވަރާ ކުރައްވާފައެވެ. ނަމަވެސް މިވަގުތަށް އެކަން ކުރެއްވުމަށް ބައެއް މެމްބަރުންގެ ތާއީދު ނުލިބުނެވެ.

ކޮމިޓީގައި ފާސްވެގެން ދިޔައީ، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުށަހެޅުއްވި ގޮތަށް، އޮޑިޓާ ޖެނެރަލް މެދުވެރިކޮށް އޮޑިޓެއް ހެދުމަށެވެ. އެއީ ހަސަން ލަތީފުގެ ސިޓީގައިވެސް އެދިވަޑައިގެންފައިވާ ގޮތެވެ. ކޮމިޓީން ނިންމީ، އޮޑިޓެއް ހެދުމަށްފަހު، އެކަމާ ގުޅޭ ގޮތުން އިތުރު ގޮތްތައް ނިންމުމަށެވެ.

comment ކޮމެންޓް