ތިލަފުށީގެ ބަދަލުގައި ގުޅީފަޅަށް މާލޭ ވިޔަފާރި ބަނދަރު ބަދަލުކުރަން ނިންމީ ބަނދަރުގައި ކުރާ ހުރިހާ މަސައްކަތެއް އެތަނަށް ބަދަލުކޮށް މާލެއަށް ބޮޑު ބަދަލެއް ގެންނަ ގޮތަށް ރާވައިގެން ކަމަށް ހައުސިން އަދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
މާލޭގެ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމަށްޓަކައި ތިލަފުށީގައި ބަނދަރު ހަދަން ކުރީގެ ސަރުކާރުން އޮތީ ރާވާފަ އެވެ. ނަމަވެސް ތިލަފުށީގެ ބަދަލުގައި ގުޅީފަޅުގައި ބަނދަރު ހަދާގޮތަށް ނިންމީ އެއީ ތިމާވެށީގެ ގޮތުން ބަލާއިރު ވެސް އެންމެ ރައްކާތެރި ގޮތަށް ވުމުން ކަމަށް މި ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ ތިލަފުށީގައި ބަނދަރު ނޭޅި ނަމަވެސް، އެތަނުގައި ކުރަން އެކަށީގެންވާ ސިނާއީ ބައެއް މަސައްކަތްތައް ހުންނާނެ ކަމަށާއި އެ ރަށް އެހެން ގޮތަކަށް ބޭނުން ކުރެވޭނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މާލޭގެ ބަނދަރު ގުޅީފަޅަށް ބަދަލުކުރަނީ ހަމައެކަނި ބޯޓުފަހަރު ކައިރިކުރާ މަގަތު ފާލަމެއްގެ ގޮތުގައި ބޭނުންކުރަން ނޫން ކަމަށެވެ.
"ބަނދަރާއެކީގައި ބަނދަރުގެ ވަށައިގެން ހިނގާ ހުރިހާ ކަމެއް، އެއީ ނޯތު ހާބަރުގައި މިހާރު ހިނގާ ހުރިހާ ހަރަކާތްތަކެއް ގުޅީފަޅަށް ބަދަލުކުރަނީ. ގުޅީފަޅުގެ އިނާ ލެގޫން އެއީ ނޯތު ހާބަރުގެ މިހާރު އެ ހިނގާ ހާބަރުގެ ގޮތުގައި ފަންގްޝަން ކުރަމުންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
"ތިލަފުށްޓަކީ ބައެއް ކަހަލަ މަސައްކަތްތައް ކުރަން އިންކޮމްޕެޓިބަލް ތަނެއް. ވެލި، ސިމެންތި އެކަންޏެއް ނޫން ބަނދަރަކަށް އަންނާނީ، އަދި ރަށްރަށަށް މާލެއިން ޑިސްޓްރިބިއުޓް ވެގެންދާނީ ވެސް މިދެންނެވި ތަކެތި އެކަންޏެއް ނޫން. ކާބޯތަކެތި ވެސް ގެނެސް ގެންގޮސް ހަދަނީ ނޯތް ހާބަރު ސަރަހައްދުން. ތިލަފުށްޓަކީ އެކަމަށް ކޮމްޕެޓިބަލް ތަނެއް ނޫން،"
މިނިސްޓަރު އަސްލަމް ވިދާޅުވީ ތިލަފުށީގައި ސިމެންތި އަދި ގޭސް ގުދަން ކުރުން ފަދަ މިހާރު ވެސް ކުރަމުން އަންނަ ބައެއް މަސައްކަތްތައް ކުރެވޭނެ ކަމަށެވެ.
ގުޅީފަޅަށް ބަނދަރު ބަދަލު ކުރެވުމުން އެތަނުގައި މަސައްކަތްތަކެއް ރޭވޭނޭ ގޮތުގެ ތަފްސީލު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ނޯތު ހާބަރުން އަތޮޅުތަކަށް ކުރަމުންދާ ޑިސްޓްރިބިއުޝަން މަސައްކަތްތަކާއި ހޯލްސޭލް ފިހާރަތައް ވެސް ކުރިއަށް އޮތް ތަނުގައި ގުޅީފަޅަށް ބަދަލު ކުރާނެ ކަމަށެވެ.
"މިއީ މާލެއަށް އަންނާނެ ބޮޑު ބަދަލެއް. މިއާއެކީގައި މާލެ ނޯތު ހާބަރު ސަރަހައްދުގައި ހުރި ހުރިހާ ފަންކްޝަނެއް ގުޅީފަޅަށް ބަދަލުވެގެންދާނެ. ނޯތު ހާބަރު ސަރަހައްދު އަލުން ރީޕްލޭން ކުރެވި، އެހެން ބޭނުމަކަށް އެ ސަރަހައްދު ބޭނުންކުރުމުގެ ވިސްނުމުގައި ސަރުކާރުން މަސައްކަތް ކުރަމުންދަނީ." މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން ރެޒިޑެންޝަލް އިމާރާތްތައް އެޅުމަށް ވެސް ގުޅީފަޅުގައި ވަކި ސަރަހައްދެއްގެ ބިން ކަނޑައަޅާފައިވާނެ ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.
"ގުޅީފަޅުގައި 187 ހެކްޓަރުގެ ބިން ހިއްކޭއިރު، އޭގެ ތެރެއިން ބޮޑުބައި އޮންނާނީ ޕޯޓު އަދި ޕޯޓާ ގުޅިގެން ހިނގާ މަސައްކަތްތަކަށް. ނަމަވެސް މަޖިލީހުން ވެސް ނިންމި ގޮތަށް 15 ޕަސެންޓު ބިން ރެޒިޑެންޝަލް ލޭންޑުގެ ގޮތުގައި ކަނޑައަޅާނަން... މިހާރު އަންދާޒާއަކީ ކޮންޓްރޯލްޑް ޕްލޭންޑް ޑިވެލޮޕްމަންޓަކަށް 1200 ޕްލޮޓު އެތަނުން ނެގޭނެ." މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.
ގުޅިފަޅުގައި ބަނދަރު ހެދުމުގެ މަސައްކަތް ކުރަން ބިން ހިއްކަން ހަވާލުކޮށްފައިވަނީ ނެދެލެންޑްސްގެ ކުންފުންޏަކަށެވެ.