އުއްތުރަ ޕްރަދޭޝްގައި އިންޑިއާ ފުލުހުންގެ 8 މީހުން މަރާލައިފި

އިންޑިއާގެ ފުލުހުން

ނިއުދިއްލީ (ޖުލައި 3) : އިންޑިއާގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ އުއްތުރަ ޕްރަދޭޝްގެ އުތުރުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންގެ ޕެޓްރޯލަކަށް ޙަމަލާދީ ފުލުހުންގެ 8 މީހުން މަރާލައިފިއެވެ.

އުއްތުރަ ޕްރަދޭޝްގެ ލޯކަލް ސަރުކާރުންބުނިގޮތުގައި ފުލުހުންގެ ޕެޓްރޯލަށް ބަޑިންނާއި އަތުބޮމުން ހަމަލާދިނީ ގޭންގެ ލީޑަރަކު ހައްޔަރު ކުރުމަށް ރޭގައި ހިންގި އޮޕަރޭޝަނެއްގައި ފުލުހުން ހަރަކާތްތެރިވަމުން ދަނިކޮށެވެ. ފުލުހުންނަށް ދިން ހަމަލާތަކާއެކު ގޭންގްލީޑަރު ހައްޔަރު ކުރުމުގެ އޮޕަރޭޝަންވަނީ ނާކާމިޔާބުވެފައެވެ.

އިންޑިއާގެ ނޫސްތައް ބުނާގޮތުން އުއްތުރަ ޕްރަދޭޝްގެ ފުލުހުންގެ ޕެޓްރޯލް މަސައްކަތްކުރަމުން ދިޔައީ ވިކާޝް ދޫބައި ނަމަކަށް ކިޔާ ގޭންގް ލީޑަރަކު ހައްޔަރު ކުރުމަށެވެ. ވިކާޝްއަކީ މަސްތުވާތަކެތީގެ ވިޔަފާރިއާއި އެނޫންވެސް ބޮޑެތި ކުށްތައްކުރާ ގޭންގެއް ގެންގުޅޭ މީހެއްކަމުގައެވެ.

އޭނާ އިސްވެހުރެ އެ ގޭންގުން ކުރިޔަށް ގެންދާ ޖަރީމާތަކުގެ ތެރޭގައި މީހުން މެރުމާއި މަގުފޭރުމާއި އަންހެނުންގެ އިއްފަތްތެރިކަމަށް އަރައިގަތުމާއި ވަގުވިޔަފާރި ކުރުން ހިމެނެއެވެ. ވިކާޝްގެ މިފަދަ ޖަރީމާތަކާގުޅޭ 60 މައްސަލައެއް ފުލުހުން ތަހްގީގް ކުރަމުން ގެންދާކަމަށް ފުލުހުންނާ ހަވަލާދީ އިންޑިއާގެ މީޑިއާ ޚަބަރު ދެއެވެ.

ވިކާޝް ހައްޔަރު ކުރަން މަސައްކަތްކުރި ފުލުހުންގެ ޕެޓްރޯލަށް ހަމަލާދިން ބަޔަކު ހައްޔަރު ނުކުރެވުނީ އެހާދިސާ ހިނގީ ރޭގަނޑުގައި ކަމަށްވެފައި އަނދިރީގެ ތެރޭގައި ހަމަލާދިން މީހުންނަށް ފަސޭހައިން ފިލާނެ ފުރުސަތު ލިބުމުންކަމަށްވެއެވެ.

2001 ވަނަ އަހަރު އުއްތުރަ ޕްރަދޭޝްގައި މަރާލި ސިޔާސީ ދެމީހުންގެ މަރުގެ ފަހަތުގައިވާ ކަމަށްވެސް ޝައްކުކުރެވޭ ފަރާތަކީ ވިކާޝް އެވެ. އެދެމީހުންގެ ތެރެއިން އެކަކީ އެސްޓޭޓްގެ ލޯކަލް ސަރުކާރުގެ އެދުވަސްވަރުގެ ވަޒީރެކެވެ. އަނެއް މީހާއަކީ ސިޔާސީ ޕާޓީ އެއްގެ ވެރިއެކެވެ.

ފުލުހުންގެ ޕެޓްރޯލަށް ހަމަލާދިން ސަރަހައްދުގެ އާންމުން ބުނާގޮތުން އެސަރަހައްދުގެ އިމާރާތްތަކެއްގެ މަތީގައި ތިބި ހަތިޔާރުއެޅި ބަޔަކުވެސް ފުލުހުން ޕެޓްރޯލަށް ބަޑިން ހަމަލާ ދިނެވެ. ހަމަލާދީފައިވަނީ އޮޓަމެޓިކް ހަތިޔާރުންކަމަށް އުއްތުރަ ޕްރަދޭޝްގެ ފުލުހުންގެ ވެރިޔާ އެޗް.ސީ އޮވާތީ ވިދާޅުވިއެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު