ޕެރިސް (ޖުލައި 3) : ފަރަންސޭސިވިލާތުގެ ބޮޑުވަޒީރު އެޑްއާޑް ފިލިއްޕެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ފަރަންސޭސި ރިޔާސީ ގަނޑުވަރު އެލިޒޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބޮޑުވަޒީރު އެޑްއާޑް ފިލިއްޕެ މިއަދު މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށާ ރައީސް އެންމަނުއެލް މެކްރޯން އޭނާގެ އިސްތިއުފާ ގަބޫލުކުރައްވާފައިވާ ކަމުގަ އެވެ. އަދި އައު ބޭފުޅަކު ބޮޑުވަޒީރުކަމަށް އައްޔަން ކުރެވެން ދެން ބޮޑުވަޒީރުކަމުގެ ގާއިމް މަގާމުގައި ފިލިއްޕެ ދެމި ހުންނަވާނެކަމަށްވެސް އެ ބަޔާން ބުނެ އެވެ.
ރައީސް މެކްރޯންގެ ޕާޓީ ކަމަށްވާ "ލަރިޕަބްލިކޭ އެންމާކޭ" ނިސްބަތްވެ ވަޑައިގަންނަވާ ފިލިއްޕެ މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ ފަރަންސޭސިވިލާތުގައި ދާދިފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި އެ ޕާޓީއަށް ބޮޑު ނާކާމިޔާބީ އެއް ކުރިމަތިވެފައިވަނިކޮށެވެ.
މި ނާކާމިޔާބާއެކު މެކްރޯންވަނީ 2022 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާ ދެން ދާނީ އައުމަގަކުން ކަމަށް ވިދާޅުވެ އެކަމަށްޓަކައި ސަރުކާރު ހިންގުމަށް އައު ޓީމެއް އެކުލަވާލައްވާނެ ކަން ދާދިފަހުން ބަޔާން ކުރައްވާފައެވެ. މެކްރޯންގެ ޒައާމަތުގައި ފަރަންސޭސިވިލާތަށް ބޮޑެތި މައްސަލަތަކަކާއި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު އެއިން އެއްވެސް ކަމެއް އޭނާއަށް ހައްލު ކުރެވިފައެއް ނުވެއެވެ. މިއާއެކު ފަރަންސޭސިވިލާތްވަނީ އިޖްތިމާއީ ހަމަނުޖެހުންތަކަކަށް މިސްރާބު ޖަހަފައެވެ.
މެކްރޯންގެ ޒައާމަތަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކުގެ ތެރޭގައި އިޖްތިމާއީ އަދާލަތަށް ގޮވާލައި މިދިޔަ އަހަރުން ފެށިގެން ޔެލޯވެސްޓް ޖަމާއަތުން ކުރަމުން ގެންދާ ސިލްސިލާ މުޒާހަރާތަކާއި މަސައްކަތްތެރިންގެ ހައްގުތަކަށް ގޮވާލައި ލޭބާ ޔުނިޔަންތަކުން ކުރަމުން ގެންދާ މުޒާހަރާތައް ހިމެނެއެވެ.
މީގެއިތުރުން ކޮވިޑް-19 ގެ ސަބަބުން ފަރަންސޭސި އިގްތިސާދަށްވެސްވަނީ ފާއިތުވި ބައިގަރުނުގެ ތެރޭގައި ނާންނަ ވަރުގެ ބޮޑު ހީނަރުކަމެއް އައިސްފައެވެ. (ނޫސްއެޖެންސީތައް)