ޖޫން މަހުގެ ކަރަންޓު ބިލުވެސް ސަބްސިޑައިޒްކޮށް 40 ޕަސެންޓު ކަނޑާލަން ނިންމައިފި

ސްޓެލްކޯ--- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

ޖޫން މަހުގެ ކަރަންޓު ބިލުވެސް ސަބްސިޑައިޒްކޮށް، ބިލުން 40 ޕަސަންޓު ކަނޑާލަން ނިންމާފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ސްޓެލްކޯއިން ބުނެފިއެވެ.

މިއަދު މީޑިއާތަކާ ބައްދަލުކޮށް، ޖޫން މަހުގެ ބިލުންވެސް 40 ކަނޑާލަން ނިންމާފައިވާ ކަމަށް ސްޓެލްކޯއިން ބުނެފައިވާއިރު، ޖޫން މަހުގެ ކަރަންޓު ބިލު އާދައާ ހިލާފަށް ބޮޑުވެފައިވާ ކަމުގެ ޝަކުވާ ގިނަ އަދަދެއްގެ އާންމުން ދަނީ ކުރަމުންނެވެ.

ސްޓެލްކޯގައި މިހާރު ކުރިއަށްދާ ބައްދަލުވުމެއްގައި މީޑިއާއަށް މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ ޖޫން މަހުގެ ކަރަންޓު ބިލުތައް ސަބްސިޑީ ހިމަނައިގެން އިސްލާހުކުރުމަށްފަހު އަނެއްކާވެސް ފޮނުވާނެ ކަމަށެވެ.

މުޣުނީ ވިދާޅުވީ މާޗު، އޭޕްރީލް، މެއި އަދި ޖޫން މަހަކީ ކޮވިޑާ ގުޅިގެން އާންމު ދިރިއުޅުމަށް ބަދަލުތަކެއް އައި ހަތަރު މަސް ކަމަށެވެ. އަދި ބަލިމަޑުކަމާ ގުޅިގެން ރައްޔިތުންނަށް ދިމާވި ދަތިތަކާހުރެ، ކަރަންޓު ބިލު ދައްކަން ދަތިވާ ރައްޔިތުންނަށް ބަހާލައިގެން ބިލު ދެއްކޭނެ ގޮތްތައްވެސް ހަމަޖެހިފައިވާނެ ކަމަކަމަށެވެ.

"މާޗް އެޕްރީލް، މެއި ޖޫން މި ހަތަރު މަހުގެ ބިލުގެ ތެރެއިން ބިލެއް ނުދެއްކިވާނަމަ ނޫނީ، ބިލު ދައްކަން ދަތިވާ ފަރާތްތަކަށް އަޅުގަނޑުމެންގެ ކުންފުންޏަށް ފޯމެއް ފުރާފައި ލީމާ އެކަން ހަމަޖެހޭނެ،" އެމްޑީ ވިދާޅުވިއެވެ.

ޖޫން މަހުގެ ކަރަންޓު ބިލު ބޮޑުވި ސަބަބާ ގުޅޭގޮތުން ސްޓެލްކޯއިން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މުޢުނީ ވިދާޅުވީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ދެ ހަފްތާ އަށް ހުޅުވާލާ މި ފުރުސަތުގައި އެކަމަށް އެދޭ ފަރާތްތަކާއެކު ސްޓެލްކޯ އިން އެގްރިމެންޓެއް ހަދައި އިންސްޓޯލްމެންޓަށް ބިލު ދެއްކޭނެ އިންތިޒާމުތައް ހަމަޖައްސައިދޭނެ ކަމަށެވެ.

ޖޫންމަހުގެ ބިލުން ސަބްސިޑީ ދޭނީ ހަމައެކަނި ޑޮމެސްޓިކް ކަސްޓަމަރުންނަށެވެ. ނަމަވެސް ޑޮމެސްޓިކް އަދި ވިޔަފާރި ކަސްޓަމަރުންނަށްވެސް އިންސްޓޯލްމެންޓަށް ބަހާލައިގެން ބިލު ދެއްކުމުގެ އިންތިޒާމު ހަމަޖެހޭނެ ކަމަށް މުޣުނީ ވިދާޅުވިއެވެ.

ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު އަލީ މުޖުތަބާ މިއަދު ވަނީ ޖޫން މަހުގެެ ކަރަންޓު ބިލު ބޮޑުވާން ދިމާވި ސަބަބުތައް ހިއްސާކުރައްވައިފައެވެ.

ކޮވިޑްގެ ހާލަތާ ގުޅިގެން އޭޕްރީލް އަދި މެއިމަހުގެ ކަރަންޓު ބިލުން 40 ޕަސެންޓުގެ ޑިސްކައުންޓު ދިންކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ޖޫން މަހުގެ ބިލަކީ ޑިސްކައުންޓު ލިބުމަށްފަހު، ޑިސްކައުންޓު ނުލާ ފޮނުވި ފުރަތަމަ ބިލު ކަމަށެވެ. 40 ޕަސެންޓަކީ ވަރަށް ބޮޑު އަދަދެއް ކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ އެ 40 ޕަސެންޓުގެ ޑިސްކައުންޓު ނުހިމެނުމުން ކަރަންޓު ބިލު ބޮޑުކަމަށް ފާހަގަވެދާނެ ކަމަށެވެ.

މުޖުތަބާ ވިދާޅުވީ ކޮވިޑް19 އާއި ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރީ އޭޕްރީލްމަހުގެ ރީޑިން ނެގުމުގެ ކަންތައް ކުރިއަށްދަނިކޮށް ކަމަށާއި އެހާ ހިސާބުން ކަސްޓަމަރުންގެ މީޓަރު ރީޑިންގެ ފޮޓޯ ފޮނުވުމަށް އެދުނު ކަމަށެވެ.

"އޭޕްރީލްމަހުގެ ވަކި ހިސާބަކުން އަޅުގަނޑުމެން އިއުލާނު ކުރީ ފޮޓޯ ފޮނުވަން. އަޅުގަނޑުމެންވެސް ގަބޫލުކުރަން އެންމެ އެކިޔުރޭޓްކޮށް ބިލު ހެދޭނީ މީޓަރުގައި އިންނަ އެކްޗުއަލް ރީޑިން ނަގައިގެންކަން،"މުޖުތަބާ ވިދާޅުވިއެވެ.

މުޖުތަބާ ވިދާޅުވީ އަބަދުވެސް ރީޑިން ރަނގަޅުތޯ ބަލާ ކަމަށާއި ޝައްކުވާނަމަ ގޭގެއަށް ގޮސް ޗެކުވެސް ކުރާ ކަމަށެވެ.

"އެހެންވެ އަޅުގަނޑުމެން އިލްތިމާސްކުރީ ފޮޓޯ ނަގާފަ ފޮނުވަން. ފޮޓޯ ނެގީމާ އެންޓްރީކޮށްގެން ބިލު ހަދާކޮތަށް. އެހެންނަމަވެސް އެފަހަރުވެސް އެންމެ އެކަށީގެންވާ ވަރަށް ތަރުހީބެއް ނުލިބުން،" މުޖުތަބާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެގޮތަށް ރީޑިންގެ ފޮޓޯ ނުލިބޭ ތަންތަނުގެ ބިލު ހެދީ އެވްރެޖު ބިލެއް ކަމަށާއި އެގޮތުން އޭގެ ކުރީ ތިންމަހުގެ އެވްރެޖު ބަލައި، ބިލު ހެދި ކަމަށެވެ. އޭޕްރީލް މަހު 22 ޕަސެންޓް ކަސްޓަމަރުންގެ ރީޑިން ނުލިބޭކަން މުޖުތަބާ ފާހަގަ ކުރެއްވިއެވެ.

މެއިމަހުވެސް ފޮޓޯ ފޮނުވަން އެދުނު ކަމަށާއި، އެގޮތަށް އެދުނީ އެކިޔުރޭޓް ބިލު ފޮނުވުމުގެ ބޭނުމުގައި ކަމަށެވެ.

މެއި މަހުގެ 80 ޕަސެންޓު ކޮންސިޔުމަރުން ފޮޓޯ އެެއް ނުފޮނުވާ ކަމަށާއި އެ ފަރާތްތަކަށް ފޮނުވީ އޭގެ ކުރީ ތިންމަހުގެ އެވްރެޖު ބިލެއް ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

ޖޫން މަހުގެ ކަރަންޓު ބިލު ބޮޑުވި ސަބަބާ ގުޅޭގޮތުން ސްޓެލްކޯއިން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު މުޖުތަބާ ވިދާޅުވީ މި ދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރެއް ކަމަށާއި ބިލުގެ އެވްރެޖު އާންމުކޮށްވެސް މަތިވާނެ ކަމަށެވެ.

"އޭގެ އިތުރަށްް ރަމަޟާން މަސްވެސް މީގެ ތެރެއަށް އެބަވަދޭ. އޭގެ އިތުރަށް ގޭތެރޭގައި ގިނަވަގުތު ބޭފުޅުން ތިބޭކަމަށް ވަންޏާ، ކުރީގެ ކޮންސަމްޕްޝަން ޕެޓާންއާ އެއްގޮތަކަށް ނުވެއް ދާނެ. ސްކޫލަށް ކުދިންނެއް ނުދާނެ. އޮފީހަށް ބޭފުޅުންނެއް ނުދާނެ. ހަމަ 24 ގަޑިއިރު ގޭގައި މި ތިބެނީ. ގޭގައި ތިބެންޏާ، އޮފްކޯސް އަޅުގަނޑުމެންނަށް އެބަ ގަބޫލު ކުރެވޭ ގޭތެރޭގެ ކޮންސަމްޕްޝަން ޕެޓާންތަކަށް ބަދަލުތަކެއް އަންނާނެކަން،" މުޖުތަބާ ވިދާޅުވިއެވެ.

މުޖުތަބާ ވިދާޅުވީ އާންމުކޮށް މިދުވަސްވަރުގެ ބިލުތައް ބޮޑުވާތީ، ލޮކްޑައުންގެެ ކުރިންވެސް ސްޓެލްކޯ އިން އިސްނަގައިގެން އެނާޖީ ސޭވިން ކެމްޕެއިނެއް ކުރިއަށް ގެންދިޔަ ކަމަށެވެ.

ކޮވިޑް19 އާއި ގުޅިގެން ސަބްސިޑީ ދޭން ފެށުމުގެ ކުރީ މަސްތަކާއި އަޅާކިޔާއިރުވެސް ޖޫން މަހުގެ ކަރަންޓު ބިލު ދެގުނަ، ތިން ގުނަ އަދި ހަތަރު ގުނަވެސް ބޮޑުވެފައިވާކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.

ޖޫން މަހުގެ ކަރަންޓު ބިލު ބޮޑުވެފައިވާ ކަމުގެ ޝަކުވާތަކާއެކު، އެ މައްސަލައިގައި ސްޓެލްކޯ ޖަވާބުދާރީ ކުރުވުމަށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ވެސް ވަނީ ހުށަހަޅައިފައެވެ.

ސްޓެލްކޯގެ އިތުރުން ފެނަކަ ކޯޕަރޭޝަނުން ކަރަންޓު ހިދުމަތްދޭ ރަށްރަށުގައި ކަރަންޓު ބިލު ބޮޑުވި މައްސަލާގައި މޯލްޑިވްސް އެނާޖީ އޮތޯރިޓީ އިން ވަނީ ފެނަކަ އަދި ސްޓެލްކޯ އާ ބައްދަލު ކޮށްފައެވެ.

comment ކޮމެންޓް