ނަމާދުގެ ރަކުއަތާ ގުޅޭ ޓުވީޓެއް ނުކުރަން، މައްސަލަ ބަލަން ހުށަހަޅާނަން: މަޖިލިސް ރައީސް

އެމްޑީޕީން ބޭއްވި ޖަލްސާގެ ރައީސް ނަޝީދު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ނަމާދުގެ ރަކުއަތުގެ މަދުކުރުމާ ގުޅޭ ވާހަކަތަކެއް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކުރައްވާފައިވާ ކަމަށް ބުނެ ދެކެވެމުން އަންނަ ވާހަކަތައް އެމަނިކުފާނު ދޮގުކުރައްވައިފަ އެވެ.

މަޖިލީހުގެ ރައީސް އިއްޔެ ކުރެއްވި ޓުވީޓެއް ކަމަށް ބުނެ، ސޯޝަލް މީޑިއާގައި އަންނަނީ ސްކްރީންޝޮޓެއް ދައުރުވަމުންނެވެ.

އެމަނިކުފާނު ކުރެއްވި ޓުވީޓެއް ކަމަށް ބުނެ ދައުރުކުރަމުން އަންނަ ސްކްރީންޝޮޓްގައި ބުނެފައި ވަނީ "ބައެއް ނަމާދުތަކުގެ ރަކުއަތްތައް މަދުކޮށްލުމުން ވެސް ސަރުކާރުގެ ގަވާއިދުގެ ތެރެއިން ނަމާދު ކުރެވިދާނެ" ކަމަށެވެ.

އަދި "އެއްވެސް ނަމާދެއް ހަތް މިނެޓަށް ވުރެ ދިގު ނުވާނެހެން ކުރުން މިވަގުތު މުހިންމު،" ކަމަށެވެ.

އެ ސްކްރީންޝޮޓާ ގުޅިގެން ސޯޝަލް މީޑިއާގައި އަންނަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ. އަދި އެމަނިކުފާނާމެދު ނުރުހުންވެ، ގިނަ ބަޔަކު އަންނަނީ ވާހަކަ ދައްކަމުންނެވެ.

އެ ސްކްރީންޝޮޓް ޓުވީޓުކުރައްވައި މަޖިލިސް ރައީސް ވަނީ އެ ވާހަކަތައް ދޮގުކުރައްވައިފައެވެ. މަޖިލިސް ރައީސް ވިދާޅުވީ އެއީ އެމަނިކުފާނު ކުރައްވާފައިވާ ޓުވީޓެއް ނޫންކަމަށެވެ.

"މިކަން ބެލުމަށް ކަމާބެހޭ ފަރާތްތަކަށް މިއަދު ހުށަހަޅާނަން،" އެމަނިކުފާނު ވިދާޅުވި އެވެ.

ކީރިތި ރަސޫލާއާ މެދު އިހާނެތި ބަސް ބުނެފައިވާ ކަމުގެ ދޮގު އިލްޒާމ،ް ރ. އަނގޮޅިތީމް މީހަކު ރައީސް ނަޝީދުގެ އިސްތަށިފުޅުގައި އަޅުވާފައިވާތީ އެކަން ތަހުގީގްކޮށްދެއްވުމަށް ވެސް އެމަނިކުފާނު ވަނީ މީގެކުރިން ފުލުހަށް ހުށަހަޅުއްވައިފައެވެ.

ނަމަވެސް ފަހުން އެމަނިކުފާނު ވަނީ އެ މައްސަލަ ނުބެލުމަށް އެދިވަޑައިގެންފައެވެ.

comment ކޮމެންޓް