އެންއައިސީއިން ޕީޖީއަށް އެންމެ މައްސަލައެއް ވެސް ފޮނުވާފައެއް ނެތް: ހަސަން ލަތީފު

ފުލުހުންގެ ބިލަށް ހިޔާލު ހުށަހަޅަން ބޭއްވި ބައްދަލުވުމުގައި މެމްބަރު ހަސަން ލަތީފު-- ފޮޓޯ/މަޖިލިސް

ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އަށް ފުލުހުންނާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން މިހާތަނަށް އައިއިރު އެންމެ މައްސަލައެއް ވެސް ޕްރޮސެކިއުޓް ކުރަން އެ ކޮމިޝަނުން ފޮނުވާފައި ނުވާ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ ބިލަށް ހިޔާލު ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ބައްދަލުވުމުގައި ހަސަން ލަތީފް ވިދާޅުވީ ފުލުހުންގެ ބިލުން ހާސިލުކުރަން ބޭނުންވާ މައިގަނޑު އެއް މަގްސަދަކީ ފުލުހުން ޖަވާބުދާރީ ކުރެވޭނެ އަދި އެ ނިޒާމު ޖަވާބުދާރީ ކުރެވޭނެ ގޮތެއް ހޯދުން ކަމަށެވެ.

ފުލުހުންނާ ގުޅޭ މައްސަލަތައް ބަލަން އެކުލަވާފައިވާ އެންއައިސީގެ މަސައްކަތްތަކަށް ހަސަން ލަތީފު ވަނީ ފާޑުވިދާޅުވެފަ އެވެ. އެގޮތުން އެ ކޮމިޝަނުން މަސައްކަތެއް ކޮށްފައިވާ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރަން ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން މިހާތަނަށް އަޅުގަނޑުމެން އުންމީދުކުރި ގޮތާ ގާތަށް ވެސް މަސައްކަތް ކުރައްވާފައެއް ނެތް. މިއީ ތަފާސްހިސާބުތަކުން ފެންނަން ހުރި ކަންކަން... ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އުފެދިގެން މިއަދާ ހަމައަށް އައިއިރު ދައުވާ ކުރަން އަދި އެންމެ މައްސަލައެއް ވެސް ނުފޮނުވޭ." މެމްބަރު ހަސަން ވިދާޅުވި އެވެ.

މެމްބަރު ހަސަން ވިދާޅުވީ ފުލުހުންގެ ތެރެއިން ކުށްވެރިން ހިމާޔަތްކުރަން ގަސްތުގައި ކަންކަން ކުރާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް އަދަބުދީ، އެފަދަ ކަންކަމުން ނެއްޓެން ފުލުހުންގެ މުއައްސަސާއިން ވެސް ބޭނުންވާނެ ކަމަށެވެ. އަދި އެފަދަ ކަންކަން ކުރާ ފަރާތްތައް ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް ފުލުހުންގެ ބިލުން ތައާރަފުވެގެން އަންނާނެ ކަމަށް މެމްބަރު ހަސަން ވިދާޅުވި އެވެ.

ފުލުހުންގެ ބިލަށް ހިޔާލު ހުށަހަޅަން ބޭއްވި ބައްދަލުވުމުގައި ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވަޑައިގެންނެވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް، ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު އަދި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ސޮބާހު އެވެ.

comment ކޮމެންޓް