ސެލޫނުތަކުގައި މޭކަޕް ކުރަން ޑިސްޕޯސަބަލްތަކެތި ބޭނުން ކުރަން އަންގައި، އުސޫލު އާންމުކޮށްފި

މައިކްސް ސެލޫން: ސެލޫންތައް އަލުން ހުޅުވާއިރު އަމަލު ކުރާނެ އުސޫލު އެޗްޕީއޭ އިން ވަނީ އިއުލާންކޮފައި -- ފޮޓޯ/ މައިކްސް

ކޮވިޑާ ގުޅިގެން އާ އާންމު ހާލަތުގައި ސެލޫންތައް ހުޅުވޭއިރު، މޭކަޕް ކުރުމުގައި ޑިސްޕޯސަބަލް ތަކެތި ބޭނުންކުރަން އަންގައި، ސެލޫނުތަކާއި ބޯކޮށާ ތަންތަނުގައި އަމަލުކުރާނެ ގޮތުގެ އުސޫލު އާންމުކޮށްފިއެވެ.

އެޗްޕީއޭ އިން މިރޭ އާންމު ކުރި އުސޫލަކީ، އަލުން ސެލޫން/ބޯކޮށާ ތަންތަން ހުޅުވާއިރު، އެ ތަންތަނުގައި ރައްކާތެރިކަމާއެކު ހިދުމަތް ދިނުމުގައި އަމަލު ކުރަންވީ ގޮތް ބަޔާން ކުރާ އުސޫލެވެ.

އެ އުސޫލުގައި އެންމެ ބޮޑު ކަމެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ، ސެލޫންތަކުގައި މޭކަޕް ކުރުމަށް ބޭނުން ކުރާ ފުއްމާގަނޑު، ސްޕޮންޖު ފަދަ ތަކެއްޗަކެތީގެ ގޮތުގައި ބޭނުން ކުރަން ޖެހޭނީ ޑިސްޕޯސަބަލް ތަކެތި ކަމަށެވެ. އަދި ބޯކޮށުމަށާއި މޭކަޕް ކުރުން ފަދަ ކަންކަމަށް ޑިސްޕޯސަބަލް ތަކެތި ބޭނުން ކުރުމަށް އެދެވިގެންވާ ކަމަށް އުސޫލުގައި ބުނެފައިވެއެވެ.

ޑިސްޕޯސަބަލް ނޫން ތަކެތި ބޭނުން ކުރާނަމަ، ކޮންމެ ކަސްޓަމަރަކަށް ބޭނުން ކުރުމަށްފަހު، އެ ތަކެތި ސައިބޯނި/ޑިޓާޖަންޓް އިން ރަނގަޅަށް ދޮވެ ސާފުކުރުމަށްފަހު ޑިސްއިންފެކްޓް ކުރުމަށް އުސޫލުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ބުއިންތަކުގެ ހިދުމަތް ދޭނަމަ، އެކަމަށްވެސް ޑިސްޕޯސަބަލް ތަށި ބޭނުން ކުރުމަށް ވަނީ އެދިިފައެވެ.

މި ތަންތަން އަލުން ހުޅުވޭއިރު، ކަސްޓަމަރުންނަށް މަދުވެގެން ތިން ފޫޓުގެ ގައިދުރުމިން ބަހައްޓައިގެން ހިދުމަތް ދިނުމަށްވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އަދި އެއްފަހަރާ މިދުރުމިނުގައި ހިދުމަތް ދެވޭނެ އަދަދު ކަނޑައަޅައި، ތަނަށް ވަންނަ މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށްވެސް އުސޫލުގައި ބުނެފައިވެއެވެ.

އުސޫލުގައި ބަޔާންކޮށްފައިވާ އެހެން މުހިންމު ޝަރުތުތައް:

  • ވެއިޓިން އޭރިއާގައި މަދުވެގެން ތިން ފޫޓުގެ ގައިދުރުމިން ބެހެއްޓޭނެ ގޮތަށް ގޮނޑިތައް އަތުރާފައި ބެހެއްޓުން.
  • ވައިރަހުގެ އަލާމާތްތައް ފެންނަން ހުންނަ ފަރާތްތަކަށް ހިދުމަތް ނުދިނުން.
  • ކޮންމެ ކަސްޓަމަރަކަށް ބޭނުންކުރާ އޭޕްރަން/ފޮތިގަނޑު އަދި ބޯކޮށާއިރު ކަރުވަށައިގެން އަޅާ ތުވާލިކޮޅު ދޮވެ ސާފުކުރުމަށްފަހު، އަނެއް ކަސްޓަރަކަށް ބޭނުން ކުރުން.
  • ކަސްޓަމަރުންނަށް ގާތުން ހިދުމަތް ދިނުމުގައި ފޭސް ޝީލްޑް ނުވަތަ ގޮގްލްސް އަޅައި އަންގި ލެއްވުން. ކޮންމެ ކަސްޓަމަރަކަށް ހިދުމަތް ދިނުމުގެ ކުރިން އަންގި ބޭލުމަށްފަހު ސައިބޯނިލައިގެން ރަނގަޅަށް އަތް ދޮވެ، ގޮގްލްސް ބަދަލު ކުރުން.
  • ކޮންމެ މީހަކަށް ހިދުމަތް ދިނުމުގެ ކުރިންނާއި ފަހުން މަދުވެގެން 20 ސިކުންތު ވަންދެން ސައިބޯނިލައިގެން އަތްދޮވުން.
  • ސެލޫންގައި އެހެން މީހުންނަށްވެސް އަތް ދޮވޭނެ ނުވަތަ ސެނިޓައިޒާ ބޭނުން ކުރެވޭ ގޮތް އިންތިޒާމް ކުރުން.

މި އުސޫލުގައ މުވައްޒަފުންގެ ސާފުތާހިރުކަމާއި ރައްކާތެރިކަމަށްޓަކައިވެސް އަމަލު ކުރަން ޖެހޭ ގޮތްތައް ބަޔާންކޮށްފައިވެއެވެ.

ކޮވިޑް19އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން ސެލޫންތައް ބަންދުކޮށްފައިވަނީ އެޕްރީލް 15ގައި މާލެ އިން ފެނުނު ފުރަތަމަ ކޭސްއާއެކު އެވެ. އަލުން ސެލޫންތައް ހުޅުވާލުމަށް އެޗްޕީއޭ އިން ނިންމާފައިވަނީ އަންނަ މަހުއެވެ. ނަމަވެސް އަދި މިހާތަނަށް ސެލޫންތައް ހުޅުވާނެ ތާރީހެއް އެޗްޕީއޭ އިން ހާމައެއް ނުކުރެއެވެ.

comment ކޮމެންޓް