ފޯބްސްއިން ހޮވާ މެދުއިރުމަތީގެ އެންމެ ގަދަ 100 ކުންފުނީގެެ 25 ވަނާގައި އުރީދޫ

ފޯބްސް އިން ހޮވާ މެދުއިރުމަތީގެ އެންމެ ގަދަ 100 ކުންފުނީގެ 25 ވަނާގައި އުރީދޫ ގްރޫޕު ހިމެނިއްޖެ އެވެ.

ގަތަރުގެ އުރީދޫ ގްރޫޕަކީ މެދުއިރުމަތީގެ އިތުރުން ސައުތު އީސްޓް އޭޝިއާ އަދި ނޯތް އެފްރިކާގައި މުއާސަލާތީ ހިދުމަތްތައް ފޯރުކޮށްދޭ ކުންފުންޏެކެވެ.

ފޯބްސް އިން ވަނީ ސަރަހައްދުގެ އެންމެ ބޮޑުއެއް ޓެލެކޮމް އޮޕަރޭޓަރުންގެ ތެރޭގައި އުރީދޫ ފީޗާކޮށްފަ އެވެ. އެގޮތުން ދުނިޔޭގެ އެންމެ ބޮޑެތި ކުންފުނިތަކުގެ ވާހަކަ ގެނެސްދޭ ސެގްމެންޓުގައި ފޯބްސް އިން އުރީދޫ ގްރޫޕު ފީޗާކޮށްފައި ވަނީ މާޗު މަހު އެވެ. މެދުއިރުމަތީ ސަރަހައްދުގެ އެންމެ ބޮޑު ތިން ޓެލެކޮމް އޮޕަރޭޓަރުންގެ ގޮތުގައި އުރީދޫ ގްރޫޕު ސިފަކޮށް ބޯބްސް އިން ބުނެފައި ވަނީ އެކުންފުނީގެ ވިޔަފާރި 8.2 ބިލިއަން ޑޮލަރަށް އަރާ ކަމަށާއި އަހަރުގެ ތެރޭގައި ކުންފުންޏަށް 611 މިލިއަން ޑޮލަރުގެ ފައިދާ އެއް ލިބިފައިވާ ކަމަށެވެ.

އުރީދޫ ގްރޫޕުގެ ޗީފް އެގްޒެކެޓިވް އޮފިސާ، ޝައިހް ސައުދު ބިން ނާސިރު އައްޘާނީ ވިދާޅުވީ އުރީދޫ ގްރޫޕުން ފާއިތުވި އަހަރުތަކުގެ ތެރޭގައި ބޮޑެތި ކުރިއެރުންތައް ހީދާފައިވާ ކަމަށާއި ފޯބްސްގެ ލިސްޓުގެ 25 ވަނާގައި ހިމެނުމަކީ ކުންފުނީގެ ކުރިއެރުން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.

ގަތަރުގެ ނެޝަނަލް ޓެލެކޮމް ހިދުމަތްދޭ ކުންފުނީގެ ގޮތުގައި 1949 ވަނަ އަހަރު ފަށައިގަތްއިރު އޮތް ހަލަތުން ފެށިގެން މިހާހިސާބަށް ބަލާ އިރު ކުންފުނިން ހޯދާފައިވާ ކުރިއެރުންތަކާއި ކާމިޔާބީ އަކީ ފޯބްސްގެ ލިސްޓުގައި ހިމެނުނު ސަބަބެއް ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ކޮވިޑް19 އާއި ގުޅިގެން އަންނަމުންދާ އިގްތިސޯދީ ހީނަރުކަމާއެކު ވެސް އުރީދޫ ގްރޫޕުގެ ވިޔަފާރި ހަރަކާތްތައް ރަނގަޅުކަން ސީއީއޯ ފާހަގަ ކުރެއްވިއެެ، އެގޮތުން މިހާލަތުގައި ވެސް އެ ކުންފުނީގެ އެސެޓް ވޯތު 24.2 ބިލިއަނަކަށް އަރާކަމަށާއި މާކެޓް ވެލިޔު 5.2 ބިލިއަނަށް އަރާކަން ވަނީ ފާހަގަ ކުރައްވައިފަ އެވެ.

އުރީދޫ ގްރޫޕުގެ ދަށުން މަސައްކަތްކުރާ މުވައްޒަފުން އެކި ގައުމުތަކުގައި ތިބިއިރު ކަސްޓަމަރުންނަށް ހިދުމަތް ދިނުމުގައި މުވައްޒަފުން ކުރާ މަސައްކަތް ސީއީއޯ ވަނީ ފާހަގަ ކުރައްވައިފަ އެވެ.

އުރީދޫގެ މުވައްޒަފުންގެ ގޮތުގައި 16،000 އަށް ވުރެ ގިނަ މުވައްޒަފުން ތިބިއިރު އެ ކުންފުނީގެ ބްރޭންޑް އެމްބެސެޑަރަކީ ފުޓްބޯޅަތަރި ލަޔޮނަލް މެސީ އެވެ.

comment ކޮމެންޓް