މާވާރުލަށް ކުރާ ދަތުރުގެ އެއްކޮޅު ޓިކެޓު 827 ރުފިޔާ

މާވާރުލު އެއާޕޯޓު -- ފޮޓޯ: އެމްޓީސީސީ

ޖުލައި އިން ފެށިގެން ގދ މާވާރުލަށް ދަތުުރުތައް ފަށަން ގައުމީ އެއާލައިން މޯލްޑިވިއަން އިން ނިންމައިފި އެވެ.

ސިވިލް އޭވިއޭޝަނުން ބުނެފައިވަނީ ޖުލައި އެކަކުން ފެށިގެން މާވާރުލު އެއާޕޯޓު ހުޅުވާލާނެ ކަމަށެވެ. މޯލްޑިވިއަން އިން މއިަދު ވަނީ މާވާރުލަށް ކުރާ ދަތުރުގެ އެއްކޮޅު ޓިކެޓުގެ އަގަކީ 827 ރުފިޔާ ކަން އިއުލާނުކޮށްފަ އެވެ.

އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މާވާރުކު އެއާޕޯޓުގެ މަސައްކަތް ނިންމާ ޓެސްޓު ފްލައިޓު ޖައްސާފައިވަނީ މާޗު 11 ވަނަ ދުވަހު އެވެ.

މާޗު މަހުގެ 20 ވަނަ ދުވަހުން ފެށިގެން މާވާރުލަށް ދަތުރުތައް ފަށަން ފުރަތަމަ މަސައްކަތް ކުރިނަމަވެސް ކޮވިޑް19 އާއި ގުޅިގެން ދަތުރުތައް ފެށުން ފަސްކުރީ އެވެ.

ކޮވިޑާ ގުޅިގެން ތިން ފަހަރެއްގެ މަތިން ވަނީ މާވާރުލު ދަތުރުތައް ފެށުން ފަސްކޮށްފަ އެވެ.

މާވާރުލުގައި އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ފެށީ 2018 ވަނަ އަހަރުގެ ޖޫން މަހު އެވެ. އެ އެއާޕޯޓްގެ ރަންވޭ އާއި ޓެކްސީވޭ އަދި ފަސިންޖާ ޖެޓީގެ މަސައްކަތް ކުރީ އެމްޓީސީސީ އިންނެވެ. ޖުމްލަ 1.2 ކިލޯ މީޓަރުގެ ރަންވޭ އަކާއެކު ތަރައްގީ ކުރާ މި އެއާޕޯޓުގެ މަސައްކަތްމި އަހަރުގެ ކުރީކޮޅު ނިންމާ ދަތުރު ފެށޭނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

ގދ. މާވާރުލުގެ އިތުރުން އެ އަތޮޅު ފަރެސްމާތޮޑާގައި ވެސް އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ސަރުކާރުގެ އަމާޒަކީ މީހުން ދިރިއުޅޭ ރަށަކުން ފުރައިގެން ސްޕީޑް ލޯންޗުގައި 30 މިނެޓުން ދެވޭ ސަރަހައްދުތަކުގައި އެއާޕޯޓުތައް ތަރައްގީ ކުރުމެވެ.

comment ކޮމެންޓް