ވިކްޓިމްގެ ބަސް ހޯދާ ސީނަށް ދިޔަ ފުލުހުން ކޮމިޓީއަށް ހާޒިރުކުރަނީ

ސަފާރީއަކުން ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލަގައި އެ އަންހެން މީހާއާ ވާހަކަ ދެއްކުމަށާއި އަދި ސީނަށް ދިޔަ ފުލުހުންނާއި ހުޅުމާލޭ ޕޮލިސް ސްޓޭޝަންގެ އިންޗާޖާ ބައްދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ފާސްކޮށްފި އެވެ.

ހުޅުމާލެ ކައިރީ އަޅާފައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅީ ހުކުރު ދުވަހުގެ ފަތިހު 5:00 ހާއިރު އެވެ. މި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި އުމުރުން 39 އަހަރުގެ ދިވެހި ދެ ފިރިހެން ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ ފުލުހުން ވަނީ ދޫކޮށްލާފައެވެ.

މި މައްސަލައާ ގުޅިގެން މަޖިލީހުގެ ޖެންޑާ ކޮމިޓީގައި ވަނީ މެމްބަރުންގެ މެދުގައި މަޝްވަރާކުރުމަށްފަހު، ފަސް ހުށަހަޅުމެއް ފާސް ކޮށްފަ އެވެ.

ހުރިހާ މެމްބަރުންގެ ކަންބޮޑުވުމަކަށްވީ، މި ކަމުގައި އެކި މީޑިއާތަކުން އެކި ގޮތަށް ރިޕޯޓުކޮށްފައިވުމުން ސައްހަ މައުލޫމާތު ނޭނގުމެވެ. އަދި މިކަމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތާމެދުވެސް ސުވާލު އުފެދޭ ކަމަށް ބައެއް މެމްބަރުން ހިޔާލުފާޅުކުރެއްވި އެވެ.

އެގޮތުން މިކަމުގެ ސައްހަ މައުލޫމާތު ސާފު ކުރުމަށް އަނިޔާ ލިބުނު ފަރާތާއި ފުލުހުންނާ ބައްދަލުކުރުމަށް ގިނަ މެމްބަރުން ހުށަހެޅުއްވި އެވެ.

މި ފަސް ހުށަހެޅުން ހުށަހެއްޅުއްވީ، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިންނާ އާދަމް އެވެ. ރޮޒައިނާގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ، ފުވައްމުލަކު ދެކުނު ދާއިރާ މެމްބަރު މުހައްމަދު މުމްތާޒެވެ.

ރޮޒައިނާ ހުށަހެޅުއްވީ، ފުރަމަތަ ހުށަހެޅުމަކީ، މިކަމުގައި އަނިޔާ ލިބުނު ފަރާތުގެ ސަލާމަތާއި ރައްކާތެރިކަން ޖެންޑާ މިނިސްޓްރީން ކަށަވަރުކޮށްދިނުމަށް ކޮމިޓީގެ ފަރާތުން ދެންނެވުމެވެ.

ދެވަނަ ހުށަހަޅުމަކީ، މިކަމުގައި، ފުލުހުން އަމަލުކޮށްފައިވާ ގޮތް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ބަލައި، އެކަން ކޮމިޓީއާ ހިއްސާކުރުމެވެ.

ތިންވަނަ ހުށަހެޅުމަކީ، އަނިޔާ ލިބުނު އަންހެން މިހާގެ ފަރާތުން މިކަމުގެ މައުލޫމާތު ސާފުކުރުމަށް އޭނާއާ ބައްދަލުކުރުމަށެވެ.

ހަތަރު ވަނަ ހުށެހެޅުމަކީ، އަނިޔާ ލިބުނު ފަރާތް އިތުރަށް ވިކްޓިމައިޒްވާ ގޮތަށް މިޑީއާތަކުން ދޮގު ހަބަރު ނުފަތުރާކަން ކަށަވަރުކުރުމަށް، މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނަށް ދެނެނެވުމެވެ.

ފަހު ހުށަހެޅުމެއްގެ ގޮތުގައި ރޮޒައިނާ ހުށަހެއްޅުވީ، މިކަމުގައި ފުލުހުން ކަންކޮށްފައިވާ ގޮތް ބެލުމަށް، ސީނަށް ދިޔަ ފުލުހުންނާއި ހުޅުމާލޭ ޕޮލިސް ސްޓޭޝަން އިންޗާޖާއެކި ވަކި ވަކިން ބައްދަލު ކުރުމަށެވެ. އެގޮތުން މާދަމާއަށް މި ބައްދަލުވުން ހަމަޖެއްސުމަށް ހުށަހެޅުން ހުށަހަޅާފައިވެ އެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ، ނައިބު މުގައްރިރު ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ) އެވެ. ކޮމިޓީގެ މި މަސައްކަތް އެއްވެސް ފަސް ޖެހުމެއްނެތި މިނިވަންކަމާއިވީހާވެސް އަވަހަކަށް ކޮމިޓީގެ މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

"މިއީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް ކަމެއް. އަޅުގަނޑުމެން ރައްޔިތުންނަށް ޔަގީންކަން ދެން މިކަން ހާމަކަން ބޮޑުކޮށް، މިނިވަންކަމާއި އިންސާފުވެރިކަމާއެކު ބަލާނެ ކަމުގެ. މިކަމުގެ ޒާތުން ލަސްކުރެވެން ނެތް. މެމްބަރުން ތިޔަ ހުށަހެޅުއްވި ހުށަހެޅުންތަކާއެކު މިއަދުން ފެށިގެން މަސައްކަތް ފައްޓާނަން،" ފިއްޓޭ ވިދާޅުވި އެވެ.

comment ކޮމެންޓް