ސަފާރީ ކޭސް: ފުލުހުން އިހުމާލުވިތޯ ބަލަން އެންއައިސީ ކޮމެޓީއަށް ހާޒިރުކުރަނީ

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

މިދިޔަ ހުކުރު ދުވަހުގެ ރޭ ހުޅުމާލޭ ބޭރުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ދެމީހުން ދޫކޮށްލުމުގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލަން، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފި އެވެ.

އެ މައްސަލައިގަައި މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި، ކޮމިޓީގެ ނައިބު މުގައްރިރު އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް ވަނީ މައްސަލައިގައި ފުލުހުން އިހުމާލުވެފައި ވޭތޯ ބެލުމަށް އެންއައިސީ ކޮމިޓީއަށް ހާޒިރުކުރުމަށެވެ.

މީކާއިލް ހުށަހެޅުއްވީ މާދަމާ ވެސް އެންއައިސީއަށް ހާޒިިރުވޭވެނަމަ ހާޒިރުކުރުމަށާއި، ނޫން ނަމަ ކޮމިޓީގެ ގަވާއިދުގައި ބުނާގޮތަށް ފަސް ދުވަސް ދިނުމަށްފަހު، ޖެހިގެން އަންނަ ދުވަހު ހާޒިރުކުރުމަށެވެ.

މީކާއީލްގެ ހުށަހެޅުއްވުމަށް، ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ވަނީ ތާއީދުކުރައްވައިފައެވެ. އަދި އެ ހުށަހެޅުން މިއަދު ކޮމިޓީން ފާސްކުރީ ހުރިހާ މެމްބަރުންގެ ވޯޓުންނެވެ.

މިދިޔަ ހުކުރު ދުވަހުގެރޭ ހުޅުމާލޭ ބޭރުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރު ކުރުމަށްފަހު، ބަންދުގައި ބައިތިއްބަން ޖެހޭ ސަބަބެއް ނެތް ކަމަށް ނިންމައި އެމީހުން ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.

އެ މީހުން ދޫކޮށްލީ މަޖިލީހުގެ މެންބަރެއްގެ ގާތް ފަރާތަކަށް ވާތީ ކަމަށާއި މަައްސަލައަށް ސިޔާސީ ނުފޫޒު ވަދެފައިވާކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އަދި ހައްޔަރު ކުރި އެކަކަކީ، މަޖިލީހުގެ މެމްބަރެއްގެ ފިރިކަލުން ކަމަށް ވެސް ބައެއް މީހުން އަންނަނީ ތުހުމަތު ކުރަމުންނެވެ.

މި މައްސަލައާ ގުޅިގެން މިއަދު ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާފައިވާއިރު، މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އާއި ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވެސް އަންނަނީ އެ މައްސަލަ ބަލަމުންނެވެ.

ނަމަވެސް ޖެންޑާ ކޮމެޓީން މައްސަލަ ބެލުމުގައި، ކޮމެޓީގެ މުގައްރިރު، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ބައިވެރިވެވަޑައިނުގަންނަވާނެ އެވެ.

comment ކޮމެންޓް