ގުޅީފަޅުން ދިރިއުޅުމަށް ގޯތި ދިނުމާމެދު މަޝްވަރާކުރަނީ

މިނިސްޓަރު މުހައްމަދު އަސްލަމް --- ސަންފޮޓޯ/ މުހައްމަދު އަވްޝަން އިލިޔާސް

އަލަށް ހިއްކުމަށް ފަހު ގުޅީފަޅު ތަރައްގީކުރާއިރު އެތަނުން މާލޭ މީހުންނަށް ގޯތި ދޫކުރުމާމެދު މަޝްވަރާތަކެއް ކުރަމުންދާ ކަމަށް ހައުސިންގް، ޕްލޭނިންގް އަދި އިންފްރާންސްޓްރަކްޗަ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އާދަމް އަލީ ވިދާޅުވީ ރައްޔިތުންނަށް ގޯއްޗެއް ކަނޑާފައި ދިނުމަކީ އެޖެންޑާ 19އިން ރައްޔިތުންނަށް ވެފައިވާ ވައުދެއް ކަމަށެވެ.

މާލޭގޭ ކުދި ކުދި ތަންކޮޅުކޮޅު ދޫކޮށްލުމުން އެމީހުންނަށް ބިން ކަނޑާފައި ދިނުމަށް ކުރިން ހިންގި ވެށި ފަހި މާލެ ޕްރޮގްރާމް ހިންގުމަކީ އެމްޑީޕީގެ ރިޔާސީ ވައުދެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އެހެންކަމުން މާލޭ ރައްޔިތުން ކުދި ތަންކޮޅު ދޫކޮށްލުމުން ގޯތި ދިނުމުގެ ވިސްނުން މިޙާރު އޮތީ ކިހިނެތްތޯ އާދަމް އަލީ ސުވާލު ކުރެއްވި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ދިރިއުޅުމަށް ކަނޑައެޅޭ ބިންތަކެއް ގުޅިފަޅު ޕްރޮޖެކްޓުގެ ތެރޭގައި ކޮންމެވެސް ވަރަކަށް ހިމެނޭނެ ކަމަށެވެ.

"ގުޅިފަ މެއިންލީ އެީ ޕޯޓް ސިޓީއެއް. ގުޅިފަޅު ޕޯޓާއި ނޯތު ހާބާއަށް ލުއިތަކެއް ލިބިގެން ދާނެ. ތަފަތު ތަނަކަށް އެތަން ވެގެން ދާނެ. ކޮންމެވެސް މިންވަރަކަށް އެހެންނަމަވެސް އެބަހުރި ދިރިއުޅުމަށް ބިން ކަނޑައެޅިފައި. ދޭނީ ގޯތި ކަނޑާފައި ދޭނީއޭ. އެހިސާބަށް ފައިނަލްއެއް ނުކުރެވޭ އަދިއެއް." އަސްލަމް ވިދާޅުވި އެވެ.

މާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން 21،013 އާއިލާއަކަށް ބޯހިޔާވަހިކަން ބޭނުންވާ ކަމަށް އަސްލަމް ވިދާޅުވި އެވެ. އަދި ވިދާޅުވީ ގުޅިފަޅުގައި ދިރިއުޅެން ކޮންމެވެސް ވަރަކަސް ބިން ލިބޭނެ ކަމަށެވެ.

"ގުޅިފަޅުގައި ދިރިއުޅުމަށް ބިން ކަނޑައެޅޭނެ. ގާތްގަނޑަކަށް 1200 ވަރަކަށް ބިންކޮޅު ގުޅިފަޅުން ނެގޭނެ. ކޮންމެވެސް މިންވަރަކަށް ގުޅިފަޅުގައި މީހުން ދިރިއުޅޭނެ." އަސްލަމް ވިދާޅުވި އެވެ.

ގުޅިފަޅާއި ތިލަފުށި އަދި މާލެ ބްރިޖަކުން ގުޅާލުމުގެ މަސައްކަތަކީ މި ސަރުކާރުން ފަށާފައިވާ މަސައްކަތެކެވެ. އެކަން ކުރަނީ އިންޑިއާ ސަރުކާރުގެ އެހީގަ އެވެ. އަސްލަމް ވިދާޅުވީ ސްޕެސިމަންޓް ޑިޒައިން ނިމި އެކަމަށް ބޭނުންވާ ފިސިކަލް ސާވޭ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށެވެ.

comment ކޮމެންޓް