ޝަރީއަތް ނިމެންދެން ފާރިސް ބަންދުކުރީ ގާނޫނާ ހިލާފަށް: ހައިކޯޓު

ފާރިސް މައުމޫން ކޯޓަށް ހާޒިރުކުރުމަށް މާލެ ގެނެސްފައި --- ސަން ފޮޓޯ: ފަޔާޒު މޫސާ

ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނުކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވަނިކޮށް، ރައްޔިތުންގެ މަޖިލިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކުރީ ރަނގަޅަށް ނޫން ކަމަށް، ހައިކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

އެ މައްސަލައިގައި މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް
ކުރިމަތިވެދާނެކަމަށް ފެންނާތީއާއި ހެއްކަށް ނުފޫޒު ފޯރުވަފާނެކަމަށްޓަކައި މައްސަލާގައި ހުކުމެއް ކުރެވެންދެން ނުވަތަ ޝަރީއަތުން އެހެން ގޮތެއް ކަނޑައަޅަންދެން ރިމާންޑް ޖަލެއްގައި ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުންް އަމުރުކުރީ 2018 ވަނަ އަހަރުގެ މާޗު މަހުއެވެ.

އެ އަހަރުގެ ސެޕްޓެމްބަރު މަހު ފާރިސް ވަނީ، އެއީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ނެރުނު އަމުރެއް ކަމަށް ބުނެ، އެ އަމުރު ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އަދި މައްސަލަ އިސްތިއުނާފުކޮށް 11 ނުކުތާއެއް ވަނީ ހުށަހަޅުއްވައިިފައެވެ.

މައްސަލަ ބެލުމަށްފަހު ހައިކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހިފެއްޓިފައިވާ ހައްގުތަކާއި މިނިވަންކަން އަދި އެހާލަތުގެ ދަށުން އަމަލުކުރުން ވަގުތީގޮތުން ހުއްޓާލެވިފައިވާ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ކުއްލި ނުރައްކަލުގެ ހާލަތުގައި އަމަލު ކުރެވޭނެ ދުސްތޫރީ އަދި ގާނޫނީ ހަމައެއް ނެތް ކަމަށެވެ.

އެހެންކަމުން ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރުމަށްފަހު، ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮއްވާ ފާރިސްގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ހައިކޯޓުގެ ހުކުމްގައި ވެއެވެ.

އަދި ކުއްލި ނުރައްކަލުގެ ހާލަތު ރައީސުލްޖުމްހޫރިއްޔާ އުވާލި ވަގުތުން ފެށިގެން، ފާރިސް ބަންދުކޮށްފައި ހުންނަ ހުރުމަކީ ގާނޫނުއަސާސީއާއި ގާނޫނާ ހިލާފު ކަމެއްކަމަށްވާތީ، ކްރިމިނަލް ކޯޓުގެ އަމުރަކީ ނޫނުއަސާސީއާ ހިލާފަށް ކުރިއަށް ގެންގޮސްފައިވާ އިޖުރާއަތު ތަކެއްގެ ދަށުން ނެރެފައިވާ
އަމުރެއްކަމުގައި ބެލެވޭ ކަމެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ނެރުނު ގަރާރުގެ ދަށުން ހިފެހެއްޓިފައިވާ ހައްގުތައް ތަހުގީގު މަރުޙަލާގައި ހިފެހެއްޓުނު ނަމަވެސް މައްސަލައިގެ ތަހްގީގު ނިމި ޝަރީއަތަށް ހުށަހަޅައި ބަންދުކޮށްފައިވާ މުއްދަތު އިތުރުކުރުމުގައި އެ ހައްގު ހިފެހެއްޓުމުގެ ޟަރޫރަތެއް ނެތްކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ.

ނަމަވެސް ހައިކޯޓުން ބުނީ ގާނޫނުއަސާސީއާއި ގާނޫނުތަކުން ލިބިދޭ ހައްގުތަކާއި މިނިވަންކަން ކުއްލި ނުރައްކަލުގެ ހާލަތުގައި ހިފަހައްޓާނެ މިންވަރު ކަނޑައަޅާނެ ފަރާތަކީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާކަން ގާނޫނުއަސާސީން އެނގޭއިރު، ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަކީ ގާނޫނީ އަދި ދުސްތޫރީގޮތުން ބަލައިގެނެވޭނެ ވާހަކަތަކެއް ނޫންކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ނެރުއްވާފައިވާ ގަރާރުގެ ދަށުން އަމަލުކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ގާނޫނަށް ނުވަތަ އެގަރާރުގެ ދަށުން ހިފަހައްޓާފައިވާ މާއްދާތައް، އެގަރާރު ދެމިއޮތްހާ ދުވަހު ހިފެހެއްޓިފައިވާނެކަމާއި، މިގޮތަށް ގަރާރު ދެމިއޮއްވާ އެހެން މުއައްސަސާއަކުން ނުވަތަ ކޯޓަކުން އެފަދަ
ގާނޫނެއް ނުވަތަ އެފަދަ ހައްގެއް ނުވަތަ މިނިވަންކަމެއް ދިރުވުމަކީ ރައީސުލްޖުމްހޫރިއްޔާ ފިޔަވައި އެހެން
ފަރާތަކަށް ލިބިގެންވާ ބާރެއްނޫންކަމަށް ވެސް ހުކުމްގައި ވެއެވެ.

"ދެންފަހެ، އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެގޮތުގެ މަތިން ހުރުމުން، ކްރިމިނަލް ކޯޓުގެ ކޯޓު އަމުރަކީ ބާތިލް އަމުރެއްކަމަށް ކަނޑައަޅައި ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކޮށްފީމެވެ." ހައިކޯޓުގެ ހުކުމްގައިވެއެވެ.

މައްސަލައިގެ އިސްތިއުނާފީ ނުކުތާތަކުގެ ތެރޭގައި ކޯޓު އަމުރެއްގެ ދަށުން ފާރިސް ހައްޔަރުކުރުމަށްފަހު، ބަންދާމެދު ގޮތެއް ނިންމުމަށް 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށްފައި ނުވުމަކީ ގާނޫނުއަސާސީއާ ހިލާފުކަމެއް ކަމަށް ބުނެެފައިވެއެވެ.

އެ ނުކުތާއާ ގުޅިގެން ހައިކޯޓުން ބުނެފައި ވަނީ ފާރިސް ހައްޔަރުކުރެވުނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންކަން އެނގެން އޮންނަ ކަމަށާއި، ކުއްލި ނުރައްކަލުގެ ހާލަތުގައި ބަންދާ މެދު ގޮތެއް ނިންމަންޖެހޭ މާއްދާ ސަސްޕެންޑްކޮށްފައިވާތީ، އެއީ ގާނޫނުއަސާސީ އާ ހިލާފު ކަމެއްކަމަށް ކަނޑައެޅޭނެ ގާނޫނީ ހަމައެއް ނެތް ކަމަށެވެ.

އަދި ފާރިސްގެ ފަރާތުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ސައްހަކަމާ މެދު ވެސް ސުވާލުއުފައްދަވައިފައެވެ. ނަމަވެސް ހައިކޯޓުން ބުނެފައި ވަނީ އެއީ ދުސްތޫރީ ގޮތުން ސައްހަ ނިންމުންތަކެއް ކަމަށް ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހަށް ލަފާދީފައިވާތީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި ގަރާރުގެ ސައްހަ ކަމާމެދު ހައިކޯޓުގައި ބަހުސް ކުރުމުގެ ގާނޫނީ ހައިސިއްޔަތު ލިބިގެން ނުވާކަމަށެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ފައިސަލް އާއި ފަނޑިޔާރު ޝުޖާއު އުސްމާންގެ އިތުރުން ފަނޑިޔާރު އަލީ ސަމީރެވެ.

ޝަހުސު އޮޅުވާލި ކަމުގެ ކުށް ސާބިތުވެ، ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް ހަތަރު މަހަށް ޖަލަށް ލާން ވެސް ހުކުމް ކުރިއެވެ. ނަމަވެސް ހައިކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށްފައެވެ.

ފާރިސްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާގެ އިތުރުން، ރިޝްވަތުގެ ދައުވާ ވެސް އުފުލިއެވެ. އެހެން ނަމަވެސް ދެ ދައުވާވެސް ވަނީ ފަހުން އަނބުރާ ގެންގޮސްފައެވެ.

comment ކޮމެންޓް