އެމެރިކާގެ ސިފައިން މެރުމަށް ތަލިބާނުންނަށް ފައިސާ ނުދޭކަމަށް ރަޝިއާއިން ބުނެފި

އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި ސިފައިން ހަރަކާތްތެރިވަނީ---

އެމެރިކާގެ ސިފައިން މެރުމަށް ތަލިބާނުންނަށް ފައިސާ ދިންކަމަށް ބުނާ ވާހަކަތައް ރަޝިއާއިން ދޮގުކޮށްފި އެވެ.

ޔޫރަޕްގައި ހަރަކާތްތެރިވާ ރަޝިއާގެ މިލިޓަރީި އިންޓެލިޖެންސްގެ ޔުނިޓަކުން އެފަދަ ފައިސާގެ މުއާމަލާތްތަކެއް މިދިޔަ އަހަރު ކޮށްފައިވާ ކަމަށް ބުނެ އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ މަޝްހޫރު ނިއުޔޯކްޓައިމްސްއާއި ވޮޝިންގްޓަން ޕޯސްޓް ނޫހުން ދާދި ފަހުން ވަނީ ރިޕޯޓްކޮށްފަ އެވެ.

އެމެރިކާގައި ހުންނަ ރަޝިއާގެ އެމްބަސީން ބުނީ އޭވާހަކަތަކުގެ ސަބަބުން ރަޝިއާގެ ޑިޕްލޮމެޓުން ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށެވެ. އަދި ތަލިބާނުންނަށް އެއްވެސް ކަހަލަ "ޑީލް" އެއް ނޯންނާނެ ކަމަށް ވެސް އެމްބަސީން ބުންޏެވެ.

ރަޝިއާއާ ތަލިބާނުންނާ ގުޅުން އޮންނަކަމުގެ އަޑުތަކެއް ފެތުރުނުއިރު އެމެރިކާއާއި ތަލިބާނުންނާ ދެމެދު މިހާރު ދަނީ ސުލްހައިގެ އެއްބަސްވުމެއް ގާއިމްކުރުމަށް މަސައްކަތް ކުރަމުންނެވެ.

ނިއުޔޯކް ޓައިމްސްއިން އިތުރަށް ބުނީ ރަޝިއާއާ ތަލިބާނުންނާ ގުޅުން އޮންނަ ވާހަކަތައް މިދިޔަ މާޗު މަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަމާލުކަމަށް ވެސް ގެނައިކަމަށެވެ. ނަމަވެސް ވައިޓް ހައުސްއިން ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.

މިދިޔަ އަހަރު އެމެރިކާގެ 20 ސިފައިން އަފްގާނިސްތާނުގައި މަރުވިއެވެ.

ކުރީގެ ސޯވިއަޓް ޔޫނިއަންގެ ދުވަސްވަރު ރަޝިއާގެ ސިފައިން އަފްގާނިސްތާނު އަޅުވެތިކޮށް އެތައް އަހަރެއް ވަންދެން ހަނގުރާމަ ކުރިއެވެ. ނަމަވެސް ފަހުން ވަނީ ބަލި ގަބޫލްކޮށް އެގައުމުން ފައިބައިފަ އެވެ.--ބީބީސީ--

comment ކޮމެންޓް