ސަފާރީއެއްގައި ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުން ދޫކޮށްލައިފި

ހުޅުމާލޭ ފަޅުގައި ސަފާރީތަކެއް އަޅާފައި-- ފޮޓޯ:

ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި އަންހެނަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެމީހުން ދޫކޮށްލައިފިއެވެ.

ހުޅުމާލެ ކައިރީ އަޅާފައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅީ 26 ޖޫން ދުވަހުގެ ފަތިހު 5:00 ހާއިރުއެވެ.

އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ވަނީ އެ ސަފާރީ އިން 39 އަހަރުގެ ދެ ދިވެހިން ހައްޔަރުކޮށްފައެވެ.

ނަމަވެސް އެ ދެމީހުން ތަހުގީގަށް ހައްޔަރުކޮށްފައި ބެހެއްޓޭނެ އެކަށީގެންވާ ސަބަބެއް ނެތުމުން، އެ ދެމީހުން ވެސް މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން ބުނީ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ.

ފަހަކަށް އައިސް ޖިންސީ ގޯނާގެ މައްސަލަތައް ފެންމަތިވާ މިންވަރު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މާލޭގައި 18 އަހަރުން ދަށުގެ ދެ ކުއްޖަކު ރޭޕް ކުރި މައްސަލައެއް ފެންމަތިވެ، މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، އައްޑޫ ސިޓީ މީދޫގައި އެކަކު، ތިން އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ވެސް ވަނީ ފުލުހުންނަށް ހުށަހަޅާފަ އެވެ.

comment ކޮމެންޓް